ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެއަށް ކުރިއެރުމެއް ނުލިބޭ
ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުން ރާއްޖެއަށް ކުރިއެރުމެއް ނުލިބޭ ކަމަށް މިދިޔަ އަހަރުގެ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި) ގައި ބުނެފި އެވެ.
ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލް އިން ކޮންމެ އަހަރަކު ނެރޭ 'ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް' (ސީ.ޕީ.އައި) ގެ 2022 ވަނަ އަހަރުގެ އިންޑެކްސް ގައި ދިވެހިރާއްޖެ ހިމެނެނީ މިދިޔަ އަހަރުވެސް އޮތް ހިސާބުގައި، 50 އަށް ވުރެން ދަށުން ޕޮއިންޓް ލިބިފައިވާ ދުނިޔޭގެ ތިންބައިކުޅަ ދެބައި ޤައުމުތަކުގެ ތެރޭގައެވެ.
ސީ.ޕީ.އައި އަކީ ދުނިޔޭގެ 180 ގައުމެއްގައި ދައުލަތްތައް ހިންގުމުގައި ކޮރަޕްޝަން އަށަގަނެފައިވާކަމަށް އާންމުންނަށް ގަބޫލުކުރެވޭ މިންވަރު ދެނެގަތުމަށް ކޮށްފައިވާ ސާވޭ ތަކާއި ހޯދުންތަކުގެ އަލީގައި އެ ގައުމުތައް ގިންތިކޮށް ޕޮއިންޓްދޭ އިންޑެކްސް އެކެވެ. މި އިންޑެކްސްގައި ބޭނުންކުރަނީ ސުމަކުން ފެށިގެން ސަތޭކައާއި ދެމެދުގެ މިންގަނޑެއް ކަމަށް ވާއިރު ސުމެއް ލިބެނީ ވަރަށް ކޮރަޕްޓް ގައުމުތަކަށެވެ. އަދި 100 ލިބެނީ ކޮރަޕްޝަންގެ އަމަލުތައް މަދު، ހިންގުމުގެ ނިޒާމު ސާފު އަދި ހާމަކަން ބޮޑު ގައުމުތަކަށެވެ.
2022 ވަނަ އަހަރުގެ ސީ.ޕީ.އައި އިން ދިވެހިރާއްޖެއަށް ލިބުނީ 2021 ވަނަ އަހަރެކޭ އެއްފަދައިން 40 ޕޮއިންޓާއެކު 184 ގައުމުގެ ތެރެއިން 85 ވަނަ ގިންތިއެވެ.
ރާއްޖޭގެ 2022 ވަނަ އަހަރުގެ ނަތީޖާ ނެރުމަށްޓަކައި ރިއާޔަތްކޮށްފައިވަނީ ބައިނަލްއަގްވާމީ 3 މަސްދަރަކަށެވެ. އެއީ ގްލޯބަލް އިންސައިޓް ކަންޓްރީ ރިސްކް ރޭޓިންގްސް، ވެރައިޓީސް އޮފް ޑިމޮކްރަސީ ޕްރޮޖެކްޓް އަދި ވޯލްޑް ބޭންކް ކަންޓްރީ ޕޮލިސީ އެންޑް އިންސްޓިޓިއުޝަނަލް އެސެސްމަންޓް (ސީ.ޕީ.އައި.އޭ) އެވެ.
މިތަފާސް ހިސާބުތަކުން ދައްކަނީ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރުމަށް ހަދާފައިވާ ގާނޫނުތަކަށް އަމަލުކުރުމުގައްޔާއި ތަންފީޒުކުރުމުގައި ދިވެހިރާއްޖެއިން ކުރިއެރުމެއް އައިސްފައިނުވާކަމެވެ. އެހެން އަހަރުތަކެކޭވެސް އެއް ފަދައިން، ދިވެހިރާއްޖޭގައި މައްސަލަތައް ތަހުގީގުކޮށް، ދައުވާކޮށް، ގާނޫނުތައް ތަންފީޒުކުރުން ބަލިކަށިވުމުގެ ސަބަބުން ސިޔާސީ ފަރާތްތަކާއި ދައުލަތުގެ މުވައްޒަފުން ޒިންމާދާރު ނުކުރެވޭކަން ތަފާސް ހިސާބުތަކުން ދައްކައެވެ.
އަދި ސީ.ޕީ.އައިގެ މެދުމިނުގެ ގިންތި ތެރޭގައި ހިމެނިފައިވުމުން ރަމްޒުކޮށްދެނީ ދިވެހިރާއްޖެއަށް ކޮރަޕްޝަން ނައްތާލުމަށް ހުރި ބޮޑެތި ހުރަސްތަކުގެ ތެރޭގައި ބޮޑެތި ކޮރަޕްޝަން އަދި ހިޔާނާތުގެ މައްސަލަތަކާއި އާންމުނަށް ގެއްލުންވާގޮތަށް ސަރުކާރުގެ މަތީ މަގާމުތަކުގައި ތިބޭ ބައެއް ފަރާތްތަކުން ނުހައްގުން މަންފާ ހޯދާ ކަން ކަމަށް ޓްރާސްޕޭރެންސީ މޯލްޑިވްސް އިން ބުނެއެވެ.
މިހާލަތުގައި، ޕެޓީ ކޮރަޕްޝަނަށް ވަގުތީ ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތްތައް ނުފެދެއެވެ.
2022 ގެ ސީ.ޕީ.އައި ޝިއާރުން އެނގޭގޮތުގައި ކޮރަޕްޝަންގެ ސަބަބުން ސިޔާސީ، އިޖްތިމާއީ އަދި އިޤްތިޞާދީ ލޮޅުންތައް އަރައި، ޤައުމުގެ އަމަން އަމާން ކަމާއި ރައްކާތެރިކަމަށް ބުރޫއަރައެވެ. ހަމަ އެހެންމެ ކޮރަޕްޝަނުގެ ސަބަބުން އޯގަނައިސްޑް ކްރައިމް އާއި ވައިލަންޓް ކޮންފްލިކްޓް އިތުރުވާފަދަ މާހައުލެއް ޤާއިމުވެއެވެ. އެއީ ދައުލަތުގެ މަތީ މަޤާމުތަކުގައި ތިބޭ ބައެއް ކޮރަޕްޓް ފަރާތްތަކުން ނުފޫޒުގެ ބޭނުންކޮށްގެން ކުށްކުރާ ފަރާތްތަކަށް ކުށްކުރުމަށް ފުރުޞަތު ދޭތީއެވެ.
ވީމާ، މިކަމަށް ދެމެހެއްޓެނިވި ހައްލެއް ހޯދައި އަމާންކަން ހިފެހެއްޓުމަށްޓަކައި ކޮރަޕްޝަނަށް މަގުފަހިކުރުވާ އަދި ކޮރަޕްޓު ފަރާތްތަކަށް ހިމާޔަތްދޭ ނިޒާމު އެއްކޮށް ބަދަލުކޮށް، ޒިންމާދާރުކުރުވުމާއި ހާމަކަން ބޮޑު ނިޒާމެއް ކަށަވަރުކުރަންޖެހެއެވެ.
ކޮރަޕްޝަންގެ މިންވަރު ކުޑަކޮށް ސިޔާސީ ކަންކަމަށް ރައްޔިތުންގެ އިތުބާރު އަލުން ހޯދުުމަށް، ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލްއިން ގޮވާލާފައިވާ ގޮވާލުން ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ތަކުރާރުކޮށް ތިރީގައިވާ ހުށަހެޅުންތައް ދިވެހި ސަރުކާރަށް ވަނީ ހުށަހަޅާފައެވެ.
● ޔުނައިޓެޑް ނޭޝަންސް ކޮންވެޝަން އަގެއިންސްޓް ކޮރަޕްޝަން (UNCAC) ގެ ދަށުން ސަރުކާރުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރާ މިންވަރު އަމިއްލަ އިސްނެގުމުގެ މަތިން ހާމަކޮށް، ސަރުކާރުން މިކަން މޮނިޓަރކޮށް، ޔަގީންކޮށް، އަދި ތަންފީޒުކުރާ ނިޒާމު ހަރުދަނާކުރުން
● ޔުނައިޓެޑް ނޭޝަންސް ކޮންވެޝަން އަގެއިންސްޓް ކޮރަޕްޝަން (ޔޫއެންސީއޭސީ) ގެ ދަށުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރާކަން ކަށަވަރުކޮށް، ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވާ، އެކަންކަން މޮނިޓާކުރާ، އެފަދަ އަމަލުތަކުގެ ސައްހަކަށް ޔަގީންކުރާ އަދި ތަންފީޒުކުރާ ނިޒާމުތައް ވަރުގަދަކުރުމާއި، މިހާރު އަމަލުކުރެވެމުންދާ ނިޒާމުތަކުގެ މައުލޫމާތާއި ހޯދާދެވިފައިވާ ކުރިއެރުންތަކާ ގުޅޭ މައުލޫމާތު އަމިއްލަ އިސްނެގުމުގެ މަތިން ހާމަކުރުން
● ސިޔާސީ ފަރާތްތަކާއި ސަރުކާރުގެ މުވައްޒަފުން ޒިންމާދާރުކުރުވުމަށް، ބައިނަލްއަޤްވާމީ ހަމަތަކާ އެއްގޮތަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ޑްރާފްޓްކޮށްފައިވާ އެސްޓް ޑިކްލަރޭޝަން ބިލް ފާސްކޮށް، ނުހައްޤުން މުއްސަނދި ވުމާއި، ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމާއި ވޯޓު ގަތުން ހުއްޓުވުމަށް މާލީ ބަޔާން ހާމަކުރުމުގެ ފުރިހަމަ ނިޒާމެއް އެކުލަވާލުން
● ސަރުކާރުގެ ނިންމުންތަކުގައި ރައްޔިތުންގެ ފުރިހަމަ އަދި މައުނަވީ ބައިވެރިވުން އިތުރުކުރުމަށް ކަމާބެހޭ މުހިންމު މައުލޫމާތު ލިބޭނެގޮތް ކަށަވަރުކުރުމާއިް، ކޮރަޕްޝަނާއި ރައްޔިތުންގެ ފައިސާއާއި ވަސީލަތްތައް ހަރަދުކުރާ ގޮތާއި ބޭނުންކުރާ ގޮތާ ގުޅޭ އަދާހަމަކުރެވިފައިވާ މައުލޫމާތު ފަސޭހަކަމާއެކު ލިބެން ހުންނާނެގޮތަށް ޝާއިއުކުރުން ހާމަކަން ބޮޑުކޮށް، އެކަށީގެންވާ ވަގުތެއްގެ ތެރޭގައި މައްސަލަތައް ތަހުގީގުކޮށް ދައުވާ ކުރަން ފޮނުވުމަށް ބޭނުންވާ ގާބިލުކަމާއި ވަސީލަތްތައް ދައުލަތުގެ މުއައްސަސާތަކުގައި އިތުރުކުރުން.
އަދި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ދައުލަތުގެ މުއައްސަސާތަކަކީ އެކަށީގެންވާ ފަންޑާއި، ވަސީލަތްތައް ލިބި، ނުފޫޒުން އެއްކިބާވެ އެފަރާތްތަކުގެ މަސްއޫލިއްޔަތު އަދާކުރުމުގެ މިނިވަންކަން ލިބިފައިވާ މުއައްސަސާތަކެއްކަން ކަށަވަރުކޮށް އެމުއައްސަސާތަކުގެ މައްޗަށް ސިޔާސީ ނުފޫޒާއި ބިރުދެއްކުން ހުއްޓުވިފައިވާކަން ކަށަވަރުކުރުން.
● ޑިމޮކުރަސީ ހިމާޔަތްކޮށް މަދަނީ މާހައުލު ރައްކާތެރިކުރުމަށް ގާނޫނުތައް ފުރިހަމައަށް ތަންފީޒުކޮށް، މީގެތެރެއިން ހާއްސަކޮށް އިންސާނީ ހައްގުތަކުގެ ދިފާއުގައި އިންސާނުންގެ ވަގުފާރިއާއި ވިސްލްބްލޯ ކުރާފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު ތަންފީޒުކޮށް، މަސައްކަތްކުރާ ފަރާތްތަކަށް އިންސާނީ ހައްގުތަކަށް އަރައިގަންނަ ފަރާތްތައް، ސަރުކާރު ހިމެނޭހެން، ޒިންމާދާރުކުރެވޭނެ ގޮތްތައް މަގުފަހިކުރުން
މީގެ އިތުރުން، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވަމުންދާއިރު، ޒިންމާދާރު ކުރުވުމުގެ ނިޒާމުތަކާއި އަދުލު އިންސާފު ޤާއިމުކުރުމުގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ގެއްލޭގޮތަށް ކޮރަޕްޝަނާ މެދު ސިޔާސީގޮތުން ކުރަމުންގެންދާ ކަންތައްތަކާމެދު ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތްތަކަކީ ވަގުތުތުން ވަގުތަށް އަވަސްކަންމަތީ ވަކި ފަރާތަކަށް ނުޖެހި ކުރަންޖެހޭ ކަމަކަށްވާތީ، ކޮރަޕްޝަން ހިންގާ ފަރާތްތައް ހިމާޔަތްކުރުން ހުއްޓާލައި، ކޮރަޕްޝަނާ ގުޅޭ ތުހުމަތުތައް ތަހުގީގުކޮށް ކޮރަޕްޝަންގެ އަމަލުތައް ހިންގާ ސިޔާސީ ފަރާތްތަކަށް ވަޒީފާގެކުރިއެރުމާއި އިތުރު ކުރިއެރުންތަކާއި ބާރުތައް ދިނުމުގެ ބަދަލުގައި އިންސާފުގެ ކުރިމައްޗަށްގެނައުމަށް ޓްރާސްޕޭރެންސީ މޯލްޑިވްސް އިން ވަނީ ގޮވާލާފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists