ހަ އަހަރު ދުވަހުގެ މަސައްކަތް ރެއާލްގެ މުސްތަގުބަލު ބިނާކުރުމަށް 500 މިލިއަން ޔޫރޯ
ޖޫޑް ބެލިންހަމްގެ ސޮއި ހޯދުމަކީ ފާއިތުވެދިޔަ ހަ އަހަރު ތެރޭގައި ރެއާލް މެޑްރިޑްގެ ސްކޮޑް އައު ކުރުމަށް އެޓީމުގެ މެނޭޖުމަންޓުން ރޭވުންތެރިކަމާއި އެކު ކުރަމުން އަންނަ ބޮޑު އިންވެސްޓްމަންޓަށް މިވަގުތު ބޭނުންވާ އެއް ޓާގެޓެވެ. އާ އެސްޓާޑިއޯ ސަންޓިއާގޯ ބާނަބެއު އަކީ އިންޖިނިއަރިންގެ މާސްޓާޕީސްއެއް ނަމަ މުސްތަގުބަލުގެ ޓީމު ބިނާކުރުމުގެ މަސައްކަތުގައި އެޓީމުން ހޯދަމުން އަންނަ ކާމިޔާބީތަކަކީ ވާދަވެރިން ވެސް އެކަމަށް ތައުރީފްކޮށް ސަނާކިޔާ ފަދަ ފުރިހަމަ މަސައްކަތެކެވެ.
މީގެ ހަ އަހަރު ކުރިން މެޑްރިޑުން ވަނީ އެޓީމުގެ ފުރަތަމަ އެގާރައަށް ބަދަލުތަކެއް ގެންނަން ފަށާފަައެވެ.. ޖެހިޖެހިގެން ތިން ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ލެޖެންޑަރީ ޓީމުގެ މުހިންމު ކުޅުންތެރިންގެ ގޮތުގައި ތިބި ދުވަސްވި ކުޅުންތެރިންގެ ބަދަލުގައި ޒުވާން ޓީމެއް ބިނާކުރުމުގެ މަސައްކަތް ފަށާފައެވެ.
ރެއާލް މެޑްރިޑް 2016 ވަނަ އަހަރު
ބޭލް، ރޮނާލްޑޯ އަދި ބެންޒީމާގެ ރަންޒަމާން މާޒީއާ އެކުވެ ކްރޫޒް، ކަސަމިރޯ އަދި މޮޑްރިޗްގެ ނުފޫޒަށްވެސް ނިމުން އައީ އެވެ. މީގެ އިތުރު އެޓީމުގެ ފަހަތުގެ މައި ތަބުގެ ގޮތުގައި ގިނަ އަހަރުތަކެއްްވަންދެން ފެނިގެން ދިޔަ ރާމޯސް އާއި ވާރާނޭ ވެސް ރެއާލްގެ ހުދު ޖާޒީގައި އެތަކެއް އަހަރު ވަންދެން ރަސްކަން ކުރުމަށް ފަހު ޓީމާއި އަލްވަދާއުކީއެވެ.
ރެއާލް މެޑްރިރު 2022 ވަނަ އަހަރު ޔުއެފާ ސުޕަރ ކަޕް ޓްރޮފީއާއި އެކު
2015 އިން 2018 ވަނަ އަހަރާ ދެމެދު ރެއާލް މެޑްރިޑަށް 9 ތަށި ކާމިޔާބުކޮށްދިން ޓީމުގައި ހިމެނުނު މުހިންމު ގިނަ ކުޅުންތެރިން ތަކެއް ޓީމު ބަދަލުކުރި އިރު އެފަދަ ޓީމެއް އަލުން ބިނާކުރުމަކީ ގޮންޖެހުން ބޮޑުވި އުދަގޫ މަސައްކަތެކެވެ. ދައުލަތުގެ ކްލަބްތަކުގެ ބާރު ގަދަ އަދި ހުރިހާ ކަމެއް ކޮމްޕްލިކޭޓްވެފައިވާ ޕެންޑެމިކެއްގެ ސަބަބުން ޓީމުތަކުގެ މާލީ ހާލަތު މީގެކުރިން ދުވަހަކުވެސް ދަށަށްނުދާވަރަށް ދަށްވެފައިވާ ދުވަސް ވަރެއްގައި ޓްރާންސްފާ މާކެޓްގައި ކުޅުންތެރިންގެ އަގުތައް އިންތިހާއައް މައްޗަށް ދިޔައީއެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ 2018 ވަނަ އަހަރު މެޑްރިޑް ދޫކޮށްދިޔައިރު، ވިނީޝިއަސް ވަނީ ޓީމާއި ގުޅިފައެވެ. އުމުރުން 18 އަހަރުގައި ރެއާލް އާއި ގުޅުނު ވިނީޝިއަސް އަކީ މިހާރު އެމަގާމަށް ކުޅޭ ކުޅުންތެރިންގެ ތެރެއިން މި ވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއްކުޅުންތެރިއާ އެވެ. ރެއާލް އިން 40 މިލިއަން ޔޫރޯއަށްގެނައި މި ކުޅުންތެރިޔާގެ މާކެޓް ވެލިއު މިހާރު އުޅެނީ 150 މިލިއަން ޔޫރޯގައެވެ.
ބޭލް، ރޮނާލްޑޯ އަދި ބެންޒީމާ
ރޮޑްރިގޯ ވެސް ރެއާލް އާއި ގުލުނީ އުމުރުން 18 އަހަރުގައެވެ. މިވަގުތު ގެރަލް ބޭލް ނެތްތަން ފޫބެއްދުމުގައި ރެއާލްގެ މެނޭޖުމަންޓުން އުންމީދުކުރި ފަދަ ހުނަރުވެރި ކުޅުމެއް މިކުޅުންތެރިއާގެ ފަރާތުން ވެސް އަންނަނީ ފެންނަމުންނެވެ. މި ކުޅުންތެރިއާގެ މާކެޓް ވެލިއު ވެސް މިހާރު އުޅެނީ 100 މިލިއަން ޔޫރޯއަށްވުރެ މަތީގައެވެ.
ބެންޒެމާގެ ބަދަލުގައި ރެއާލް މެޑްރިޑުން އެންމެ ފުރަތަމަ ގެންނަން ބޭނުންވި ކުޅުންތެރިއަކީ އެމްބާޕޭ އެވެ. ނަމަވެސް ރެއާލުން ވަނީ އެޓީމުގެ ވިސްނުން ބަދަލުކޮށް ބުރެޒިލްގެ މުސްތަގުބަލްގެ ގޮތުގައި ގިނަބަޔަކު ބުނަމުން އަންނަ އެންޑްރިކްގެ ސޮއި ހޮދާފައެވެ. ޔޫރަޕްގެ ބޮޑެތި ހުރިހާ ޓީމަކުން ފާރަލަމުން ދިޔަ މިކުޅުންތެރިއާގެ ސޮއި ލިބުމަކީ މުސްތަގުބަލުގައި ރެއާލްގެ އެޓޭކުތައް ލިޑުކުރާނެ ކުޅުންތެރިން ހޯދުމަށް ވަރަށް ވިސްނުންތެރިކަމާއި އެކު މެޑްރިޑުން ކުރި ބުރަ މަސައްކަތްތަކެއްގެ ނަތީއްޖާއެވެ.
ރެއާލް މެޑްރިޑްގެ ކޯޗު ސިފަކުރާގޮތުގައި ކަސަމީރޯ، މޮޑްރިޗް އަދި ކުރޫޒްގެ ކޮމްބިނޭޝަންއަކީ ބާމިއުޑް ޓްރޭންގަލް ފަދަ ނުރައްކާތެރި ކޮމްބިނޭޝަންއެކެވެ. އަދި މި ކުޅުންތެރިން ރިޕްލޭސް ކުރުމަކީ ފަސޭހަކަމެއް ނޫނެވެ. ކަސަމީރޯ މެޑްރިޑް ދޫކޮށް އިގިރޭސި ކުލަބް މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވެފައިވާއިރު ކްރޫސް އަދި މޮޑްރިޗު މިހާރުވެސް އަންނަނީ ރެއާލްގެ ފުރަތަމަ އެގާރައިގައި މޮޅު ކުޅުމެއް ދަށްކަމުންނެވެ.
ކަސަމީރޯ، މޮޑްރިޗް އަދި ކުރޫޒް
ފާއިތުވި ދެސިޒަނުގައި ރެއާލް މެޑްރިޑްގެ މެދުތެރޭގައި އުރުގުއާއީގެ ޒުވާން މިޑްފީލްޑަރ ވަލްވާޑޭގެ ރަގަޅު ކުޅުމެއް ދަށަކަމުން އަންނައިރު 2021 ވަނަ އަހަރު އެޓީމުން ވަނީ ފުރާންސްގެ ޒުވާން ދެކުޅުންތެރިން ކަމަށްވާ ކެމަވިންގާ 30 މިލިއަން ޔޫރޯއަށް އަދި މިދިޔަ ހޫނު މޫސުމުގައި 80 މިލިއަން ޔޫރޯއަށް ޗޫއާމެނީ އެޓީމަށް ގެނެސްފައެވެ. މިހާރު މެޑްރިޑްގެ އަމާޒަކީ އެޓީމުގެ މެދުތެރެ އިތުރަށް ވަރަުގަދަކުރުމަށްޓަކައި އިގިރޭސި ޒުވާން މިޑްފީލްޑަރ ބެލިންހަމް އެޓީމަށްގެނެސް މިޑްފީލްޑް ވަރުގަދަ ކުރުމަށް 200 މިލިއަން ޔޫރޯ ހަރަދުކުރުމެވެ.
ރެއާލް މެޑްރިޑްގެ ޑިފެންސްގައި މުހިންމު ދައުރެއް އަދާކޮށް ގިނަ ޔާމިޔާބީތަކެއް ހޯދާފައި ވާ ވަރާން، ރާމޯސް އަދި މާސެލޯ ޓީމު ބަދަލުކޮށްފައިވާއިރު ބަދަލުގައި ފްރީ ޓްރާންސްފާއެއްގައި ބަޔާން މިޔުނިކްގެ ޑިފެންޑަރ އަލަބާ އާއި ޗެލްސީގެ ޑިފެންޑަރ ރުޑިގަރ ވަނީ އެޓީމާއި ގުޅިފައެވެ. މީގެ އިތުރުން ފުރާންސްގެ މެންޑީ އާއި ބުރެޒިލްގެ މިލިޓޯ އެޓީމާއި ގުޅިފައިވަނީ 50 މިލިއަން ޔޫރޯއަށެވެ. މީގެ އިިތުރުން އެޓީމުގެ ގޯލްކީއްޕަރު ކޯޓުއާސް އެޓީމާއި ގުޅުނީ 35 މިލިއަން ޔޫރޯއަށެވެ.
ވަރާން އަދި ރާމޯސް
މީގެ އިތުރުން ރެއާލްގެ މި ޕްރޮޖެކްޓް ފެށިއިރު ކޯޗެއްގެ ގޮތުގައި ހުރި ޒިދާން 2018 ވަނަ އަހަރު ޓީމު ދޫކޮށްލުމުން މި ބިޔަބޮޑު ޕްރޮޖެކްޓް ކުރިއަށް ގެންދެވޭނެ ކަމަށް އެޓިމަށް ފެނުނީ ތަޖުރިބާކާރު ކޯޗު އަންޗެލޮޓީ މެދުވެރިކޮށެވެ. އަދި މިހާރު އެޓީމުން ބޭނުންވާ ފެންވަރުގެ ޓީމެއް ބިނާކުރުމުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު ބެލިންހަމް އަކީ މި ޕްރޮޖެކްޓަށް އިތުރު ކުރެވޭ ފަހު ކުޅުންތެރިއާއަށް ވުން ވެސް އެކަށީގެން ވެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists