ޓިކެޓު ޖަލްސާގެ ބޮޑު މައުލޫއަކަށް ކުރީ ސަރުކާރު!

18 Feb 2023 | 19:33
ރައީސް ޞާލިހަށް ރަސްމީކޮށް ޓިކެޓު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.. ފޮޓޯ: އެމްޑީޕީ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީ ތަމްސީލުކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ބޭއްވި ރިޔާސީ ޕްރައިމަރީ ބޮޑުތަނުން ކާމިޔާބުކުރެއްވި ޕާޓީގެ އެންމެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް، ރިޔާސީ ޓިކެޓު ހަވާލުކުރުމަށް ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ވަނީ ކުލަގަދަ ހަފްލާއެއް ބާއްވާފަ އެވެ. 

މިއީ ބަޔަކު މީހުން ފިއްކަނޑައިގެން ދާނެ ވަރުގެ ޖަލްސާއެއްކަމަށް ދުރާލާ އިއުލާނު ކުރެވިގެން ފުރިހަމަ އިންތިޒާމެއްގެ ތެރެއިން ބޭއްވުނު ޖަލްސާއެކެވެ. މި ޖަލްސާގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައި ނުގަތަސް، ޕާޓީގެ އިސް ސަފު މިއަދު ފަޅުފިލުވަމުންދާ ހުރިހާ ބޭފުޅުން ތިއްބެވިއެވެ. 

ކޮންމެއަކަސް އެމްޑީޕީއަށް އައި އީދެއްފަދަ އެ ޖަލްސާގައި ޕާޓީގެ އިސް ސަފުގައި ނަގާކިޔަން މިއަދު ތިއްބެވި ބޭބޭފުޅުން ވާހަކަފުޅުދައްކަވާފައި ވީނަމަވެސް، ޓިކެޓު ޖަލްސާގެ ބޮޑު މައުލޫއަކަށް ވީ ކުރީ ސަރުކާރެވެ.

މެމްބަރުން ފާރުމަތިން އުކާލި ވާހަކައާއި ޓިނު ނެގި ވާހަކަ ތަކުރާރުކުރި  

ޖަލްސާގައި އެންމެ ފުރަތަމަ ވާހަކަފުޅު ދެއްކެވީ މިއަދު ރައީސް ޞާލިހުގެ އެންމެ އަރިސް އެއް ބޭފުޅެއް ކަމަށްވާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ޝާހިދުގެ ވާހަކަފުޅު ފެއްޓެވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމާއި ހަވާލުވި ހިސާބުން ގައުމަށް އައި މިނިވަން ނޫރާނީ ދައުރުގެ ފޮނި މީރުކަމާއި ހިސާބުންނެވެ. 

އިރުކޮޅެއް ނުވެ އެމަނިކުފާނުގެ އަޑާއި ރާގުފުޅު އެެއްކޮށް ބަދަލުވެ ކުރީ ސަރުކާރަށް ގާއުކަން ފެއްޓެވިއެވެ. އެ ވެރިކަމުގައި ހިނގައި ގޮސްފައިވާ ކަންކަން ހަނދުމަފުޅު ކުރެއްވުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގަތެވެ. 

އެވާހަކަފުޅު ފެއްޓެވީ ރައްޔިތުންގެ މަޖިލީހާއި ހިސާބުންނެވެ. ކުރީ ސަރުކާރުން ރައްޔިތުންގެ މަޖިލީސް ކުރާގެ ސަރުކާރުގެ ދަށަށް ގެންގޮސް، މެމްބަރުން ފާރުމަތިން "އުކާލި" ގޮތް ހަނދުމަކުރުމަށް ޝާހިދު އެދިލެއްވިއެވެ. 

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު 

"ހަނދުމަފުޅު ކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މެމްބަރުކަމުން ވަކިވެއްޖެކަމަށް ނިންމާ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ދަމާނެރެ، ބޮޑު ކަންނެލި އުކާހެން ގޭޓުމަތިން އުކާލީ، ދައުލަތުގެ ސަލާމަތީ ބާރުތަކުގެ އަތްދަށަށް ރައްޔިތުންގެ މަޖިލިސް ގެންދިޔަ، ހަނދުމަފުޅު ކުރައްވާ! އެއީ އަނިޔާވެރިކަން.. އެއީ ދައުލަތް ޚަރާބުކޮށްލުން"

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު 

ދެން އެ ވިދާޅުވީ ބޭރު މީހުންނަށް ބިން މިލްކު ކުރެވޭގޮތަށް ގާނޫނު އަސާސީ ބަދަލު ކުރި ވާހަކައެވެ. 

އެމްޑީޕީގެ ރިޔާސީ ޓިކެޓު ދިނުމަށް ބޭއްވި ޖަލްސާގެ ތެރެއިން 

"މިދިޔަ ޕީޕީއެމްގެ އަނިޔާވެރި ޖައްބާރު ވެރިކަމުގައި މުޅި ދައުލަތް ވިއްކާލަން ނިންމާ ހިންގި ބޮޑު ޖަރީމާގެ މަތިން ހަނދުމަފުޅު ކުރައްވާ. ދިވެހިރާއްޖޭގެ ގާނޫނު އަސާސީ ޚަރާބުކޮށްލާ ގާނޫނު އަސާސީއަށް އިސްލާހު ގެނައީ ރާއްޖޭގެ ފަޅުތަކާއި އަތޮޅުތަކާއި ރަށްތައް ވިއްކާލުމަށް، ހަނދުމަފުޅު ކުރައްވާ"

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު 

އެހިސާބުންވެސް ކުރީ ސަރުކާރުގެ ވާހަކަ ހުއްޓައެއް ނުލެއްވި އެވެ. އެމަނިކުފާނުގެ ވާހަކައިގައި ދެން ވިދާޅުވީ ކުރީ ސަރުކާރުން ސުޕްރިމް ކޯޓުގެ ފުރާޅުން ޓިނު ނެގި ވާހަކައެވެ. 

"ރާއްޖޭގެ ފަނޑިޔާރުގޭގެ ފުރާޅުން ޓިނު ނަގާ ބޮޑު ފަނޑިޔާރާއި ދެންތިބި ފަނޑިޔާރުން ނަގާ ގެންގޮސް ކުޑަގޮޅިއަށްލާ، ބަނޑު ބިންމަތީގައި ޖެއްސީ.. ކުރީގެ އަނިޔާވެރި ސަރުކާރުން." 

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު 

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ މުޅި ވާހަކަ ބައްޓަން ކުރެއްވީ ކުރީ ސަރުކާރަށް ފާޑުވިދާޅުވުމަށެވެ. އެ ސަރުކާރުގެ ހަނދާންތައް އާކުރުމުގައެވެ. އެ ދައުރުގައި ނުކަސިޔާރުކޮށް ހިނގާފައިވާ ކަންކަން ތިލަކޮށްލުމަށެވެ. 

ކުރީ ސަރުކާރުގައި ޚިޔާލުފާޅެއް ނުކުރެވޭ، ކުރީ އަނިޔާ!

ރައީސް ޞާލިހުގެ އަތްޕުޅަށް ޓިކެޓި ހަވާލުކުރުމަށް ބޭއްވި އެ ޖަލްސާގައި ކުރީ ސަރުކާރަށް އެންމެ ބޮޑަށް ފާޑުކިޔުއްވުން އަމާޒުކުރެއްވި އެއްބޭފުޅަކީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެވެ. 

ޚިޔާލުފާޅުކުރުމަށް ކުރީ ސަރުކާރުގައި އުޅެން ޖެހުނު ހާލު ފައްޔާޒު ވަނީ ހަނދާން އާކުރައްވާފަ އެވެ. އެ ސަރުކާރު ބަދަލުކުރަން ޖެހުނު ސަބަބާއި، އެ މަސައްކަތް ކުރުމަށް ދިމާވި ގޮންޖެހުންތަކަށް ފައްޔާޒު އަލިއަޅުވާލެއްވި އެވެ. 

އެއީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނެތް، އަނިޔާވެރި ސަރުކާރެއްކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި އޭރު މަގުމައްޗަށް ޚިޔާލު ފާޅުކުރަން ނިކުންނަ މީހާއަށް ކުރާ އަނިޔާތަކުގެ ވާހަކަތައް ތަކުރާރުކޮށް ވިދާޅުވެފައި ވެއެވެ. 

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް 

"ފުރަތަމަ އެކަމަށް ނިކުތް އިރުވެސް އޭރު އެމްޑީޕީގައި އެ މަސައްކަތްކުރެއްވި ބޭފުޅުންނަށް އެނގޭ އެކަމުގައި ހުރި ބިރުވެރިކަމާ އެކަމުގައި ހުރި ނުރައްކާތަކާއި، އެކަމުގައި ހުރި އަސަރު. އޭރު ނިކުތް މީހުންނަށް ބޮޑެތި އަނިޔާތައް ތަހަންމަލު ކުރަން ޖެހުނު. ޖިސްމާނީ އަނިޔާއާއި ޖަލުގެ ތޭރިތަކާއި ކުރިމަތިލާން ޖެހުނު. މުދާތައް ނިގުޅައިގަނެވުނު. އާއިލާތައް ރޫޅި ބިކަވެގެން ދިޔަ"

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް 

އެމްޑީޕީ ވެރިކަމުގައި ދެމިއޮތުމަށް ގުޅިގެން މަސައްކަތް ކުރަންވީ ކުރީ ސަރުކާރުގައި ހިނގައިދިޔަ ކަންކަން ހިތްމައްޗަށް ގެނެސް އެފަދަ ދައުރެއް ރާއްޖެއަށް އަޔަނުދިނުމަށްކަމަށް ފައްޔާޒު ވިދާޅުވިއެވެ. 

ކުރީ ސަރުކާރުގެ ރައީސްއަށް މަލާމާތް! 

އެމްޑީޕީގެ ރިޔާސީ ޓިކެޓު ޕާޓީގެ އެންމެ އިސް ލީޑަރަށް އެރުވުމަށް ބޭއްވި ކުލަގަދަ ހަފުލާގެ އުފާވެރިކަމަށްވުރެ ބޮޑަށް އެރޭގެ ވާހަކަތަކުން އަޑުއިވިގެން ދިޔައީ ކުރީ ސަރުކާރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކުޑައިމީސްކޮށް ދެއްކި ވާހަކަތަކުގެ އަޑެވެ. 

އެގޮތުން މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާގެ މުޅި ވާހަކަފުޅު ބައްޓަން ކުރެއްވީ ކުރީގެ ރައީސް ޔާމީނަށް ވަގަށް ގޮވުމަށެވެ. އެމަނިކުފާނުގެ ޒައާމަތުގައި ހިނގި ކޮންމެ ވައްކަމެއްގެ ޒިންމާ އެމަނިކުފާނުގެ އިސްތަށިފުޅުގައި އެޅޭނެކަމަށް ދޭހަވާ މޭރުމުން ރޮޒައިނާ ވަނީ ހަރުކަށި ވާހަކަފުޅުތަކެއް ރޭގެ އެ ޖަލްސާގައި ހިއްސާ ކުރައްވާފަ އެވެ. 

އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް ޞާލިހަށް ލިބިލެއްވުމަށްވުރެ ބޮަޑަށް އެކަމަނާ އުފާކުރައްވަނީ ކުރީ ސަރުކާރުގެ ރައީސަށް ޖަލުގައި އޮންނަވާތީހެންވެސް އެކަމަނާގެ ވާހަކަތަކުން ހީވާފަހަރު އާދެއެވެ. 

އެންމެ ފާހަގަކޮށްލެވެނީ އެއީ ހަލާލުކަން ބޮޑު ހުކުމެއްކަމަށް ވިދާޅުވެ ރޮޒައިނާ ދެއްކެވި ވާހަކަފުޅެވެ. 

މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް 

"ގައުމުގެ ވެރިޔާ ރައްޔިތުންގެ ފައިސާއަށް ރައްކާތެރިވާނެކަމަށް ހުވާކޮށްގެން ވެރިކަމަށް އަންނަ މީހާ ވައްކަންކުރީމަ އެންމެ ފުރަތަމަ ޖަލަށްލާން ޖެހެނީ ހަމަ އެމީހާ. އޭގެ ފަހުން ދެން ކުދި ވަގުންތައް ހޯދާނީ. ރައީސް ޔާމީންގެ އެކައުންޓުގައި 100 މިލިއަން ރުފިޔާ އޮވެމެ ކޯޓަކުން ވައްކަން ސާބިތުވެގެން ރައީސް ޔާމީން ޖަލަށް ލީމަ، މި ގޮވަނީ ހަރާން ހުކުމެކޭ. ވަޓް އަ ޖޯކް އޭ އަޅުގަނޑަށް ބުނެވޭނީ. ބައްލަވާ މިޔަށްވުރެ ހަލާލު ހުކުމެއް މި ރާއްޖޭގެ ތާރީހުގައިވެސް ނުކުރޭ"

މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް 

ކެންޑިޑޭޓުވެސް ގިނައިން ދެއްކެވީ ކުރީ ސަރުކާރަށް ނުވި ކަންކަމުގެ ވާހަކަ!

ރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުވެސް ވާހަކަފުޅު ދެއްކެވިއެވެ. އެއީ ރަސްމީކޮށް ރިޔާސީ ޓިކެޓާއި ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ގައުމާއި މުޚާތަބުކޮށް އެމަނިކުފާނު ވާހަކަފުޅު ދެއްކެވި ފަހަރެވެ. 

އަންނަ ރިޔާސީ އިންތިޚާބަށް އެމަނިކުފާނު ގެންގުޅުއްވާނެ ތަސައްވަރާއި، ކޮށްދެއްވާނެ ކަންކަމުގެ ކޮންމެވެސް މިންވަރެއް ހިއްސާކުރައްވާނެކަމަށް އެތައް ބަޔަކު އުންމީދު ކުރާނެއެވެ. 

އެހެން ނަމަވެސް އެމަނިކުފާނުގެ ވާހަކައިގައިވެސް ބޮޑަށް ދެއްކީ މީގެ ކުރީ ސަރުކާރަށް ނުވެ ހުރި ކަންކަމުގެ ވާހަކައެވެ. ނުކޮށްދެވި ހުރި ކަންކަމުގެ ވާހަކައެވެ. 

ރައީސް ޞާލިހު 

"މުޅި ރާއްޖޭގެ ކަރަންޓު ޔަގީންކުރެވުން އެދަނީ ކުރިއަށް އޮތް އެތައް އަހަރަކަށާއި، އެކަށޭނާ މިސްރާބަކަށް. އެއްގަމާއި ކަނޑާއި ވައިގެ ދަތުރުފަތުރުގެ ވިއުގަ ވެގެންދާނީ ދިވެހި އިގްތިސާދު އިންގިލާބުވާ ނާރެހަކަށް. އެއީ މުދަލާއި ޚިދުމަތަށް ވަޒީފާ މުޅި ރާއްޖެއަށް ފެތުރި އާންދަނީގެ އެތައް ފުރުސަތެއް އުފެދި ޖީބަށް ވަންނަ ފައިސާ ގުނަވެގެންދާނެ ސަބަބު. މީހަކަށް ނުވާ ރަނގަޅެއް ގައުމަކަށް ވަކި ނުވާނެ. ދުނިޔޭގެ އެންމެ މަތީ ފަޑިއަށް ދިވެހި ފަތުރުވެރިކަން އުފުލާލަދިން ރިސޯޓު މުވައްޒަފުންގެ އުޖޫރައިގައި ނެތް ރަނގަޅެއް އެ ސިނާއަތަކު ނޯންނާނެ. މިނިމަމްވޭޖު ކަށަވަރު ނުކޮށްދީ މެކްސިމަމް ތަރައްގީ ނުހީދޭނެކަން ދަންނަނީ ހަމަ އެމްޑީީޕީ"

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު 

ރައީސް ޞާލިހުގެ ވާހަކަފުޅުގައި އަންނަ ދައުރަކަށް އެމަނިކުފާނު ގެންގުޅުއްވާނެ ތަސައްވުރެއް ސާފެއް ނޫނެވެ. އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނާނެ މުހިންމު އެއްވެސް ކަމަކަށް އަލިއަޅުވާލައްވާފައެއް ނުވެއެވެ. މުޅިންވެސް ދެއްކެވީ ނުކޮށްދެވި ހުރި ކަންކަން ކުރައްވަމުންދާ ވާހަކައެވެ. އަދި ނިމިދިޔަ ސަރުކާރުގެ ތަޖުރިބާ ދެން އަނބުރާ ތަކުރާރުކުރަން ބޭނުންފުޅުވެ ނުލައްވާ ވާހަކައެވެ. 

ރޭގެ ޖަލްސާގައި ޕޯޑޮއަމް ކައިރިއަށް ހަމަ ހުއްޓިވަޑައިގެން ހުރިހާ ބޭފުޅުންގެވެސް ވާހަކަފުޅު ހުރީ ހަމަ އެފަދަ ގޮތަކަށެވެ. ކޮންމެ ބޭފުޅަކުވެސް މަސައްކަތްޕުޅު ކުރެއްވީ އެ ބޭފުޅަކަށް ވީ އެންމެ ފަށުވިކޮށް ކުރީ ސަރުކާރަށް ފާޑުކިޔުމަށެވެ. އެ ޖަލްސާއަކީ ކުރީ ސަރުކާރަށް ފާޑުކިޔަން ބޭއްވި ޖަލްސާއެކޭ ހީވާ ފަހަރުވެސް ދިޔައެވެ.

އެމްޑީޕީއިން ބުނަމުންދަނީ އަންނަ ރިޔާސީ އިންތިޚާބަށް އެ ޕާޓީ ފައްކާކުރަމުންދާ ވާހަކައެވެ. ޕާޓީގެ ކެންޑިޑޭޓު ވިދާޅުވަނީ އެއްބުރުން އިންތިޚާބު ކާމިޔާބުކުރައްވާނެ ވާހައެވެ. އެމްޑީޕީގެ ވާދަވެރި ކެންޑިޑޭޓު އޮތީ ހުރަގޭގައެވެ. އެމްޑީޕީއިން ޖެހިލުންވާން ޖެހޭ އެއްވެސް ކަމެއް އަމުދުންވެސް ނެތްކަމަށް އެ ޕާޓީއިން ދަނީ ބުނަމުންނެވެ. 

އެހެން ނަމަވެސް، ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ފަތްކޮޅު އެރުވުމަށް ބޭއްވި އެ ފަޚުރުވެރި ޖަލްސާގެ ބޮޑު މައުލޫއަކަށް ވީ ކުރީ ސަރުކާރެވެ. މުޅިންވެސް ދެއްކީ ކުރީ ސަރުކާރުގެ ވާހަކައެވެ. އެ އުފާވެރި މެހެފިލުގައި ގިނި އަދާ ރޯވަމުން ދިޔައީ ކުރީ ސަރުކާރުގެ ހަނދާންތައް އާކޮށް ދެއްކި ވާހަކަތަކުންނެވެ. 

Advertisement

ކޮމެންޓް