ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު---ފޮޓޯ: ރައީސް އޮފީސް
ހަބަރު
18 Jul 2023 | 21:11
ހިޖުރީ އައު އަހަރުގައި ބައިބައިވުމާއި ދެކޮޅުވެރިކަމާއި ޙަސަދަވެރިކަން ދޫކޮށްލުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ހިޖްރީ ސަނަތުން އައު އަހަރަކާ ބައްދަލުވުމުގެ މަތިވެރި ނަސީބު މިންވަރުކުރެއްވި ކަމަށްޓަކައި،اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ކުރަމުން، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރި ލޯތްބާއެކު، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަމެވެ. އަދި އިސްލާމީ އުންމަތުގެ އެންމެހައި އަޚުންނާއި އުޚުތުންނަށާއި އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، އިސްލާމީ ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ވެރިންނަށް ވެސް، މި އުފާވެރި މުނާސަބަތުގައި ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަމެވެ.

މި އުންމަތުގެ މާތް ނަބިއްޔާ، مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ނަބަވީ ހިޖްރައާ ގުޅިފައިވާ މި އުފާވެރި މުނާސަބާ އަޅުގަނޑުމެންގެ ހަނދާނަށް ގެނެސްދެނީ، ހަމަނުޖެހުންތަކާއި ބައިބައިވުންތަކެއްގައި ތިބި ބައެއްގެ ތެރެއިން، ޞުލްޙަވެރި އަމާން ވަރުގަދަ އުންމަތެއް އުފަންވެގެން އައި ގޮތެވެ. ނިކަމެތިކަމާއި ކަންބޮޑުވުންތަކުގެ ތެރޭގައި ވިއްސިވިހާލިވެފައި ތިބި މީސްތަކެއް، އުފާވެރި ހައިބަވަންތަ ބަދަހި މުޖުތަމަޢަކަށް ބަދަލުވެގެން ދިޔަ ގޮތެވެ. ހަމައެފަދައިން ނަބަވީ ހިޖްރައާ ގުޅިފައިވާ އިލާހީ ރިސާލަތުގެ ދަންމަރު މުޅި އިންސާނިއްޔަތު ހުޅުދާންކޮށްދިން ގޮތެވެ.

ހިޖްރައިގެ މަތިވެރި ހާދިސާގެ އިހާއި ފަހާ ގުޅިފައިވާ ކަންކަމުން ތަޞައްވަރުވެގެން ދަނީ، މިނިވަންކަމާއި ހަމަޖެހުމާއި ޞުލްޙަވެރިކަމަށް އިންސާނީ ޠަބީޢަތު މުހުތާދުވެފައިވާ މިންވަރެވެ. ހިޖްރައިގެ ބިންގަލުގެ މަތީގައި އުފަންވި އިސްލާމީ އުންމަތް ދުނިޔެއަށް ސާބިތުކޮށްދިނީ، އެކުވެރިކަމާއި އެއްބައިވަންތަކަމާއި އަޚުވަންތަކަމުން އިންސާނީ މުޖްތަމަޢަށް ލިބިގެންދާ ކުރިއެރުމާއި ފާގަތިކަމެވެ. މާތް ނަބިއްޔާ ކޮށްޓަވައިދެއްވި މަގުގައި ސާބިތުވެ ތިއްބެވި އެކަލޭގެފާނުގެ މިތުރު ޞަޙާބީން ދައްކަވައިދެއްވީ، މުޖުތަމަޢުގެ ހަމަޖެހުމާއި ޞުލްޙަ މަސަލަސްކަން ދެމެހެއްޓުމުގައި ފަރުދީ ޒިންމާ އަދާކުރުމުގެ އެންމެ މަތިވެރި ނަމޫނާއެވެ.

ހިޖްރައިގެ މަތިވެރި ހާދިސާއާ ގުޅިފައިވާ އެންމެ މުހިންމު އެއް މަޤްޞަދަކީ، މައްކާގެ ބިމުގައި ނާމާންކަމާއި ހިތްދަތިކަމުގައި އުޅެމުން ދިޔަ މުސްލިމުންނަށް، މަދީނާގެ ބިމުން އުފާވެރިކަމާއި އަމާންކަން ހޯއްދަވައިދެއްވުމެވެ. މަދީނާގެ ބިމުގައި އިސްލާމީ އުންމަތް ކުރިލައި ހެދިގަތީ، ހިޖްރައަށް ފަހުގައި މުސްލިމުންނަށް ލިބުނު އަމާންކަމާއި ހިތްހަމަޖެހުމުންނެވެ. ހިޖްރީ އައު އަހަރެއްގެ ފެށުން ފާހަގަކުރާ މި އުފާވެރި މުނާސަބަތުގައި، އެ މަތިވެރި ހާދިސާއިން އަޅުގަނޑުމެންނަށް ލިބިދޭ މިފަދަ ފިލާވަޅުތަކުން ޢިބްރަތް ޙާޞިލުކުރެއްވުމަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އިލްތިމާސް ކުރަމެވެ.

ޤައުމީ ތަރައްޤީގެ މުޅިން އައު ފަތިހަކަށް ދިވެހި އުންމަތް އަލިވިލިފައިވާ މި ދަނޑިވަޅުގައި، އަޅުގަނޑުމެންގެ މިސްރާބު އަމާޒުކުރަންވީ، ދިވެހިންގެ މެދުގައި މިއޮތް ހަމަޖެހުމާއި ޞުލްޙަވެރިކަމުގެ މަތީގައި ޤައުމު ބިނާކުރުމަށެވެ. އުފާވެރިކަމާއި އަމާންކަންމަތީ ދެމި ތިބެ ދިރިއުޅުން އާރާސްތުކޮށް، އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ކުރިއަރާފައިވާ ތަހުޒީބީ ޤައުމެއްގެ ގޮތުގައި، ކުރިމަގުގެ ޖީލުތަކަށް މި ޤައުމު ފޯރުކޮށްދިނުމަށެވެ. ބައިބައިވުމާއި ދެކޮޅުވެރިކަމާއި ޙަސަދަވެރިކަން ދޫކޮށްލައި، އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މަތީގައި ސާބިތުވެ ތިބެ، ކޮންމެ ކަމެއްގައި ވެސް ޤައުމީ މަޞްލަޙަތު އިސްކުރުމަށް، މި އުފާވެރި މުނާސަބަތުގައި، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ.

މި ފެށުނު ހިޖްރީ 1445 ވަނަ އަހަރަކީ، އެންމެހައި ދިވެހިންނަށާއި ދިވެހިރާއްޖެއަށް އަދި މުޅި އިސްލާމީ އުންމަތަށް، ބާއްޖަވެރިކަމާއި ތަނަވަސްކަން ގެނެސްދޭނެ އުފާވެރި އަހަރެއް ކަމުގައި ލެއްވުން އެދި، اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ. އިސްލާމް ދީނުގެ މަތިވެރި ހިދާޔަތުން އަޅުގަނޑުމެންގެ ހިތްތައް އުޖާލާ ކުރައްވައި، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެ ތިބުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް މިންވަރު ކުރައްވާށިއެވެ. އުފާވެރިކަމާއި އަމާންކަމުގެ މަތީގައި ދިރިއުޅުން އާރާސްތުކުރުމަށް، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ބަރަކާތްލައްވައި، މުޅި މުޖުތަމަޢުގެ ހެވާއި ލާބަޔަށް މަސައްކަތް ކުރުމުގެ ހެޔޮ ތައުފީޤު ދެއްވާށިއެވެ. ނިމިގެން ދިޔަ އަހަރަށް ވުރެ، މި ފެށުނު އަހަރަކީ، މުޅި ދުނިޔޭގައިވެސް ޞުލްޙަޔާއި އަމާންކަން ޤާއިމުވެގެންދާނެ އަހަރެއް ކަމުގައި ލައްވައި، އިސްލާމީ އުންމަތަށް ތަނަވަސްކަމާއި ފާގަތިކަން މިންވަރު ކުރައްވާށިއެވެ! އާމީން.

ހިޖުރީ އައު އަހަރުގައި ބައިބައިވުމާއި ދެކޮޅުވެރިކަމާއި ޙަސަދަވެރިކަން ދޫކޮށްލުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.