Advertisement

10 ކުޅުންތެރިންނާއި އެކު ކުޅުނު ޕީއެސްޖީ މޮލުކޮށްދިނީ އެމްބާޕޭ!

29 Dec 2022 | 04:33
އެމްބާޕޭ މިރޭގެ މެޗުގެ ފަހު މިނެޓްގައި ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ

ފްރާންސް ލީގުގައި ޕީއެސްޖީން ސްޓްރަސްބާގު ވާދަކުރި މެޗުގެ އިތުރު ވަގުތުގެ ފަހު މިނެޓުގައި ޕެނަލްޓީއަކުން އެމްބާޕޭ ކާމިޔާބުކޮށްދިން ލަނޑާއި އެކު 2-1 ން މޮޅުވެ ލީގު ތާވަލުގެ ކުރީގައި އެޓީމުން 8 ޕޮއިންޓްގެ ލީޑެއްނަގައިފި އެވެ.

ވޯލްޑް ކަޕަށްފަހު ފްރާންސް ލީގުގެ މެޗުތައް އަލުން ފެށިއިރު، މިރޭގެ މެޗުގައި އެންމެ ފާހަގަކޮށްލެވެނީ ވޯލްޑް ކަޕް ފައިނަލްގައި ކުޅުނު އެމްބާޕޭ އާއި ބުރެޒިލްގެ ތަރި ނޭމާ މިރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު އިރު، ވޯލްޑް ކަޕް ޗެންޕިއަން އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ މި މެޗަށް އެކުލަވާލި ސްކޮޑުގައި ނުހިމެނޭކަމެވެ. ޕީއެސްޖީގެ ކޯޗު ގަލްޓިއާ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ބުނީ މެސީ އެނބުރި ސްކޮޑާ ގުޅޭނީ އަންނަ މަހުގެ ކުރީކޮޅުގައި ކަމަށެވެ.

ޕީއެސްޖީގެ ދަނޑުގައި މިރޭ ކުޅެވުނު މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ޕީއެސްޖީންނެވެ. ފުރަތަމަ ހާފު ފަށައިގެން 14 ވަނަ މިނެޓުގެ މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ބްރެޒިލްގެ ތަޖުރިބާކާރު ޑިފެންޑަރު މާކީނިއޯސް އެވެ. ނަމަވެސް ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު މާކީނިއޯސް އަތުން ބައިކޮޅަށް ވަން ގޯލަކާއެކު ސްޓްރަސްބާގުން މެޗުގެ ނަތީއްޖާ ހަމަހަމަ ކުރިއެވެ. ނަމަވެސް މި މެޗުގައި ޕީއެސްޖީއަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ އެޓީމުގެ ބުރެޒިލް ފޯވާޑް ނޭމާއަށް މެޗުގެ ރެފްރީ ގާތްތާތުގައި ދެރީނދޫ ކާޑާއެކު ރަތްކާޑެއްދައްކައި ދަނޑުން ފޮނުވާލުމުންނެވެ.

Advertisement

ފަހު މިނެޓުގައި ޕެނަލްޓީއަކުން އެމްބާޕޭ ކާމިޔާބުކޮށްދިން ލަނޑާއި އެކު 2-1 ން މޮޅުވެ ލީގު ތާވަލުގެ ކުރީގައި ޕީއެސްޖީ 8 ޕޮއިންޓްގެ ލީޑެއްގައި 

ނޭމާއަށް ފުރަތަމަ ރީނދޫކާޑު ދެއްކީ ސްޓްރަސްބާގުގެ ތޮމާސަންއަށް ކުރި ފައުލަކާ ގުޅިގެން 61 ވަނަ މިނެޓުގައެވެ. އަދި ދެވަނަ ރީނދޫ ކާޑެއް ދެއްކީ އޭގެ މިނެޓެއްފަހުން 62 ވަނަ މިނެޓުގައެވެ. މިއީ ސްޓްރަސްބާގް އޭރިއާ ތެރެއިން، ޕެނަލްޓީއެއް ހޯދުމަށް ނޭމާ ޑައިވް ކުރީކަމަށް ނިންމައި ރެފްރީ ދެއްކި ރީނދޫ ކާޑެކެވެ. މިއާއެކު ނޭމާއަށް ރަތްކާޑެއް ދެއްކިއިރު، މިއީ ޕީއެސްޖީގެ ޖާޒީގައި އޭނާއަށް ދެއްކި ފަސް ވަނަ ރަތްކާޑެވެ.

ސްޓްރަސްބާގް އޭރިއާ ތެރެއިން، ޕެނަލްޓީއެއް ހޯދުމަށް ނޭމާ ޑައިވް ކުރަނީ

މެޗުގެ ފަހު 30 މިނެޓްގައި ޕީއެސްޖީން އެއް ކުޅުންތެރިއެއް މަދުކޮށް ކުޅެމުން ދިއުމުގެ ފައިދާ ނެގޭތޯ ސްޓްރަސްބާގު ކުޅުންތެރިން ކުރިއައްޖެހި ވަރަށް މަސަކަތްކުރިއެވެ. ނަމަވެސް ލަނޑެއްޖެހޭތޯ އެޓީމުން ކުރަމުން އައި މަސައްކަތް ކާމިޔާބުނުވެ އެންމެ ފަހުން 90 މިނެޓް ކުޅުން ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ރެފްރީ ދެއްކި 5 މިނެޓްގެ ތެރެއިން އެންމެ ފަހު މިނެޓަގައި ސްޓްރަސްބާގު ޕެނަލްޓީ އޭރިއާ ތެރެއިން އެޓީމުގެ ކުޅުންތެރިއަކު އެމްބާޕޭއަށް ކުރި ފައުލަކާއިގުޅިގެން ރެފްރީ ވަނީ ޕީއެސްޖީއަށް ޕެނަލްޓީއެއް ދިފައެވެ.

މި ޕެނަލްޓީ ކާމިޔާބުކޮށް މި މެޗުގައި އެޓީމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ އެމްބާޕޭއެވެ. މިއީ މިސީޒނުގައި ލީގުގައި ކުޅުނު 15 މެޗުގައި އެމްބާޕޭ ކާމިޔާބުކުރި 13 ވަނަ ލަނޑެވެ.

މިރޭގެ މެޗުން ލިބުނު ތިންޕޮއިންޓާއި އެކު ލީގުގައި ކުޅުނު 16 މެޗުން 44 ޕޮއިންޓް ހަމަކޮށް ލީގު ތާވަލުގެ ކުރީގައި ޕީއެސްޖީ އޮތީ 8 ޕޮއިންޓްގެ ލީޑަކާއެކު އެވެ. ދެވަނައިގައި އޮތް ލެންސްއަށް 15 މެޗުން ލިބިފައި ވަނީ 36 ޕޮއިންޓެވެ. މިރޭގެ މެޗުން ބަލިވި ސްޓްރަސްބާގަށް 16 މެޗުން 11 ޕޮއިންޓާއެކު ލީގު ތާވަލުގައި އެޓީމު އޮތީ 19 ވަނާގައެވެ.

ލީގުގައި މިރޭ ކުޅެވުނު އެހެން މެޗުތަކުގެ ނަތީއްޖާތަކަށް ބަލާއިރު ކްލަރމޮންޓް އާއި ވާދަކޮށް ލިލް 2-0 ން މޮޅުވިއިރު، ބުރެސްޓް އާއި ލިއޯން ވާދަކުރި މެޗު 4-2 ން ކާމިޔާބުކުރީ ލިއޯން އެވެ. 

Advertisement

ކޮމެންޓް