ލިވަޕޫލް ފަހަތަށް ޖައްސާލުމަށް ފަހު ޔުނައިޓެޑް 5 ވަނަ އަށް
އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ނޮޓިންގްހަމް ފޮރެސްޓް 3-0 ން ބަލިކޮށް މެންޗެސްޓަރ ޔުނައިޓެޑް ލީގު ތާވަލުގެ 5 ވަނަ އަށް ޖެހިލައިފިއެވެ.
މިރޭގެ މެޗަކީ ނޮވެމްބަރު މަހުގެ ފަހުކޮޅު މެންޗަސްޓާ ޔުނައިޓެޑުން ރޮނާލްޑޯގެ ކޮންޓްރެކްޓު ބާތިލުކުރި ފަހުން އެޓީމު ކުޅުނު ފުރަތަމަ މެޗެވެ. މި މެޗުގައި އެ ޓީމުން ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 19 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނި މާކަސް ރަޝްފޯޑެވެ. މިއީ ކޯނަރަކުން ކްރިސްޓިއަން އެރިކްސަން ގޯލްކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ރަޝްފޯޑު ކާމިޔާބުކޮށްދިން ލަނޑެކެވެ. އޭގެ ތިން މިނެޓުފަހުން މެޗުގެ 22 ވަނަ މިނެޓުގައި ރަޝްފޯޑުގެ އެހިތެރިކަމާއި އެކު އެޓީމުގެ ތިންވަނަ ގޯލް ކާމިޔާބުކޮށްދިނީ ފްރާންސްގެ ފޯވާޑް އެންތަނީ މާޝިއަލްއެވެ.
ލަނޑުޖެހުމަށް ފަހު ޔުނައިޓެޑް ކުޅުންތެރިން އުފާ ފާޅުކުރަނީ
ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ނޮޓިންގްހަމް ފޮރެސްޓުން ވެސް ލަނޑެއް ކާމިޔާބުކުރިއެވެ. ނަމަވެސް ވީއޭއާރު އިން ޗެކްކުރުމަށް ފަހު ރެފްރީ ނިންމީ އެއީ އޮފްސައިލް ގޯލެއްކަމަށެވެ.
ދެ ލަނޑުގެ ލީޑަކާއި އެކު ދެވަނަ ހާފަށް ނުކުތް ޔުނައިޓެޑުން އެޓީމުގެ ތިން ވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށްވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ބުރެޒިލްގެ މިޑްފީލްޑަރ ފުރެޑް އެވެ. މިއީ ކަސަމިރޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ފްރެޑް ކާމިޔާބުކޮށްދިން ލަނޑެކެވެ.
މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއި އެކު ޔުނައިޓެންޑުން ވަނީ ވާދަވެރި ލިވަޕޫލް ފަހަތަށް ޖައްސާލުމަށް ފަހު ލީގު ތާވަލުގެ ފަސް ވަނައަށް ޖެހިލާފައެވެ. ލީގުގައި ކުޅުނު 15 މެޗުން ޔުނައިޓެޑަށް 29 ޕޮއިންޓް ލިބިފައި ވާއިރު ހަތަރު ވަނާގައި ޓޮޓެންހަމް އޮތީ އިތުރަށް އެއް މެޗު ކުޅެ 30 ޕޮއިންޓާއި އެކުއެވެ.
މިރޭގެ މެޗުން ބަލިވި ފޮރެސްޓަށް ލީގުގައި ކުޅުނު 16 މެޗުން ލިބިފައި ވަނީ 13 ޕޮއިންޓާއި އެކު ތާވަލުގެ 19 ވަނައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists