Advertisement

9 ކުޅުންތެރިންނާއި އެކު ކުޅުނު ޕެލަސް އަތުން ފުލަމްއަށް ފަސޭހަ މޮޅެއް

26 Dec 2022 | 22:35
ޕެލަސް އާއި ފުލަމް ވާދަކުރި މެޗުގެ ތެރެއިން

ޕްރެމިއާ ލީގުގައި މިރޭ ކްރިސްޓަލް ޕެލަސް އާއި ފުލަމް ވާދަކުރި މެޗު 3-0 ން ފުލަމް ކާމިޔާބުކުރި އިރު މި މެޗުގައި ކްރިސްޓަލް ޕެލަސްގެ ދެ ކުޅުންތެރިއަކަށް ރެފްރީ ވަނީ ރަތް ކާޑް ދައްކާފައެވެ.

ފުރަތަމަ ހާފުގެ 31 ވަނަ މިނެޓްގައި ޖަމައިކާގެ މިޑްފީލްޑަރ ބޮބީ ރީޑް ވަނީ ފުލަމްއަށް މެޗުގެ ލީޑް ހޯދައިދީފައެވެ. މީ އެޓީމުގެ ސާބިއާ ފޯވާޑް އަލެކްސަންޑާ މިޓްރޮވިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކުރި ގޯލެކެވެ. ފުލަމްގެ ގޯލަށް މާގިނައިރު ނުވަނީ މެޗު 34 ވަަނަ މިނެޓްގައި ކްރިސްޓަލް ޕެލަސްގެ އިގިރޭސި ޑިފެންޑަރ ޓައިރިކް މިޝެލް ފުލަމްގެ ކުޅުންތެރިއަކަށް ކުރި ނުރައްކާތެރި ފައުލަކާއި ގުލިގެން ރެފްރީ ވަނީ އޭނާ އަށް ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ.

ސާބިއާ ފޯވާޑް އަލެކްސަންޑާ މިޓްރޮވިޗް ފުލަމްގެ ތިންވަނަ ލަނޑު ކާމިޔާބުކުރަނީ

އެއް ކުޅުންތެރިއެއް މަދުކޮށް ކުޅެމުން ދިޔަ ކްރިސްޓަލް ޕެލަސްއަށް އިތުރު މައްސަލަތަކެއް ދިމާވީ ފަހު ހާފުގެ 57 ވަނަ މިނެޓްގައި އެޓީމުގެ އިގިރޭސި ޑިފެންޑަރ ޖޭމްސް ޓޮމްކިންސް އަށް ދެވަނަ ރީނދޫ ކާޑައެކު ރަތް ކާޑު ދެއްކުމުންނެވެ. 

ނުވަ ކުޅުންތެރިންނާއި އެކު ކުޅެމުންދިޔަ ކްރިސްޓަލް ޕެލަސް ކޮޅަށް ފުލަމްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ 71 ވަނަ މިނެޓްގައި އެމެރިކާގެ ޑިފެންޑަރ ޓިމް ރީމް އެވެ. އަދި އެޓީމުގެ ތިން ވަނަ ލަނޑު 80 ވަނަ މިނެޓްގައި ކާމިޔާބުކުރީ ސާބިއާ ފޯވާޑް އަލެކްސަންޑާ މިޓްރޮވިޗް އެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއި އެކު 16 މެޗުން 22 ޕޮއިންޓް ހަމަކޮށް ފުލަމް އޮތީ ލީގު ތާވަލުގެ 8 ވަނާގައެވެ. އަދި މިމެޗުން ބަލިވި ކްރިސްޓަލް ޕެލްސްއަށް 15 މެޗުން ލިބިފައިވާ 19 ޕޮއިންޓާއި އެކު ލީގު ތާވަލުގައި އެޓީމު އޮތީ 11 ވަނާގައެވެ.

Advertisement

ކޮމެންޓް