ލެސްޓާ ބަލިކޮށް ނިއުކާސަލް ލީގު ތާވާލު 2 ވަނައަށް
ޕްރެމިއާ ލީގުގައި މިރޭ ރަށުންބޭރުގައި ލެސްޓާ ސިޓީ 3-0 ބަލިކޮށް ވަގުތީ ގޮތުން ލީގު ތާވަލުގެ ދެ ވަނަ އަށް ނިއުކާސަލް ޔުނައިޓެޑް ޖެހިލައިފިއެވެ. ލެސްޓާ ސިޓީގެ ކިންގް ޕަވާ ސްޓޭޑިއަމްގައި މިރޭ ކުޅެވުނު މެޗުގައި ނިއުކާސަލް އިން އެޓީމުގެ ތިން ލަނޑު ވެސް ކާމިޔާބުކުރީ ފުރަތަމަ ހާފުގައެވެ.
ފުރަތަމަ ހާފުގެ ތިން ވަނަ މިނެޓްގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ނިއުކާސަލްގެ ފުރަތަމަ ކާމިޔާކޮށްދިނީ ނިއުޒިލޭންޑް ތަޖުރިބާކާރު ފޯވާޑް ކްރިސް ވުޑް އެވެ. އަދި އޭގެ ހަތަރު މިނެޓް ފަހުން އެޓީމުގެ ދެ ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޕެރަގުއާއީގެ މީޑްޕީލްޑަރ މިގުއެލް އަލްމިރޮން އެވެ. މިއީ މި ސީޒަންގައި މޮޅު ކުޅުމެއް ދަށްކަމުން އަންނަ ބުރެޒިލްގެ މީޑްފީލްޑަރ ބްރޫނޯ ގުއިމަރޭސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކުރި ލަނޑެކެވެ.
ނިއުކާސަލްގެ ތިން ވަނަ ލަނޑު ފުރަތަމަ ހާފުގެ 32 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ބުރެޒިލްގެ ފޯވާޑް ޖޯލިންޓަން އެވެ. މިއީ އިގިރޭސި ޑިފެންޑަރ ކީރަން ޓްރިޕިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖޯލިންޓަން ކާމިޔާބުކުރި ގޯލެކެވެ.
މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއި އެކު 16 މެޗުން 33 ޕޮއިންޓް ހަމަކޮށް ނިއުކާސަލް ޔުނައިޓެޑް މިވަގުތު އޮތީ ޕްރެމިއާ ލީގު ތާވަލުގެ ދެވަނާ ގައެވެ. މިރޭގެ މެޗުން ބަލި ލެސްޓާ 16 މެޗު ކުޅެގެން ލިބުނު 17 ޕޮއިންޓާއި އެކު މިވަގުތު އޮތީ ލީގު ތާވާލުގެ 13 ވަނާގައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists