ދިއްފުށީ ރަށްގިރުމުގެ މައްސަލަ: ހައްލު ނުހޯދި ރަށުގެ ބަންޑާރަ ގޯތިތައްވެސް ނެތިދަނީ

ދިއްފުށީ ގިރާލާގައިވާ ސަރަހައްދެއް: ފޮޓޯ/ވޮއިސް

ރަށް ގިރުމަކީ ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ދިމާވެފައިވާ ތިމާވެށީގެ އެންމެ ބޮޑު އެއް މައްސަލައެވެ. ރަށުގެ އެއް ސަރަޙައްދު ގިރާ އިރު އަނެއް ސަރަޙައްދު ވޮޑޭ ވޮޑުމަކީ އާންމު ކަމެކެވެ. އެހެންނަމަވެސް، ބައެއް ރަށްރަށުގައި މި މައްސަލަ އިންތިހާއަށް ބޮޑުވެ، ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުތަކަށްވެސް އޭގެ ސަބަބުން ގެއްލުންވެ އުދަގޫތަކާއި ކުރިމަތިލާންޖެހެއެވެ. 

އާބާދީގެ ގޮތުން 1,300 އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ ކ.ދިއްފުށްޓަށްވެސް ރަށްގިރުމުގެ މައްސަލަ ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ. 2000 ވަނަ އަހަރުން ފެށިގެން އެ މައްސަލަ ބޮޑުވަމުން އަންނަ އިރު، އޭގެ ނަތީޖާއެއްގެ ގޮތުން އެ ރަށުގެ އެއްބައި މަގުތަކާއި ބަންޑާރަ ގޯތިތައްވެސް މިހާރު ވަނީ ގިރާލާފައެވެ. 

ރަށްގިރުމުގެ ސަބަބުން ރަށަށް ބޮޑެތި ގެއްލުންތަކެއް

ފުޅާދާއިރާއެއްގައި ލޯކަލް ޓޫރިޒަމް ވެސް ހިންގަމުން އަންނަ މިރަށުގައި ރަށްގިރުމުގެ މައްސަލަ ބޮޑަށް ދިމާވާން ފެށީ  2000 ވަނަ އަހަރު ތެރޭގައި އެ ރަށުގެ އިރުމަތި ފަރާތުގައި އަލަށް ލީ ފަސްގަޑާއިއެކުގައި ކަމަށް އެ ރަށު  ކައުންސިލް މެންބަރ އަޙްމަދު ޝަޔާޒު ވޮއިސް އަށް ދެއްވި ބަސްދީގަތުމެއްގައި ކިޔައިދެއްވިއެވެ. އެގޮތުން އެ ފަސްގަނޑު ލުމާއި ގުޅިގެން އެ ރަށުގެ ހުޅަގުފަރާތުގައި އޮންނަ އަޑި ގަނޑު އިތުރަށް ފުންވެސް އެ ފަރާތް ބޮޑަށް ގިރަށް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. 

"ރަށްގިރުމުގެ ސަބަބުން ބަނޑާރަ ދެގޯތި މިހާރު އަންނަނީ ގިރަމުން. އެއްގޯތި ހަމަ ނެތި ގޮއްސައި. ހުޅަނގު ފަރާތް އަޑިވެގެން ދިޔުމުގެ ސަބަބުން، އެންމެ ފަހުން ރަށަށް އުދަ އެރި އިރުވެސް ރަށުގެ ގާތް ގަނޑަކަށް، ހުޅަނގު ފަރާތުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަށް ރާޅުއަރައިގެން ދިޔައީ. ދެން ބައެއް މަގުތައް، މިސާލަކަށް ސުކޫލުން ފެށިގެންގޮސް، އެތެރެއިން އަރައިގެން ބަނދަރާއި ވަރަށް ކައިރި ހިސާބަކަަށް އުދަ އަރައިގެން ދިޔަ"  ކައުންސިލްގެ  މެންބަރ ވިދާޅުވިއެވެ. 

ދިއްފުށީ ގިރާލާގައިވާ ސަރަހައްދެއް: ފޮޓޯ/ވޮއިސް

މީގެ އިތުރުން ވެސް ދިއްފުށީގައި އުދަ އަރައި ރަށްގިރުމު ސަބަބުން، އެ ރަށު ފުޓުބޯޅަ ދަނޑުގެ ދެކުނުން ވަރަށް ބޮޑަށް ގިރައި، ދަނޑުގެ ކަން ވެއްޓޭން ވަރަށް ކައިރިވާ ހިސާބަށް ދިޔަކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އެކަން ހައްލު ކުރުމަށް  ކައުންސިލުން އިސްނަގައިގެން އެތަނަށް ގައު އަޅައި ހިމާޔަތް ކޮށްފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

"ރަށުގެ އިރުމަތި ފަރާތަށް އަޅާފައި އެ އޮތް ފަސްގަނޑު، ސިނާއީ ޒޯން އަޅުގަނޑުމެން ކިޔަނީ، ސިނާއީ ޒޯންގެ ބޭރަށް ޖަހާފައި ހުރި ހިލަތަކުގެ މަތިން އުދަ އަރައި ފައިވޭ. އޭގެ އިތުރުން ވެސް އިރުމަތި ފަރާތަށް މި ވެލިގަނޑު ލުމުގެ ސަބަބުން ރަށުގެ އެކި ތަންތަން އަންނަނީ ގިރަމުން. " އުދަ އެރުމުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކުގެ ތަފްސީލު ދެއްވަމުން ކައުންސިލްގެ މެންބަރ ވިދާޅުވިއެވެ. 

ދިއްފުށީ ގިރާލާގައިވާ ސަރަހައްދެއް: ފޮޓޯ/ވޮއިސް

އޭގެ ނަތީޖާއެއްގެ ގޮތުން ދިއްފުށީ ބަދަރުގެ ވާޓަރު ކައިރިއަށް އެކި ހިސާބު ތަކުން ފަސްގަނޑު ދަމަމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

މައްސަލަ ހައްލު ކުރުމަށް ކައުންސިލުން ގިނަ މަސައްކަތް ތަކެއް

ދިށްފުށްޓަށް ކުރިމަތިވެފައިވާ ރަށްގިރުމުގެ މިމައްސަލަ ހައްލު ކުރުމަށް އެދި ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކަށް ގުޅައި ސިޓީ ފޮނުވުމުގެ އިތުރުން، އެރަށުގެ ކައުންސިލުން އިސްނަގައިގެންވެސް ގިނަ ކަންތައްތަކެއް މިހާރު ވަނީ ކޮށްފައެވެ. 

އެގޮތުން، 2016 ވަނަ އަހަރުތެރޭ ރަށަށް ވަރަށް ބޮޑަށް އުދަ އެރުމުގެ ސަބަބުން އޭގެ އަސަރު ރަށުގެ ބޮޑު ބަޔަކަށް ކޮށްފައިވާއިރު، އެކަން ހައްލު ކުރުމުގެ ގޮތުން ކައުންސިލާއި، ރަށުގެ ޒުވާނުންނާއި، ކުންފުނިތަކާއި، އަމިއްލަ ފަރާތްތަކުގެ އެހީގައި ވަނީ އެކި ސަރަހައްދުތަކުގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކޮށްފައެވެ. 

މީގެ އިތުރުންވެސް އެ ރަށުގެ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް ކައުންސިލުންވަނީ 2019 ވަނަ އަހަރުތެރޭގައި ޕްލޭނިންގ މިނިސްޓްރީ އާއި ބައްދަލުކޮށް މަޝްވަރާކޮށްފައެވެ. އަދި އެކި ފަހަރު މަތިން އުދައެރުމާއި ރަށްގިރުމުގެ މައްސަލަ ކ. އަތޮޅު ކައުންސިލާއިވެސް ހިއްސާކޮށްފައިވާއިރު، އޭގެ އިތުރުންވެސް އެ މައްސަލަ ކަމާއި ބެހޭ އެކި އިދާރާތަކަށް އެންގުމަށް ސިޓީ ލައި، ރަށަށް ލިބެމުންދާ ގެއްލުން ތަކުގެ ފޮޓޯތައްވެސް ކައުންސިލުން ވަނީ ހިއްސާކޮށްފައެވެ.  

އެގޮތުން، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ބަޖެޓުގައި ދިއްފުށީ ބިން ހިއްކައި ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއު ގެ ދަށުން އެ ރަށު އިރުމަތީ ފަރާތު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހިމަނާފައިވޭތޯ ބަލައި، ހިމަނާފައިވާނަމަ، މަސައްކަތް ކުރިއަށް ގޮސްފައިވާ ހިސާބަކާއި، މަޝްރޫއު ގެ އަމަލީ މަސައްކަތް ފެށޭނެ އިރެއް ބެލުމަށްވެސް ކައުންސިލުން ވަނީ ޕްލޭނިންގ މިނިސްޓްރީ އަށް ސިޓީ ލާފައެވެ. 

އެހެންނަމަވެސް، އެ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކަށް ސަރުކާރުގެ މާ ބޮޑު އެއްބާރުލުމެއް ނުލިބޭ ކަމީ ކައުންސިލާއި ރައްޔިތުން ވެސް ހިތާމަ ކުރާ ކަމެކެވެ. 

ދިއްފުށީ ގިރާލާގައިވާ ސަރަހައްދެއް: ފޮޓޯ/ވޮއިސް<div></div>

މީގެ އިތުރުން ވެސް، އުދައެރުމުގެ ސަބަބުން ކެނޑިނޭޅި ބޮޑެތި ގެއްލުންތައް ލިބެމުންދާތީ އެ ކަމާއި ގުޅޭ ޓެކްނިކަލް ފަރާތްތަކުގެ ލަފާއާއި އެކު ސްޓޯމް ވޯޓާ ސިސްޓަމެއް ގާއިމް ކުރުމުގެ އިންތިޒާމް ހަމަޖައްސައި ދިނުމަށްއެދި ރައީސުލްޖުމްހުރިއްޔާގެ އޮފީހަށް ސިޓީ ވެސް ލާފައިވާނެ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ. 

މި މައްސަލައަށް ދާއިމީ ހައްލެއް މިހާތަނަކަށް ވެސް ލިބިފައި ނުވާއިރު، ވަގުތީ ހައްލު ހޯދުމަށް އެކި ފަހަރު މަތިން ވެލި ބަސްތާ ޖަހައި، ފެން ހިންދުމަށް ބޭނުން ކުރާ ސާމާނު ހޯދުން ފަދަ އިތުރު ކަންކަން ދިއްފުށީ ކައުންސިލުން ވަނީ ކޮށްފައެވެ.

އެ މަސައްކަތްތަކުން ރަށްގިރުމުގެ ސަބަބުން ދިމާވާ މައްސަލަ ތަކަށް ވަގުތީ ހައްލެއް ލިބުނު ނަމަވެސް، އެ ރަށު ކައުންސިލާއި ރައްޔިތުން ތިބީ އެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ދުވަހެއްގެ އިންތިޒާރުގައެވެ.

Advertisement

ކޮމެންޓް

Advertisement

Advertisement