ޖޮއިންޓް ޕީޖީ މިހާރު އެބައޮތްތޯ ޤާސިމް ސުވާލު އުފައްދަވައިފި

18 Jan 2019 | 22:54

ގުޅިފަިވާ ޕާޓީތަކުގެ މަޖިލިސް މެންބަރުން އެކުލެވޭ ޖޮއިންޓް ޕާލިމެންޓްރީ ގްރޫޕް މިހާރު އެބައޮތްތޯ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ކުރައްވައިފިއެވެ.

މިރޭ އެމަނިކުފާނު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ ޖޭޕީޖީ އެމްޑީޕީ އިން ރޫޅާލަފާނެކަމަށް ބުނީމަ ހައިރާން ނުވާކަމަށާއި ސުވާލަކީ މިހާރު އެބައޮތް ހޭއެވެ.

"އިތުރަށް ރޫޅާލާކަށް މަޖިލީހަށް ހުރިހާ ގޮނޑިއަކަށް ކުރިމަތިލުމަށް އެމްޑީޕީ އިން ނިންމީމާ އެއްބަސްވުމާ ވައުދާ އަހުދާ ހިލާފު ވެ އެ ނިންމީ ނޫންތޯ" ޤާސިމް ގެ ވިދާޅުވިއެވެ.

ސަރުކާރުގައި ދެވަނައަށް އެންމެ ބޮޑު ހިއްސާ އޮންނަ ޖުމްހޫރީ ޕާޓީގެ ލީޑަރު މިފަދައިން ވިދާޅުވެފައި މިވަނީ މިއަދު އެމްޑީޕީގެ ޕީޖީ ގްރޫޕުން ނެރުނު ނޫސްބަޔާނާއި ގުޅިގެންނެވެ.

އެމްޑީޕީން ނެރުނު ބަޔާނުގައި ސަރުކާރު ހިންގާ ކޯލިޝަންގެ މަޖިލިސް މެންބަރުން ހިމެނިވަޑައިގަންނަވާ ޖޮއިންޓް ޕާލަމަންޓްރީ ގްރޫޕް ރޫޅާލާނެކަމުގެ އިޝާރާތެއް އެމްޑީޕީންވަނީ ކޮށްފައެވެ.

މި ބަޔާނުގައި ވާގޮތުގައި ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް ކުރިމަތިނުލެއްވޭނޭގޮތް ހެއްދެވުމަށްޓަކައި ޖޮއިންޓް ޕާރލަމެންޓްރީ ގްރޫޕް ގެ ޖުމްހޫރީ ޕާރޓީއަށް ނިސްބަތްވެވަޑައިގަންނަވާ ދިއްދޫ ދާއިރާގެ މެމްބަރ ޢަބްދުލްލަތީފު މުޙައްމަދު، ޤާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފަށް މަޖިލީހަށް އިސްލާޙެއް ހުށަހަޅުއްވައި، އަދި އެ އިސްލާޙު އަނބުރާ ނަންގަވާފައި ނުވާތީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ ގެ ޕާރލަމެންޓްރީ ގްރޫޕުން އެކަން އެންމެ ހަރުއަޑުން ކުށްވެރިކޮށްފައިވެއެވެ.

އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކުރައްވައިގެން ޤާނޫނުއަސާސީއާ ޚިލާފަށް ހުށަހަޅުއްވާފައިވާ އެ އިސްލާހު އަނބުރާ ނެންގެވުމަށް ގޮވާލއި، ޖުމްހޫރީ ޕާރޓީގެ ލީޑަރޝިޕުން އެކަމުގައި އިސް ދައުރެއް އަދާކުރައްވައި އެކަން ކަށަވަރުކޮށްދެއްވުމަށް ވެސް އެމް.ޑީ.ޕީ ޕާރލަމެންޓްރީ ގްރޫޕުން ވަނީ ގޮވާލައްވާފައެވެ.

އަދި މިފަދަ ޢަމަލުތަކުގެ ސަބަބުން ޖޮއިންޓް ޕާރލަމެންޓްރީ ގްރޫޕްގެ ގުޅުމަށް އަރައިފާނޭ ބުރުލަކާ މެދު ވިސްނާވަޑައިގަތުމަށާއި މަސްލަޙަތު ނުގެއްލޭނޭގޮތަށް ޢަމަލުކުރެއްވުމަށް ވެސް އެމްޑީޕީގެ ބަޔާނުގައި އިލްތިމާސްކުރައްވާފައިވެއެވެ.

Advertisement

ކޮމެންޓް