ބޯންމައުތު ބަލިކޮށް ޗެލްސީ 8 ވަނަ އަށް
ވޯލްޑް ކަޕް ބްރޭކަށް ފަހު ލީގުގައި ޗެލްސީ ކުޅުނު ފުރަތަމަ މެޗުގައި ބޯންމައުތު 2-0 ން ބަލިކޮށް ލީގު ތާވަލުގެ 8 ވަނަ އަށް އެޓީމު ޖެހިލައިފިއެވެ.
ސްޓެމްފޯޑް ބްރިޖް ގައި މިރޭ ކުޅެވުނު މެޗުގެ ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައި ޖަރުމަންގެ މިޑްފީލްޑަރ ކައި ހަވާޓްޒް ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ލީޑު ހޯދައި ދީފައެވެ. މިއީ އިގިރޭސި ފޯވާޑް ރަހީމް ސްޓާލިން ތަނަވަސްކޮށްދިން ފުރުސަތެއްގައި ހަވާޓްޒް ކާމިޔާބުކުރި ލަނޑެކެވެ. އަދި 24 ވަނަ މިނެޓްގައި ހަވާޓްޒްގެ އެހީތެރިކަމާއި އެކު ޗެލްސީގެ ދެ ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އިގިރޭސި މިޑްފީލްޑަރ މޭސަން މައުންޓް އެވެ.
ލަނޑުޖެހުމަށް ފަހު ޗެލްސީ ކުޅުންތެރިން އުފާ ފާޅުކުރަނީ
މެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މިހާފުގައި ދެޓީމަށް ވެސް ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބި ބޭނުން ހިފޭގޮތެއް ނުވިއެވެ. މިއާ އެކު މެޗުގެ ކުޅުން ނިމިގެން ދިޔައީ 2-0 ން ޗެލްސީ މޮޅުވެގެންނެވެ.
މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއި އެކު 15 މެޗުން 24 ޕޮއިންޓް ހަމަކޮށް ލީގު ތާވަލުގައި ޗެލްސީ އޮތީ 8 ވަނާގައެވެ. އަދި މި މެޗުން ބަލިވި ބޯންމައުތު ލީގުގައި ކުޅުނު 16 މެޗުން ލިބުނު 16 ޕޮއިންޓައި އެކު ލީގު ތާވަލުގައި މިވަގުތު އޮތީ 14 ވަނާގައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists