Advertisement

ފެނަކަ ޓީމުން ނިއުޖެނަރޭޝަން ކޮޅަށް 11 ލަނޑު ޖަހައިފި!

23 Dec 2022 | 18:27
ޓީމް ފެނަކައާއި ނިއު ޖެނަރޭޝަން ވާދަކުރަނީ : ފޮޓޯ/ގާފު އޮންލައިން

އެސްޓީއޯ ގައްދޫ ކައުންސިލް ފުޓްސަލް ޗެލެންޖުގައި ގުރޫޕް ބީ ގައި ޓީމް ފެނަކައާއި ނިއު ޖެނެރޭޝަން ވާދަކުރި މެޗު ފަސޭހަކަމާއި އެކު 11-0 ން ފެނަކައިން ކާމިޔާބުކޮށްފި އެވެ.

މިއަދުގެ މެޗުގައި ޓީމް ފެނަކައިގެ ފަރާތުން ހަލުވި މެޅުކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ނިއު ޖެނަރާޝަންގެ ޒުވާން ޓީމަށް ފުރަތަމަ ހާފުގައި ފެނަކައިގެ ކުޅުންތެރިންގެ ހަމަލާތައް ހުއްޓުވުމުގައި ކާމިޔާބު ނޮހޯދުނުއިރު ދެވަނަ ހާފުގައި އެޓީމުގެ ޑިފެންސް ފެނުނީ ފުރަތަމަ ހާފަށްވުރެ އޮގަނައިޒުކޮށެވެ. ފުރަތަމަ ހަފުގައި ފެނަކަ ޓީމުން 8 ލަނޑު ކާމިޔާބުކުރި އިރު ދެވަނަ ހާފުގައި އެޓީމަށް ކާމިޔާބު ކުރެވުނީ 3 ލަނޑެވެ.

މި މެޗުގައި ފެނަކައިގެ ގޯލްތައް ކާމިޔާބުކޮށްދިނީ މުހައްމަދު އިންޝާލް، އާލިމް އަބްދުލް އަޒީޒް، މުއާވިޔަތު އަލީގެ އިތުރުން ހުސެއިން ޔަލީން އެވެ. މެޗުގެ ކިންގް އޮފްދި މެޗަކަށް ހޮވުނު އިންޝާލް މިމެޗުގައި ޑަބަލް ހެޓްރިކް ހެދި އިރު އާލިމް ވެސް ވަނީ ތިން ލަނޑު ކާމިޔާބުކޮށް މި މެޗުގައި ހެޓްރިކް ހަދާފައެވެ.

Advertisement

އެސްޓީއޯ ގައްދޫ ކައުންސިލް ފުޓްސަލް ޗެލެންޖު 2022 - ފެނަކައާއި ނިއު ޖެނެރޭޝަން ބައްދަލު ކުރި މެޗުގެ ތެރެއިން:- ގާފު ފޮޓޯ | ޝަޖާއަތު އަހުމަދު

މި މުބަރާތުގެ މެޗުތައް ކުރިއަށް ދަނީ ދެޑިވިޝަންކަށް ބަހާލެވިގެންނެވެ. ފިރިހެން ޑިވިޝަންގައި 12 ޓީމު ބައިވެރިވެފައި ވާއިރު އެޓީމުތައް ވަނީ 3 ގުރޫޕަކަށް ބާހާލެވިފައެވެ. ކޮންމެ ގުރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމަށް ކުއާޓާ ފައިނަލުން ފުރުސަތު ލިބޭއިރު ތިންގުރޫޕްގެ ތިން ވަނަ އަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީއްޖާ ރަގަޅު ދެޓީމަށް ކުއާޓާ ފައިނަލްގެ ފަހު ދެޖާގަ ލިބޭނެއެވެ.

އަންހެން ޑިވިޝަންގައި ބައިވެރިވެފައި ވަނީ 6 ޓީމެވެ. ދެ ގުރޫޕަކަށް ބަހާލެވިގެން މި ޑިވިޝަންގެ މެޗުތައް ކުރިއަށް ދާއިރު ކޮންމެ ގުރޫޕަކުން އެންމެ ރަގަޅު ނަތީއްޖާއެއް ހޯދާ ދެ ޓީމަށް މުބާރާތު އަންހެން ޑިވިޝަންގެ ސެމީ ފައިނަލުން ޖާގަ ލިބޭނެއެވެ. 

މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް އެސްޓީއޯ ހަމަޖައްސާފައިވާއިރު، މެއިން ސްޕޮންސަރަކަށް ހަމަޖައްސާފައިވަނީ ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީ އެވެ. އަދި އެސޯސިއޭޓް ޕާޓްނަރުންނަކީ، ގައްދޫ ޑަބްލިއުޑީސީ އާއި، ގދ. އަތޮޅު ކައުންސިލާއި ޔޫތު މިނިސްޓްރީ އެވެ. މި މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ ދިރާގު ، ކިންގް ސްޕޯޓްސް އެމްވީ ، އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ( ތާޒާ ) ، ފެނަކަ ، އާރްޑީސީ ، ރަތެ ކޭވަކެ ، ގްލެމިފައި ، ބްރިލިއަންޓް ކޮމްޕެނީ ، އަޔާޑާ މޯލްޑިވްސް ، ގޭންގް ޖަމިއްޔާ، ލާޔާ އެސޯސިއޭޝަން ، އޯއާރްވައިއެކްސް ހާޑްވެއާ ، އެލިއަން ، ފާތިމަތު އަނާ، އަޒުމް 2، ގޯބީސް މޯލްޑިވްސް، އިންކް ސެންޓާރ ، މައިކްރޯ ލިންކްސް، ޔޮލްކް ފުޓްބޯޅަ ކްލަބު ، ސްޓާރ ކޮންސްޓްރަކްޝަން އެންޑް އިންޖިނިއާސް ، ބޭންކް އޮފް މޯލްޑިވްސް އަދި ނައިސް މާޓެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު އޮންލައިން އެވެ.

Advertisement

ކޮމެންޓް