Advertisement

ޕްރެމިއާ ލީގު ޓީމުތަކަށް ހާލަންޑް ހުއްޓުވާނެ ފޯމިއުލާއެއް ނުހޯދުނު!

29 Dec 2022 | 02:22
ލަނޑުޖެހުމަށް ފަހު ހާލަންޑް ޓީމުގެ ކުޅުންތެރިންނާއި އެކު އުފާފާޅުކުރަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެފަހުގެ ޗެމްޕިއަން މެންޗަސްޓާ ސިޓީ ރަށުންބޭރުގައި މިރޭ ލީޑްސް ޔުނައިޓެޑާއި ވާދަކުރި މެޗު 3-1 ން ކާމިޔާބުކޮށް ލީގުގެ އެއްވަނާގައި އޮތް އާސެނަލް އާއި ދެމެދު އޮތް ޕޮއިންޓްގެ ފަރަގު 5 ޕޮއިންޓަށް ކުޑަކޮއްފިއެވެ. އަދި މިރޭގެ މެޗުގައި ކާމިޔާބުކުރި ދެ ލަނޑާއި އެކު ސިޓީގެ ނޯވޭ ފޯވާޑް ހާލަންޑު ވެގެންގޮސްފައި ވަނި ޕްރެމިއާ ލިގު ތާރީޚްގައި އެންމެ މަދުން މެޗުކުޅެ އެންމެ ފުރަތަމަ 20 ލަނޑު ހަމަކުރި ކުޅުންތެރިޔާއަށެވެ.

މިރޭގެ މެޗުގައި ކާމިޔާބުކުރި 2 ލަނޑައި އެކު ހާލަންޑް ވެގެންގޮސްފައި ވަނީ ޕްރެމިއާ ލީގުގައި އެންމެ މަދުން މެޗުކުޅެ 20 ލަނޑު ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިއާ އަށް

ކުރިން މި ރެކޯޑް އޮންނަނީ ކުރީގެ ލިވަޕޫލް ތަރި ލުއިސް ސުއަރޭޒް އާއި މެންޗެސްޓަރ ޔުނައިޓެޑްގެ ލެޖެންޑް އެންޑީ ކޯލް މި ދެ ކުޅުންތެރިންގެ އަތުގައެވެ. މި ދެ ކުޅުންތެރިންނަށް ވެސް 20 ލަނޑު ހަމަކުރެވިފައި ވަނީ 15 މެޗު ކުޅެގެންނެވެ.

Advertisement

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ސިޓީގެ ކުޅުންތެރިން ގިނަވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް ލީޑްސްގެ ގޯލާއި އަމާޒުކޮށް ފޮނުވާލި ނަމަވެސް އެޓީމަށް ލަނޑެއް ކާމިޔާބުކުރެވުނީ ފުރަތަމަ ހާފުގެ 45 މިނެޓުގެ ކުޅުންހަމަވެ ދެއްކި އިތުރުވަގުތުގެ ތެރޭގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ސްޕެއިން މިޑްފީލްޑަރު ރޮޑްރީ އެވެ. މިއީ ރިޔާދް މަހްރޭޒް ފޮނުވާލި ހަމަލާއެއް ލީޑްސްގެ ކީޕަރު ދިފާއުކުރުމުން ރިބައުންްސް ވެގެން އައި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން ރޮޑްރީ ކާމިޔާބުކުރި ލަނޑެކެވެ.

ދެވަނަ ހާފުގެ ވަރަށް ކުރީކޮޅުގައި ސިޓީން ވަނީ އިތުރު ލަނޑެއްކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްފައެވެ. މިއީ ދެވަނަ ހާފުގެ ހަވަނަ މިނެޓުގައި ލީޑްސްގެ ޑިފެންޑަރު ކޫޕާ ހެދި ގޯހެއްގެ ފައިދާ ނަގައި އިގިރޭސި މިޑްފީލްޑަރ ޖެކް ގްރީލިޝް ތަނަވަސްކޮށްދިން ފުރުސަތެއްގައި ހާލަންޑު ކާމިޔާބުކުރި ލަނޑެކެވެ.

ސިޓީގެ ތިންވަނަ ލަނޑު ވެސް ކާމިޔާބު ކޮށްދިނީ ގްރީލިޝްގެ ޕާހަކުން ހާލަންޑު އެވެ. މިއީ މި ސީޒަނުގައި ޕްރިމިއާ ލީގުގައި ކުޅުނު 14 މެޗުންގައި ހާލަންޑް ކާމިޔާބުކުރި 20 ވަނަ ލަނޑެވެ. 

މި މެޗުގައި ލީޑްސް އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ދެވަނަ ހާފުގެ 73 ވަނަ މިނެތްގައި ކާމިޔާބުކޮށްދިނީ ނެދަލޭންޑްސްގެ ޑިފެންޑަރ ޕާސްކަލް ސްޓްރޫއިޖްކް އެވެ. މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި އިގިރޭސި މިޑްފީލްޑަރ ސޭމް ގްރީންވުޑް ގޯލުކުރިމަށްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. 

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއި އެކު 15 މެޗުން 35 ޕޮއިންޓް ހަމަކޮށް ލީގު ތާވަލުގެ ދެ ވަނާގައި މެންޗެސްޓަރ ސިޓީ އޮތްއިރު މިރޭގެ މެޗުން ބަލިވި ލީޑްސް ޔުނައިޓެޑް ކުޅުނު 15 މެޗުން ލިބުނު 15 ޕޮއިންޓާއި އެކު ލީގު ތާވަލުގައި އެޓީމު އޮތީ 15 ވަނާގައެވެ.

Advertisement

ކޮމެންޓް