މަރުގެ ހުކުމާ ގުޅޭ ގޮތުން މިނިސްޓަރާއި ކުރި ސުވާލަށް ޖަވާބު ނުދިން
ކީރިތި ޤުރުއާނުގެ ބަގަރާ ސޫރަތުގައި މަރުގެ ހުކުމާއި ގުޅިގެން ބާއްވާލާފައިވާ އާޔަތާއި އެއްގޮތަށް ދިވެހިރާއްޖެއިން ޢަމަލު ނުކުރަނީ ކީއްވެތޯ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުالله (މޮސްޓާ) ކުރެއްވި ސުވާލަށް އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު ޖަވާބު ނުދެއްވުމުން މޮސްޓާ ނުރުހުން ފާޅުކުރައްވައިފިއެވެ.
މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖްލީހުގެ ޖަލްސާ ގައި، ކީރިތި ޤުރުއާނުގެ ބަގަރާ ސޫރަތުގެ 178 ވަނަ އާޔަތުގައި މަރުގެ ހުކުމް ބަޔާންކޮށްފައިވާއިރު އެ އާޔަތާއި އެއްގޮތަށް ހުކުމް ތަންފީޒް ނުކޮށް، ހަމަ އެ ސޫރަތުގެ 183 ވަނަ އާޔަތުގައި ރޯދަ ފަރުޟުކުރައްވާފައި ވުމުން އެ އާޔަތަށް އަމަލު ކުރަމުންދާ ކަން ފެންނަ ކަމަށާ، ގުރުއާނުގެ އެއްބަޔަށް ތަބައު ވެފައި އަނެއް ބަޔަށް ތަބައު ނުވަނީ ކީއްވެތޯ މޮސްޓާ ވަނީ ސުވާލު ކުރައްވާފައެވެ.
"ބަގަރާ ސޫރަތުގެ 178 ވަނަ އާޔަތް ގަބޫލު ނުކޮށް 183 ވަނަ އާޔަތް ދިވެހި ރާއްޖޭގައި ގަބޫލު ކުރާތަން ދިވެހި ރާއްޖޭގައި މި ފެންނަނީ. އެއީ ކޮން އުސޫލަކުން ކުރާ ކަމެއް ކަން ފާހަގަ ކޮށްލަ ދީފާނަންތޯ. އެއް އާޔަތް ގަބޫލު ކޮށްފައި އަނެއް އާޔަތް ގަބޫލު ނުކުރަނީ. 178 ގަބޫލެއް ނުކުރޭ ދިވެހިރާއްޖޭގެ ގާނޫނަކުން ވެސް."
މޮސްޓާގެ ސުވާލާއި ގުޅިގެން ރިޔާސަތުގައި އިންނަވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ، ރާއްޖޭގައި ތިއްބެވި އެންމެ ބޮޑެތި ދަންނަބޭކަލުން ތިއްބެވީ އެވަގުތު މަޖިލީހުގައި ކަމަށް ވިދާޅުވެފައެވެ. އަދި މަޖިލީހުގައި އެވަގުތު ތިއްބެވީ ވެސް މުސްލިމުން ކަމަށާ، ޢިލްމީ ބޭފުޅުންނަށް އެންމެންވެސް އިހްތިރާމް ކުރައްވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދުގެ ވާހަކަފުޅަށް ފަހު މިނިސްޓަރަށް ޖަވާބު ދެއްވަން ފުރުސަތު ދެއްވުމުން، މިނިސްޓަރު ޖަވާބު ދެއްވާފައި ވަނީ މޮސްޓާ ކުރެއްވި ދެ ސުވާލުގެ ތެރެއިން ސަލްމާން މިސްކިތާއި ގުޅިގެން ކުރެއްވި ސުވާލަށް އެކަންޏެވެ. އަދި އެ ސުވާލަށް މިނިސްޓަރު ޖަވާބު ދެއްވައި ނިމުނު އިރު، ޖަވާބު ދިނުމުގެ ވަގުތު ހަމަވެފައި ވުމާއިއެކު މަރުގެ ހުކުމާއި ގުޅިގެން މޮސްޓާ ކުރެއްވި ސުވާލަށް މިނިސްޓަރު ޖަވާބު ނުދެއްވަ އެވެ.
އެކަމާއި ގުޅިގެން ނިޒާމީ ނުކުތާ ނަންގަވައި މޮސްޓާ ވަނީ ނުރުހުން ފާޅުކުރައްވާފައެވެ.
"އަޅުގަނޑު ދެ ސުވާލު ކުރިން. ބައެއް މެންބަރުން ދެ ސުވާލު ކުރީމާ ފުރުސަތު ހޯދަދީގެންވެސް އެބޭފުޅުންނަށް މިތަނުގައި އެބަ ފުރުސަތު ދޭ. އަޅުގަނޑު ވީމާ ވަކި އެއް ސުވާލަށް ޖަވާބު ދީފައި އެ ނިންމާލަނީ."
މޮސްޓާ އެފަދައިން ވިދާޅުވެފައި އެވަނީ ބައެއް މެންބަރުން ކުރާ ސުވާލުތަކަށް ވަގުތު ހަމަ ވުމުންވެސް މިނިސްޓަރުން ޖަވާބު ދެއްވާތީ ކަމަށް ބެލެވެއެވެ.
މޮސްޓާގެ ޝަކުވާ އާއި ގުޅިގެން މިނިސްޓަރު ވަކި އެއްޗެއް ވިދާޅުވެފައި ނުވާއިރު އެކަމަށް ރައީސް ނަޝީދު ވަނީ ޖަވާބުދާރީވެވަޑައިގެންފައެވެ. ނަމަވެސް، އާއްމުކޮށް މެންބަރުންގެ ސުވާލަަށް ޖަވާބުދެއްވަން މިނިސްޓަރުގެ އަރިހުން ދަންނަވާ ފަދައިން މޮސްޓާގެ ސުވާލަށް ޖަވާބު ދެއްވުމަށް ނަޝީދު ނާންގަވައެވެ.
"އިއްޒަތްތެރި ވަޒީރުގެ އިޚްތިޔާރުގައި އޮވޭ މައުޟޫއާ ގުޅޭ ސުވާލަށް ޖަވާބު ދެއްވުމުގެ އިޚްތިޔާރު. އެގޮތުން އިއްޒަތްތެރި ވަޒީރު ސުވާލަށް ޖަވާބު ދެއްވީމާ ރިޔާސަތަށް ސާފުވޭ، އެއީ މިއަދުގެ ސުވާލާއި ގުޅިގެން އައި ސުވާލަށް ޖަވާބު ދެއްވީ ކަމަށް." މޮސްޓާގެ ދެވަނަ ސުވާލަށް ޖަވާބު ނުދެއްވީ އެއީ މައުޟޫއިން ބޭރު ސުވާލެއް ކަމުން ކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވި އެވެ.
ނަމަވެސް މައުޟޫއިން ބޭރުން ކުރައްވާ ސުވާލު ތަކަށްވެސް މީގެ ކުރިން މަޖިލީހުގައި މިނިސްޓަރުން ޖަވާބު ދެއްވާފައިވާ ކަން ފަހަގަކޮށްލެވެއެވެ. އެހެންކަމުން، މިނިސްޓަރު އެ މައްސަލާގައި ހަނު ހުންނެވީ ޖަވާބު ދެއްވަން ބޭނުން ނުވާތީ ކަމަށް ބެލެވެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists