ފަހު މިނެޓްގައި ނޫރީ ކާމިޔާބުކުރި ގޯލާއެކު ވުލްވްސް އަށް މުހިންމު ތިން ޕޮއިންޓް
ޕްރެމިއާ ލީގު ރެލިގޭޝަނާއި ހަގުރާމަކުރަމުން އަންނަ އެވަޓަން އާއި ވުލްވްސް ވާދަކުރި މެޗު، އިތުރު ވަގުތުގެ ފަހު މިނެޓްގައި ކާމިޔާބުކުރި ލަނޑާއި އެކު 2-1 މޮޅުވެ ވުލްވްސް އިން ރެލިގޭޝަނުން ސަލާމަތްވުމަށް ކުރަމުން އަންނަ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިއްޖެއެވެ.
ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިރޭގެ މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑްހޯދީ އެވަޓަން އިންނެވެ. ފުރަތަމަ ހާފުގެ 7 ވަނަ މިނެޓްގައި އެޓީމަށް ލީޑު ހޯދައިދިނީ ކޮލަމްބިއާގެ ޑިފެންޑަރ ޔެރީ މީނާ އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ވުލްވްސް އިން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީއްޖާ އެއްވަރު ކުރިއެވެ. މި ލިނޑު ފުރަތަމަ ހާފުގެ 22 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޕޯޗުގަލްގެ ފޮވާޑް ޑެނިއަލް ޕޮޑެންސްއެވެ. މި ލަނޑަކީ ޕޯޗުގަލްގެ ތަޖުރިބާކާރު މިޑްފީލްޑަރ ޖޮއާއޯ މުޓީނިއޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޕޮޑެންސް ކާމިޔާބުކޮށްދިން ގޯލެކެވެ.
ޕޯޗުގަލްގެ ފޮވާޑް ޑެނިއަލް ޕޮޑެންސް ވުލްވްސްގެ ފުރަތަމަ ލަނޑު ކާމިޔާބުކުރުމަށް ފަހު އުފާފާޅުކުރަނީ
ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއްފެނިގެންދިޔަ މި މެޗުގައި ވުލްވްސް ޓީމު މޮލުވި ލަނޑު މެޗުގެ 90 މިނެޓް ހަމަވެގެން އިތުރަށް ދެއްކި 6 މިނެޓްގެ ތެރެއިން 5 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ފުރާންސްގެ ޒުވާން ޑިފެންޑަރ ރަޔާން އައިޓް ނޫރީ އެވެ.
މިރޭގެ މެޗުން ލިބުނު މުހިންމު ތިން ޕޮއިންޓާއި އެކު ވުލްވްސް އޮތީ ކުޅުނު 16 މެޗުން ލިބުނު 13 ޕޮއިންޓާއިއެކު ލީގު ތާވަލުގެ 18 ވަނާގައެވެ. މިރޭގެ މެޗުން ބަލިވި އެވަޓަންއަށް 16 މެޗުން 14 ޕޮއިންޓް ލިބިފައިވާއިރު މިވަގުތު ލީގު ތާވަލުގައި އެޓީމު އޮތީ 17 ވަނާގައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists