ރޮނާލްޑޯ ސައުދީގައި ކުޅޭ ފުރަތަމަ މެޗަށް 2.6 މިލިއަން ޑޮލަރަށް ޓިކެޓެއް ގަނެފި
ފްރާންސްގެ ޕީއެސްޖީ އާއި ސައުދީގެ އަލް ނަސްރު އަދި އަލް ހިލާލްގެ ކުޅުންތެރިން ހިމެނޭ ހެން އެކުލަވާލާ ޓީމާ ދެމެދު ކުޅޭ ރަހްމަތްތެރިކަމުގެ މެޗު ބަލާލުމަށް 2.6 މިލިއަން ޑޮލަރަށް އެޤައުމުގެ ވިޔަފާރިވެރިއަކު ޓިކެޓެއް ގަނެފިއެވެ. މި މެޗަކީ ދާދިފަހުން ސައުދީ ކުލަބް އަލް ނަސްރު އާއި ގުޅުނު ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ސައުދީގައި ކުޅޭ ފުރަތަމަ މެޗެވެ.
މާދަމާ ރޭ ރާއްޖެ ގަޑިން 22:00 ގައި ފެށުމަށް ހަމަޖެހިފައިވާ މި މެޗަކީ އެއްގޮތަކަށް ވުރެ ގިނަ ގޮތްގޮތުން ޚާއްސަމެޗެކެވެ. ސަބަބަކީ ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި މި މެޗަކީ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި މެސީގެ ޒަމާންވީ ވާަދަވެރިކަން ފެނިގެންދާނެ ފަހުމެޗެވެ. މީގެ އިތުރުން އަހަރަކު 200 މިލިއަން ޑޮލަރުގެ މުސާރައަކަށް ސައުދީއަށް ބަދަލުވި ރޮނާލްޑޯގެ މިހާރުގެ ފެންވަރު ވަޒަންކޮށްލުމަށް އަލް ނަސްރުގެ ސަޕޯޓަރުންނަށް ލިބިގެންދާނެ ރަނުގެ ފުރުސަތަކަށް ވުމެވެ.
ބުރާސްފަތި ދުވަހުގެ ރޭ ކުޅެވޭ ރަހުމަތްތެރިކަމުގެ މެޗު އިޝްތިހާރު ކުރުމުގެ ގޮތުން ރޯޔަލް ކޯޓުގެ އެޑްވައިޒަރެއް އަދި ސައުދީ އަރަބިއްޔާގެ ޖެނެރަލް އެންޓަޓެއިންމަންޓް އޮތޯރިޓީގެ ވެރިޔާ ތުރުކީ އަލް ޝެއިހް ވަނީ ކުޅުންތެރިންނާ އެކު ފޮޓޯ ނެގުމުގެ ފުރުސަތުތަކާއި ލޮކަރު ރޫމްތަކަށް ވަނުން ފަދަ އިނާޔަތްތައް ލިބޭ ހާއްސަ ޓިކެޓަކަށް ޗެރިޓީ ބީލަމެއް ބާއްވާފައެވެ. މި ނީލަމުގައި މެސީއާއި ރޮނާލްޑޯގެ މި ކުރިމަތިލުން ބަލާލުމަށް 2.6 މިލިއަން ޑޮލަރު ދީގެން ޓިކެޓެއް ގަނެފައި ވަނީ ސައުދީގެ ވިޔަފާރިވެރިއެކެވެ.
މި ޓިކެޓުތަކުގެ ނީލަން ފަށާފައި ވަނީ ވެސް 1 މިލިއަން ޑޮލަރުންނެވެ. އަދި އަންގާރަ ދުވަހު މި ނީލަން ނިންމާލި އިރު 2.6 މިލިއަން ޑޮލަރު އަގަކަށް ޓިކެޓް ގަތީ މުޝްރަފް އަލް ޣަމްދީ ކިޔާ މީހެކެވެ. މި ނީލަން ޓިކެޓްތައް ވިއްކައިގެން ލިބޭ ފައިސާ ހަދިޔާ ކުރާނީ ސައުދީގައި ފަގީރުންނަށް ހާއްސަކޮށް ހިންގާ ގައުމީ ފަންޑަކަށް ކަމަށް ސައުދީގެ ކަމާ ބެހޭ ފަރާތްތަކާއި ހަވާލާދީ އަލް ޖަޒީރާ އިން ރިޕޯޓްކޮއްފައި ވެއެވެ.
މެސީއާއި ރޮނާލްޑޯގެ އިތުރުން ދުނިޔޭގެ ނަން މަޝްހޫރު އެހެން ކުޅުންތެރިން ވެސް މިމެޗުން ފެންނާނެއެވެ. އޭގެ ތެރޭގައި ފްރާންސްގެ ފޯވަޑް އަދި ނިމިދިޔަ ވޯލްޑްކަޕްގައި އެންމެ ގިނަ ލަނޑު ޖެހި ކިލިއަން އެމްބާޕޭ އާއި ބުރެޒިލްގެ ތަރި ނޭމާގެ އިތުރުން ފުރަތަމަ ފަހަރަށް ސެމީއަށް ދިޔަ އެފްރިކާ ޓީމު ކަމަށްވާ މޮރޮކޯގެ ޑިފެންޑަރު އަޝްރަފް ހަކީމީ ވެސް ހިމެނެއެވެ.
މި މެޗުގައި ސައުދީ އޯލް ސްޓާ ޓީމުގެ ކެޕްޓަންކީ ކްރިސްޓިއާނޯ ރޮނާލްޑޯ ކަމަށް ބޭރުގެ މީޑިއަތަކުން ރިޕޯޓްކޮށްފައި ވާއިރު މެސީ އާއި ރޮނާލްޑޯގެ ކުރިމަތިލުމެއް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 2020 ވަނަ އަހަރު ޔުވެންޓަސް އާއި ބާސެލޯނާ ޗެންޕިއަންސް ލީގުގައި ވާދަކުރި މެޗުގައެވެ. ބާސާގެ ދަނޑުގައި ކުޅޭ ޔުވެންޓަސް 3-0 މޮޅުވި މެޗުގައި ރޮނާލްޑޯ ދެ ލަނޑު ކާމިޔާބުކުރި އިރު މިދެ ކުޅުންތެރިން ވަނީ މީގެ ކުރިން 36 ފަހަރެއްގެ މަތިން ވާދަކޮށްފައެވެ.
16 މެޗުން މެސީގެ ޓީމު މޮޅުވެފައިވާއިރު ރޮނާލްޑޯއަށް މެސީގެ މައްޗަށް ކުރިހޯދިފައި ވަނީ 11 މެޗުންނެވެ. އަދި 9 މެޗު ނިމިފައި ވަނީ އެއްވަރުވެގެންނެވެ. މި 36 މެޗުގައި މެސީ 22 ލަނޑު ކާމިޔާބުކޮށްފައި ވާއިރު ރޮނާލްޑޯއަށް ކާމިޔާބުކުރެވިފައިވަނީ 21 ލަނޑެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists