Advertisement

އެސްޓަން ވިލާ ބަލިކޮށް ލިވަޕޫލް 6 ވަނަ އަށް

27 Dec 2022 | 00:35
އެސްޓަން ވިލާ އާއި ލިވަޕޫލް ވާދަކުރި މެޗުގެ ތެރެއިން

ވޯލްޑް ކަޕް ބްރޭކަށް ފަހު ޕްރެމިއާ ލީގުގައި ލިވަޕޫލް ކުޅުނު ފުރަތަމަ މެޗުގައި ރަށުން ބޭރުގައި އެސްޓަންވިލާ އާއި ވާދަކޮށް 3-1 ލިވަޕޫލް މޮޅުވެއްޖެއެވެ. 

ލަނޑު ޖެހުމަށް ފަހު ލިވަޕޫލް ކުޅުންތެރިން އުފާފާޅުކުރަނީ

މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލް އިން ދެ ލަނޑު ކާމިޔާބުކުރި އިރު އެޓީމުގެ ފުރަތަމަ ލަނޑު ސްކޮޓްލޭންޑުގެ ޑިފެންޑަރ އެންޑްރޫ ރޮބަޓްސަން ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ މިސްރުގެ ތަރި މުހައްމަދު ސަލާހު އެވެ. އަދި ފުރަތަމަ ހާފުގެ 20 ވަނަ މިނެޓްގައި އެޓީމުގެ ކެމަރޫން ޑިފެންޑަރ ޖޮއެލް މަޓިޕް ކާމިޔާބުކުރި ލަނޑު ވީއޭއާރު އިން ޗެކްކުރުމަށްފަހު ނިންމީ އޮފްސައިޑް ގޯލެއްކަމަށެވެ.

Advertisement

ލިވަޕޫލްގެ ދެވަނަ ލަނޑު ފުރަތަމަ ހާފުގެ 37 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ، މުހައްމަދު ސަލާހު ތަނަވަސްކޮށްދިން ފުރުސަތެއްގައި ނެދަލޭންޑްސްގެ ޑިފެންޑަރ ވާޖިލް ވެން ޑައިކް އެވެ.

ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓުގައި އެސްޓަންވިލާގެ އިގިރޭސި ފޯވާޑް އޮލީ ވޮޓްކިންސް އެޓީމަށް ލަނޑެއް ކާމިޔާބުކޮށްދިނެވެ. ނަމަވެސް ވީއޭއާރު އިން ޗެކްކުރުމަށްފަހު ނިންމީ އެއީ އޮފްސައި ގޯލެއްކަމަށެވެ.  ނަމަވެސް އޭގެ ކުޑައިރުކޮޅެއް ފަހުން ވޮޓްކިންސް އަނެއްކާވެސް އެޓީމަށް ލަނޑެއް ކާމިޔާބުކޮށް ނަތީއްޖާގެ ފަރަގު ކުޑަކޮށްދިނެވެ. މި އީ ބުރެޒިލްގެ މިޑްފީލްޑަރ ޑަގްލަސް ލުއިޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ދެވަނަ ހާފުގައި އެސްޓަންވިލާއިން މެޗުގެ ނަތީއްޖާ އެއްވަރުކުރުމަށް ކުރަމުން އައި މަސައްކަތަށް ހުރަސް އެޅުނީ ދެވަނަ ހާފުގައި ކުޅެން ނުކުތް ސްޕެއިންގެ ޒުވާން މިޑްފީލްޑަރ ސްޓެފަން ބަޖްސެޓިކް ކުޅެން ނުކުތްތާ 2 މިނެޓް ނުވަނީސް ކާމިޔާބުކުރި ގޯލުންނެވެ. ފަހުހާފުގެ 81 ވަނަ މިނެޓްގައި ބަޖްސެޓިކް ކާމިޔާބުކުރި ލަނޑާއި އެކު މެޗު ނިމުނީ 3-1 ން ލިވަޕޫލް މޮޅުވެގެން ނެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއި އެކު 15 މެޗުން 25 ޕޮއިންޓް ހަމަކޮށް ލީގު ތާވަލުގައި މިވަގުތު ލިވަޕޫލް އޮތީ 6 ވަނާގައެވެ. މިރޭގެ މެޗުން ބަލިވި އެސްޓަންވިލާއަށް 16 މެޗު ކުޅެގެން ލިބިފައި ވަނީ 18 ޕޮއިންޓާއި އެކު ލީގުގެ 12 ވަނަ އެވެ.

Advertisement

ކޮމެންޓް