"ޓްރޭޑް މާރކެޓް ފެސްޓިވަލް" މިފަހަރު ނައިޓްމާކެޓް ތަފާތުވާނެ!

13 Feb 2019 | 22:36

ޓްރޭޑް މާރކެޓް ފެސްޓިވަލްގެ ނަމުގައި ހުޅުމާލޭގައި ޓްރޭޑް ފެއާއެއް ބާއްވަން ނިންމައިފިއެވެ.

އެކަމާއި ގުޅިގެން އެ ފެއާ އިންތިޒާމް ކުރާ ފަރާތްކަމުގައިވާ ސްޓްރައިވް އިވެންޓްސް އެންޑް އެންޓަޓައިންމެންޓް އިން ބުނެފައިވަނީ އެ ޓްރޭޑް ފެއާ އޮންނާނީ އަންނަ މާރޗް މަހުގެ 26 ހުން ފެށިގެން އެޕްރީލް މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި އެ ފެއާ ބާއްވަން ނިންމާފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކަމަށްވެސް ފެއާ އިންތިޒާމް ކުރާ ފަރާތުން ބުނެފައިވެއެވެ.

އަދި އެ ފެއާގައި އެކި ބާވަތްތަކުގެ ވިޔަފާރި ސްޓޯލްތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަށްވެސް ކުރިއަށް ދާނެ ކަމަށް ފެއާ އިންތިޒާމް ކުރާ ފަރާތުން ބުނެފައިވެއެވެ. އަދި އެހަރަކާތް ތަކުގެ އިތުރުން ރައްޔިތުން ހޭލުންތެރިކުރުވުމަށް މަސައްކަތްކުރާ ޖަމިއްޔާތަކުން އެ ފެއާގައި ހަރަކާތްތެރިވާނެ ކަމަށް ސްޓްރައިވުން ބުނެފައިވެއެވެ.

ސްޓްރައިވް އިވެންޓްސް އެންޑް އެންޓަރޓައިން މެންޓުން ބުނެފައިވަނީ އެފަދަ ހަރަކާތެއް ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ އަގުހެޔޮކޮށް ވިޔަފާރި ކުރުމަށް ފުރުސަތު ހޯދައިދިނުމުގެ އިތުރުން ރޯދަމަހަށް ޚާއްސަ ތަކެތި ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ.

މީގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ޕްރަމޯޓްކޮށް މުނިފޫހި ފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މަސައްކަތްތައް ޕްރަމޯޓް ކުރުމަކީވެސް މި ފެއާގެ ވަރަށް މުހިންމު މަގުސަދެއް ކަމަށް ސްޓްރައިވުން ބުނެފައިވެއެވެ.

ސްޓްރައިވުން ބުނެފައިވަނީ އެ ފެއާއިން ލިބޭ ފައިސާގެ ތެރެއިން ބައެއް ހަދިޔާ ކުރުމަށް ނިންމާފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީވާ ޖަމިއްޔާތަކަށްކަމަށެވެ. އެ ފެއާގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުރިހާ ފަރާތްތަކަށްވެސް ހުޅުވާލާފައިވާއިރު އެކަމަށް ބޭނުންވާ ފޯމާއި އިތުރު މައުލޫމާތު ސްޓްރައިވް އިވެންޓްސް އެންޑް މެނޭޖްމަންޓްގެ ފޭސްބްކު ފޭޖުން ލިބެން ހުންނާނެ ކަމަށް އެފަރާތްތަކުން ބުނެފައިވެއެވެ.

އެ ޓްރޭޑް ފެއާގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވެސް ހުޅުވާލާފައިވާއިރު، އެ ފެއާއަކީ އިކޮނަމިކް މިނިސްޓްރީއާއި އެޗްޑީސީ އަދި ވިޔަފާރިވެރިންގެ ޖަމިއްޔާގެ އެހީތެރިކަމާއެކު ބާއްވާ ފެއާއެއް ކަމަށް ސްޓްރައިވުން ބުނެފައިވެއެވެ.

Advertisement

ކޮމެންޓް

Advertisement