Advertisement

އެތައް ގޮންޖެހުންތަކާއިއެކު އައިޔޫއެމް އިން ގްރެޖުއޭޓްވި ލޯފަން 9 ދަރިވަރުން؛ ރާއްޖެއަށް ނަމޫނާއެއް!

އިމާމު ކަމުގެ ޑިގްރީ ހާސިލްކުރި ބައެއް ލޯފަން ދަރިވަރުން-- ފޮޓޯ/ ވޮއިސް

ފާއިތުވި ބުރާސްފަތި ދުވަހު ބޭއްވުނު އިސްލާމިކް ޔުނިވަސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބަލަމުންދިޔައިރު، އެންމެ ޝައުގުވެރިވި އެއް ކަމަކަށް ވެގެންދިޔައީ ސްޓޭޖު މަތިން ދަސްވެނިވުމުގެ ސަނަދު ލިބިގަތުމަށް އެހެން މީހުންގެ އެހީތެރިކަމާއިއެކު ދިޔަ ދަރިވަރުންނެވެ. އާދެ! ލޯފަން ދަސްވެނިންނެވެ. އެދުވަހު ޖުމުލަ 9 ލޯފަން ދަރިވަރުން ދަސްވެނިވި ކަމުގެ ސަނަދު ހާސިލްކޮށްފައިވެއެވެ. 

އެ ދަރިވަރުން ފެނުމުން، އެތަކެއް ސުވާލުތަކެއް ހިތަށް އަރާ ފައިބަމުން ދިޔައެވެ. އަދި އެ މީހުން އެ ހިސާބަށް ދިޔުމަށް ކުރި ދަތުރުގެ ވާހަކަ އަޑުއަހާލުމަށް ހިތުގައި ޝައުގުވެރިކަން އުފެދިގެންދިޔައެވެ. ޔަގީނުންވެސް އެ ޝައުގު އެތައް ބައެއްގެ ހިތުގައި އޮންނާއެވެ.

ލޯފަން ބައެއް ގްރެޖުއޭޓުން ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުގައި މަސައްކަތް ކުރާ ޖަމިއްޔާގެ މެންބަރުންނާއި އެކު-- ފޮޓޯ/ ވޮއިސް

ސަބަބެއްވެސް ނެތިއެއް ނޫނެވެ. އެންމެ ކުޑައިރުން ފެށިގެންވެސް އިވޭ އަޑަކީ، "އޭނާ އަކީ ލޯފަން ނުވަތަ ބީރު މިހެކެވެ. އޭނާ ތައުލީމް ހާސިލް ކުރާނީ ކިހިނަކުން ހެއްޔެވެ؟ އޭނާ ބޮޑު ވާނީވެސް ލިޔަން ކިޔަން ނޭނގޭ ތަންދޮރު ނުދަންނަ މީހެއްގެ ގޮތުގައެވެ. މުޖުތަމަޢުއަށް އޭނާގެ ކިބައިން އެއްވެސް ފައިދާއެއް ނުވާނެއެވެ. އެއީ ބޭކާރު މީހެކެވެ." 

އެފަދަ އެތަކެއް ބަސްތަކެއް ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ނިސްބަތްކޮށް ބުނެވެމުންދިޔައިރު، އެ ސަބަބު ތަކާއި ހުރެ ކަމަށް ބުނެ ގިނަ "ކުޅެދޭ" މީހުން ވަނީ އެ ނުކުޅެދޭ މީހުން މުޖުތަމަޢު އިން ބޭރުކޮށް އެކަހެރި ކޮށްލާފައެވެ. އެމީހުންނަށް ޢިލްމު އުނގަންނައި ދިނުމަށް ތައުލީމީ ނިޒާމުގެ ތެރެއިން ސަރުކާރުންވެސް މާ ބޮޑު މަސައްކަތްތަކެއް ކުރަމުން ދިޔަތަން ނުފެނެއެވެ. އެހެންކަމުން، އެ މީހުންގެ ތެރެއިން ގިނަ މީހުން ބޮޑުވަމުން އައީ، މުޖުތަމަޢު އިން އެމީހުން ލޭބަލް ކުރަމުންދިޔަ ގޮތަށް ލިޔަން ކިޔަން ނޭނގޭ، އެކަށޭނެ މިންވަރަށް ޢިލްމު ލިބިފައިނުވާ ބައެއްގެ ގޮތުގައެވެ.

މިކަން ބުރާސްފަތި ދުވަހު އެ ބޭއްވުނު ހަފްލާގައި ދަސްވެނިވި އެފަދަ ދަރިވަރުންގެ ވާހަކައިންވެސް އެނގިގެން ދިޔައެވެ.

"އަޅުގަނޑު ހަމަ އެންމެ ފުރަތަމަ މިދަތުރު ކުރަންވެގެން، އަޅުގަނޑަށް ކިޔެވުމަށް ފުރުސަތު ލިބޭތޯ އެ ފެށި ދުވަސްވަރު މަތިން އަޅުގަނޑަށް ހަނދާނަށް އަންނަނީ.  އަޅުގަނޑަކީ الله ގެ ރަހުމަތާއި އެކު ކުރީ ކޮންމެވެސް ވަރަކަށް ލޮލަށް ފެނިފައި ހުރި މީހަކަށ ވާތީ، ގްރޭޑް 7 އާއި ހަމައަށް ކޮންމެވެސް މިންވަރަކަށް ކިޔަވާލެވުނު. ވަރަށް އުނދަގޫ ކަންމަތީގައި. އޭރުވެސް އެއްލޮލަށް އެ ފެންނަކުޑަ ފެނުމާއި އެކީގައި. އެހެންނަމަވެސް، މަތީ ތަޢުލީމަށް ދިޔުމަށްޓަކައި އޭރަކު މާ ބޮޑު ފުރުސަތު ތަކެއް ނެތް. އޭރު އަޅުގަނޑު އެންމެ ފުރަތަމަ ކޯހެއް ހެދުމަށްޓަކައި، އަޅުގަނޑު ކުރި ކޯލަކަށް ލިބުނު ޖަވާބަކީ އެއީ އަޅުގަނޑުގެ ހިތުގައި މިއަދުވެސް ހަރުލާފައިވާ ޖަވާބެއް. އެތަނުން އަޅުގަނޑަށް ދެއްވި ޖަވާބަކީ ލޯފަން މީހުންނަށް ކިޔަވާދެވޭނެ ގޮތެއް މިތަނަކު ނެތޭ. އެއީ 2011, މިއީ 2023. އެދުވަހު އެ ދިން ޖަވާބާއެކު އަޅުގަނޑު ފަސް ޖެހުނު ނަމަ، އަޅުގަނޑު މިއަދު މި ހެދުން ލައިގެން މި ތޮފި އަޅައިގެން ނުހުރެވުނީސް." ބުރާސްފަތި ދުވަހު އިސްލާމިކް ޔުނިވަސިޓީން އިމާމް ކަމުގެ ކޯހުން ޑިގްރީ ހާސިލް ކުރި އއ. އުކުޅަހު ހޯޕް ޖަމިއްޔާގެެ ރައީސް ކަންވެސް ކުރަމުން އަންނަ ލޯފަން ބޭފުޅެއް ކަމުގައިވާ އަހުމަދު ފަޔާޒު "ވޮއިސް" އަށް ދެއްވި ބަސްދީގަތުމެއްގައި، އޭނާގެ ތަޢުލީމީ ހަޔާތުގެ ދަތުރާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު، ފަޔާޒުއަށް ސަނަދު އަރުއްްވަނީ-- ފޮޓޯ/ ރައީސް އޮފީސް 

ފަޔާޒު އަކީ އުފަންވިއިރު، ކުޑަކޮށް ނަމަވެސް ލޮލަށް ފެންނަ ފަރާތެއްކަމުން ގްރޭޑް 7 އާއި ހަމައަށް ކޮންމެވެސް ގޮތަކަށް ތައުލީމް ހާސިލް ކުރުމުގެ  ފުރުސަތު ލިބުނު ނަމަވެސް،  އުފަން ވީއިރު ލޯފަން ގިނަ ދަރިވަރުން ކިޔަވަން ފަށަންޖެހުނީ ސުމަކުންނޭވެސް ބުނެވިދާނެ އެވެ. ޑިގްރީ ހާސިލް ކުރި އެހެން ދަރިވަރުން އޭލެވެލް ނުވަތަ އޯލެވެލް އަށް ކިޔަވައި ޑިގްރީއަށް ކިޔަވަން ފެށި ނަމަވެސް  އެ ލޯފަން ދަރިވަރުން ފަށަން ޖެހުނީ، އެންމެ ދަށް ލެވެލް އިންނެވެ. ސެޓްފިކެޓް ލެވެލް ހާސިލްކޮށް، ފަހަރަކު މަރުހަލާއެއް ކަޑައްތު ކުރަމުން ޑިގްރީއާއި ހަމައަށް އެ ދަރިވަރުން ދިޔައިރު، ކިޔެވުން ވެގެންދިޔައީ ވަރަށްވެސް ބޮޑު ގޮންޖެހުމަކަށެވެ. 

"ތައުލީމް ހާސިލް ކުރުމަކީ މުހިންމު އަސާސީ ކަމަކަށް ވެފައި މިވަނީ. ވަޒީފާއަށް ކުރިމަތި ލިޔަސް އަދި ދުނިޔެއަށް ލޯ ހުޅުވުމަށްވެސް، މިއީ ވަރަށް މުހިންމު އަސާސީ ކަމަކަށް ވެފައި މިވަނީ. އެހެންނަމަވެސް، އަޅުގަނޑުމެން އެންމެ ކުޑައިރުން ފެށިގެން ބޮޑުވަމުން އައި އިރުގައި، ރަސްމީ ތައުލީމުގެ ނިޒާމުގެ ތެރެއިން އަޅުގަނޑުމެންނަށް ހަމަ އެއްވެސް ފުރުސަތެއް ނުލިބޭ. އޭގެ ސަބަބުން ވަރަށް މާޔޫސް ކަމާއި އެކުގައި އަޅުގަނޑުމެން ބޮޑުވަމުން އައީ. މައިންބަފައިންގެ ފަރާތުން، ނުވަތަ ޢާއިލާ މީހެއްގެ ނޫނީ ރޭޑިއޯގެ، ޓީވީ ގެ ފަރާތުން ލިބުނު ޢިލްމެއް އަޅުގަނޑުމެންނަށް ލިބެމުން އައީ. އެހެން އެއްވެސް ގޮތަކުން ޢިލްމެއް ތައުލީމެއް އަޅުގަނޑުމެންނަށް ލިބިފައެއް ނެތް. އެހެންނަމަވެސް އުމުރުން ދޮށީ ވަމުން އައި ވަރަށް ތައުލީމު ހާސިލް ކުރުމުގެ މުހިންމުކަން ވިސްނި އަމިއްލައަށް އެކަމަށް މަސައްކަތް ކުރަން ފެށުނު. ލިބުނު މަދު، ހަނިހަނި ފުރުސަތު ތަކުގެ ބޭނުން ކޮށްގެން ވަރަށް ބޮޑު ތަކުލީފް ތަކާއިއެކު، މި ހިސާބަށް الله ގެ ރަހުމަތުން މި އާދެވުނީ. މިއަދު ބެޗްލާސް ޑިގްރީ ހާސިލް ކުރިއެއް ކަމަކު އަޅުގަނޑުމެން ހަމަ ފަށަން ޖެހުނީ ވަރަށް ބޭސިކްއިން." އިސްލާމިކު ޔުނިވަރސިޓީން އިމާމް ކަމުގެ ޑިގްރީ ހާސިލްކުރި، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުގައި މަސައްކަތް ކުރާ ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް)ގެ ނާއިބު ރައީސް ގެ މަގާމުވެސް ފުރުއްވަމުން އަންނަ ހުސައިން ޝަރީފް "ވޮއިސް" އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު، ޝަރީފަށް ސަނަދު އަރުއްްވަނީ-- ފޮޓޯ/ ރައީސް އޮފީސް 

ލޯފަން އެ ދަރިވަރުންގެ ކިޔެވުން، ޔުނިވާސިޓީ ތަކުން ފެށިއިރު ރާއްޖޭގެ ޔުނިވަސިޓީތައް އަދިވެސް އެފަދަ ދަރިވަރުންނަަށް ޢިލްމު އުގަންނައި ދިނުމަށް  ތައްޔާރެއް ނޫނެވެ. އެފަދަ ދަރިވަރުންނަށް ކިޔަވައި ދިނުމަށް ބޭނުންވާ ހާއްސަ ވަސީލަތްތައް ޔުނިވަސިޓީ ތަކުގައި ނެތް އިރު، ގިނަ ޓީޗަރުންވެސް އެކަމަށް ތައްޔާރު ކުރެވިފައެއް ނެތެވެ. އެހެންކަމުން، ތައުލީމު ހާސިލު ކުރުމަށް އެހެން ފަރާތްތަކުން ކުރިމަތިލާ ގޮންޖެހުންތަކާއި އެކު، އިތުރު އެތައް ގޮންޖެހުންތަކެއް އެ ދަރިވަރުންނަށް ކުރިމަތިވެގެންދިޔައެވެ.

އިމާމު ކަމުގެ ޑިގްރީ ހާސިލްކުރި ބައެއް ލޯފަން ދަރިވަރުން-- ފޮޓޯ/ ވޮއިސް

"ތައުލީމް ހާސިލް ކުރަން މުއައްސަސާ އަކަށްދާއިރު އަޅުގަނޑުމެންނަށް ތައުލީމް ހާސިލް ކޮށްދޭން ޓްރެއިން ވެފައި ތިބޭ ޓީޗަރުންނެއް ނުތިބޭ. އަޅުގަނޑުމެންނަށް ރިޢާޔަތްކޮށް ނުވަތަ ހާއްސަކޮށް އެކްސެސިބަލް ވާނެ ގޮތަށް ތަންފަރުމާކޮށް، ނުވަތަ  އުސޫލުތަކެއް، ވަކިން ޚާއްސަކޮށް އެސެސް ކުރުމަށްވެސް ހެދިފައެއް ނުހުރޭ . އަޅުގަނޑުމެންނަށް ހޭންޑްއައުޓްތައް ބަލައިގެން ނުކިޔޭތީ، އޭތި އަޑުއަހާލެވޭނެ އޯޑިއޯ މެޓީރިއަލްފަދަ މިކަހަލައެއްވެސް ކަމެއް ނެތް. އެހެންނަމަވެސް، ކުރިމަތިވި އެ ގޮންޖެހުންތަކާއިއެކުވެސް، އަޅުގަނޑުމެން އެކަކު އަނެއްކަކުގެ ކިބައިން ހިތްވަރު ލިބިގެން ކުރި މަސައްކަތަކުން، މަޑުމަޑުން އަޅުގަނޑުމެންނަށް ތައުލީމްދޭން ތިބި ފަރާތްތަކަށްވެސް މިކަމުގެ މުހިންމުކަން ވިސްނި، އަޅުގަނޑުމެންނަށް ކުރިމަތިވާ ގޮންޖެހުންތައް އަޅުގަނޑުމެން ހިއްސާކޮށް، އަޅުގަނޑުމެންނަށް ބޭނުންވާ ހައްލުތައް އަޅުގަނޑުމެން ހިއްސާކޮށް، އަޅުގަނޑުމެން ގެ އައިޑިއާ އަޅުގަނޑުމެން ޝެއަރ ކުރީމާ މަޑުމަޑުން އެފަރާތުގެ އެހީތެރިކަންވެސް ލިބި، މަޑުމަޑުން ބައެއް ކަންކަން ހައްލުވެގެން މިހާ ހިސާބަށް މި އާދެވުނީ." ހުސައިން ޝަރީފް ވިދާޅުވިއެވެ.

ފެނުމުގަ ނުކުޅެދުންތެރިކަން ހުންނަ އެފަދަ އެންމެހައި ދަރިވަރުންގެވެސް އެދުމަކީ، އެދަރިވަރުން ތަޢުލީމް ހާސިލް ކުރުމަށް ކުރަންޖެހުނުފަދަ އުނދަގޫ އަދި ގޮންޖެހުންތައް ބޮޑު ދަތުރެއް މުސްތަގުބަލުގައި އަންނަން އޮތް ޖީލު ތަކުގެ އެފަދަ ދަރިވަރުން ކުރަން ނުޖެހުމެވެ. އެކަމަށްޓަކައި، ސުކޫލް މަދަރުސާ ތަކާއި، ޔުނިވާސިޓީގެ އިތުރުން ތަޢުލީމްދޭ އެންމެހައި މުއައްސަސާތަކުންވެސް ގިނަ މަސައްކަތް ތަކެއް ކުރަން ޖެހެއެވެ. މިއަދު އެ ދަރިވަރުން އެ ސާބިތު ކޮށްދިނީ، ލޮލަށް ނުފެނު ކަމުގައި ވިޔަސް، ބުރަ މަސައްކަތާއި ގަދަ ޢަޒުމެއް އޮތް ނަމަ، ކޮންމެ ކަމަކީވެސް ވާނެކަމެކެވެ. ބޭނުންވަނީ   އެހެންމީހުންގެ ކުޑަ އެހީއެކެވެ. ބޭނުންވަނީ، އެ މަގު އެމީހުންނަށް ކޮށައި ދިނުމެވެ.

ޓެކްނޮލޮޖީގެ މި ޒަމާނުގައި، އެފަދަ ދަރިވަރުންނަށް އެ މަގު ތަނަވަސްކޮށްދީފައިވާ އެތައް ގައުމުތަކެއް އެބަ ހުއްޓެވެ. އެ ގައުމުތަކުގެ ތައުލީމީ ނިޒާމުގައި ލޯފަން ދަރިވަރުން ބައިވެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ބޭނުން ކުރަމުންދާ ވަސީލަތްތައް ބަލައި، އެކަންކަން ރާއްޖޭގެ އެފަދަ ދަރިވަރުންނަށްވެސް  ކޮށްދެވިއްޖެ ނަމަ، އެ ދަރިވަރުންނަކީވެސް އެހެން ދަރިވަރުން ފަދައިން ޢިލްމު ހާސިލް ކުރުމުގައި އެންމެ ކުރީ ސަފުގައި، އެންމެ އުސްމިންތަކަށް ދާނެ ދަރިވަރުންކަން ޔަގީނެވެ.

Advertisement

ކޮމެންޓް