Advertisement

ތާރީޚީ އިންތިހާބެއް! 8 ކެނޑިޑޭޓެއްގެ ކުރިމަތިލުމަކަށް!

11 Aug 2023 | 14:13
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން

ހުރިހާ ގޮތަކުންވެސް މިއަހަރުގެ ރިޔާސީ އިންތިހާބު ލިޔެވިގެންދާނީ ރިޔާސީ ތާރީޚުގައި، ތަރީޚީ އިންތިހާބެއްގެ ގޮތުގައެވެ. އިންތިހާބަށް ކުރިމަތިލައިފައިވާ ކެންޑިޑޭޓުންގެ އަދަދުން ފެށިގެން އެ ކެންޑީޑޭޓުންގެ ތަމްސީލީ ހައިސިއްޔަތާއި ހަމައަށް މިއަހަރުގެ ރިޔާސީ އިންތިހާބު ތާރީޚީވެފައި، ފާހަގަ ކޮށްލެވިގެންދާނެއެވެ. 

ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށްޓަކައި ކެންޑިޑޭސީ ހުށަހެޅުމުގެ މުއްދަތު އިއްޔެގެ 14:00ށް ހަމަވެފައިވާއިރު ރިޔާސީ އިންތިހާބުގައި ވާދަކުރުމަށްޓަކައި ޖުމުލަ 8 ފަރާތަކުން ކެންޑިޑޭސީ ހުށަހަޅައިފައިވެއެވެ. 

ޕީޕީއެމް ގެ ރިޔާސީ ޓިކެޓާއި އެ ޕާޓީގެ ޕްލޭންސް:

ރިޔާސި އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި އެންމެ ފުރަތަމަ ކެނޑިޑެސީ ހުށަހެޅީ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ފަރާތުން ޕީޕީއެމްގެ ކެނޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއެވެ. އެހެން ނަމަވެސް މިވަތުތު ތަންފީޒުކުރަމުންދާ ޖަލު ހުކުމާއި އެ ހުކުމާއި އެކު އެ މަނިކުފާނުގެ އިސްތަށިފުުގައި އޮތް ދަރަންޏާއި ގުޅިގެން ، ރައީސް ޔާމީނުގެ ކެންޑިޑޭސީ ބަަލައި ނުގަތުމަށް ނިންމައި އިލެކްޝަންސް ކޮމިޝަނުން އެކަން ޕީޕީއެމްއަށް އެންގިއެވެ. 

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް އެރުވުން 

މި ނިންމުން ގަބޫލު ނުކުރާކަމަށްބުނެ ޕީޕީއެމް ގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓަށް ވެއްދިވެސް މެއެވެ. އެހެން ނަމަވެސް އެ ކޯޓުންވެސް ރައީސް ޔާމީންގެ ކެންޑިޑެސީ މައްސަލައިގައި އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމުގައި ކަނޑައެޅުމާއެކު މިއަހަރުގެ އިންތިހާބުގައި ވާދަކުރުމަށް ޔާމީނަށް އޮތް ހަމައެކަނި ފުރުސަތު ބަންދުވީއެވެ.

ޕީޕީއެމް އިން ފުރަތަމަ ބުނެފައިވަނީ ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭ ހާލަތެއްގައި ޕީޕީއެމްގެ ފަރާތުން އިތުރު ކެނޑިޑޭޓަކު ނިކުމެ ވަޑައިގަންނަވާނެކަމަށެވެ. އަދި ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ މުއިއްޒުއަކީ ކޯލިޝަންގެ ޕްލޭން ސީ ކަމުގައި ޑރ ޖަމީލްވެސް އޭރު ވިދާޅުވިއެވެ. 

ޕީއެންސީން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމައި އެޓިކެޓަށް ވާދަކުރެއްވި މުއިއްޒު އަދި އަދަމް ޝަރީފް

އެހެންނަމަވެސް ރައީސް ޔާމީނަށް އިންސާފު ގާއިމްކޮށް ނުދެވުނުކަމަށް ބުނެ މިއަހަރުގެ ރިޔާސި އިންތިހާބު ބޮއެކެޓް ކޮށްލުމަށް އެ މަނިކުފާނު ޕީޕީއެމްއަށް ގޮވާލެއްވިއެވެ. 

އެހެންނަމަވެސް ތަފާތު މަޝްވަރާގެ މަރުހަލާތަކަށްފަހު ރައީސް އަބްދުﷲ ޔާމީނުގެ ވެސް ތާއީދާއެކު ރިޔާސީ އިންތިހާބުގައި ވާދަކުރުމަށްޓަކައި ޕީޕީއެމް/ޕީއެންސި ކޯލިޝަންގެ ފަރާތުން މާލޭ ސިޓީ ކައުންސިލްގެ މޭޔަރ، ޑރ މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ކެންޑިޑޭސީ ހުށަހެޅިއެވެ. 

އެމްޑީޕީގެ ފޯރިގަދަ ރިޔާސީ ޕްރައިމަރީއާއި އެޕާޓީ ބައިބައިވުން

މިއަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވެ އެންމެ ފުރަތަމަ ޕްރައިމަރީއެއް ބޭއްވި ޕާޓީއަކީ، ވެރިކަން ކުރާ އެމްޑީޕީއެވެ. އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި އެ ޕާޓީގެ ރައީސް އަދި މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދެބޭފުޅުން ވާދަކުރެއްވުމަށް ނަން ހުށަހެޅުއްވިއެވެ. 

އެމްޑީޕީ ޕްރައިމްރީގައި ވާދަކުރެއްވި ނަޝީދު އަދި ރައީސް ޞޯލިހު

މިހާހިސާބުން މި ދެބޭފުޅުންގެ ހިޔާލު ތަފާތުވެ، އެއްބޭފުޅަކު އަނެއްބޭފުޅަކަށް ބަހުގެ ހަމަާތައް ރައްދުކޮށް ޕާޓީ ގެ އެތެރޭގައި ދެ ފެކްޝަނެއް އުފެދި ޕާޓީ ދެބައިވިއެވެ. މި ކޯޅުމުގެ ތެރޭގައި ގޮސް ރިޔާސީ ޕްރައިމަރީ ކާމިޔަބު ކުރައްވައި އެމްޑީޕީގެ ޓިކެޓް ރައީސް ސޯލިހަށް ލިބިވަޑައިގަތުމާއެކު، ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމަށް ތާއީދުކުރައްވާ ފަރާތްތައް އިސްވެ ތިއްބަވައިގެން ވަކި ސިޔާސީ ޕާޓީއެއް އުފެއްދެވިއެވެ. 

ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމުން އުފަންވި ސިޔާސީ ޕާޓީ

ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމަސް ތާއީދު ކުރައްވާ ފަރާތްތަކުން ސިޔާސީ ޕާޓީއެއް އުފައްދަން ނިންމައި އެކަން އިއުލާނުކުރުން

ދަ ޑިމޮކްރެޓްސް ގެ ނަމުގައި އުފެއްދި މި ސިޔާސީ ޕާޓީ އުފައްދައި ރައީސް ނަޝިދުވެސް އެންމެ ފަހުން އެ ޕާޓީއާއި ގުޅިވަޑައިގެން، ޕާޓީގެ ޓިކެޓްގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަމަށް ބެލެވުނު ނަމަވެސް އެ ޕާޓީގެ ރިޔާސީ ޕްރައިމަރީއަށް ހުޅުވާލި ފުރުސަތުގައި އެކަމަށް ކުރިމަތިލެއްވީ އިލްޔާސް ލަބީބް އެކަންޏެވެ. އެޔާއެކު ޕާޓީގެ ގިން އަދަދެއްގެ މެމްބަރުންގެ އަގުލަބިއްޔަތުން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސް ގެ ފަރާތުން ތަމްސީލުކުރާ ކެނޑިޑޭޓަކަށް އިލްޔާސް ލަބީބް ހޮވި ވަޑައިގަތެވެ. 

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބް 

ހަތަރުވަނަ ރިޔާސީ ރޭހަކަށް ޤާސިމް 

ހަތަރުވަނަ ރިޔާސީ އިންތިހާބަކަށް ކުރިމަތިލެއްވުމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓަށް ނަން ހުށަހެޅުއްވީ، އެޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް އެކަންޏެވެ. ވުމާއެކު ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް އެމަނިކުފާނަށް ލިބިވަޑައިގެން އިއްޔެ އެޕާޓީންވެސް ވަނީ ކުލަ ގަދަ ހަރަކާތަކާއެކު އެ ޕާޓީގެ ރިޔާސީ ކެންޑިޑެސީ އިލްކެޝަންސްއަށް ހުށަހަޅާފައެވެ. 

ހަތަރުވަނަ ރިޔާސީ އިންތިހާބަކަށް ގާސިމް އިބްރާހިމަށް އެ ޕާޓީގެ ރިޔާސީ ޓިކެޓް ހަވާލުކުރުން 

ކާނަލް ނާޒިމް ގައުމަށްޓަކައި ރައްޔިތުންގެ ކުރިމައްޗަށް

އެމްއެންޕީގެ ކެނޑިޑޭޓް ކާނަލް ރިޓަޔަރޑް މުހައްމަދު ނާޒިމްއަކީ އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ކުރިމަތި ލެއްވި ހަމައެކަނި ބޭފުޅާއެވެ. އަދި އެމްއެންޕީ ގެ ރިޔާސީ ޓިކެޓާއެކު މި އަހަރުގެ ރިޔާސީ އިންތިހާބަށް އެންމެ ކުރިން ކެމްޕެއިން ފެއްޓެވި ކެންޑިޑޭޓްވެސް މެއެވެ. 

މި އަހަރުގެ ކުރީ ކޮޅުން ފެށިގެން އެމްއެންޕީން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ކެމްޕެއިން ފައްޓައިގެން ކުރިއަށް ގެންދާއިރު މިހާރު އެ ޕާޓީންވެސް ވަނީ އިންތިހާބުގައި ވާދަކުރުމަށް ކެންޑިޑެސީ ހުށަހަޅައިފައެވެ. 

ކާނަލް ނާޒިމްއަށް އެ ޕާޓީގެ ރިޔާސީ ޓިކެޓް ހަވާލުކުރުން 

ރައީސް މައުމޫނުގެ ފިކުރު މަޑުމަޑުން ދިރެނީ؟

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްވެ ހުންނަވާ ހުފެއްދެވި ޕާޓީ އެމްއާރއެމް ގެ ޓިކެޓްގައި އެ ޕާޓީގެ ރައީސް ، އަދި ރައީސް މައުމޫންގެ ދަރިކަލުން ފާރިޝް މައުމޫނުވެސް ރިޔާސީ ރޭހުގައި ނިކުންނަވާނެކަން ކުރިން އިއުލާނު ކުރެެއްވިނަމަވެސް، އެންމެ ފަހު ވަގުތު އެ ބޭފުޅާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރެއްވީ އަމިއްލަގޮތުންނެވެ. 

ރައީސް މައުމޫންގެ ދަރިކަލުން އަދި އެމްއާރއެމްގެ ރައީސް، ފާރިޝް މައުމޫން 

ބެލެވޭ ގޮތުގައި ފާރިޝް އަމިއްލަ ގޮތުން ނިކުންނަވަން ނިންމެވީ 3000 މެމްބަރުން ހަމަ ނުވާ ޕާޓީތައް އުވާލުމަށް ގާނޫނުގައި ލާޒިމްކޮށްފައިވާ ކުރުމުގެ ދަށުން އެ ޕާޓީ އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާތީއެވެ.

ރައްޔިތުންނަށް ޙައްލު ހޯދައިދިނުމަށް އުމަރު!

"ހައްލަކީ އުމަރު"، މި ޝިއާރުގެ ދަށުން ރައީސް ޔާމީނުގެ ވެރިކަމުގައި ހޯމް މިނިސްޓަރުކަން ކުރެއްވި އުމަރު ނަސީރުވެސް މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ފުޅާ ގޮތެއްގައި އެ ބޭފުޅާގެ ކެމްޕެއިން ހަރަކާތްތައް މި އަހަރުގެ ކުރީކޮޅުން ފެށިގެން ކުރިއަށް ގެންދިއުމަށް ފެށިއެވެ. އަދި އިއްޔެގެ ވަގުތެއްގައި އުމަރު ނަސީރުވެސް ވަނީ ކެންޑިޑޭސީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައެވެ. 

2023 ގެ ރިޔާސީ އިންތިހާބަށް އުމަރު ނަސީރު ކެމްޕެއިން ކުރައްވަނީ

ރިޔާސީ އިންތިހާބުގެ ތާރީޚީ ކެންޑިޑެސީ

މި އަހަރުގެ އިންތިހާބަށް ގިނަ ބަޔަކު ސިއްސުވާލި ކެންޑިޑެސީއެއް ހުށަހެޅުއްވީ ޑިފެންސް މިނިސްޓްރީގެ ނައިބުކަން ކުރިން ކުރެއްވި، ޙަސަން ޒަމީލެވެ. ފޯމު ހުށަހެޅުމުގެ ކުރިން އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ނުކުރައްވައި އިލެކްޝަން ކޮމިޝަނަށް ޒަމީލުގެ ކެންޑިޑެސީ ހުށަހެޅުއްވީ ފަހަތުގެ އެބޭފުޅާގެ އާއިލާގެ ބޭފުޅުން ތިއްބަވައިގެންނެވެ. އެގޮތުން ސިޔާސީ ތާރީޚުގައިވެސް ރިޔާސީ އިންތިހާބެއްގައި ދެމަފިރިއެއް އެއްކޮށް ވާދަކުރައްވާ ފުރަތަމަ ބަޔަކަށް ޒަމީލުއާއި އެބޭފުޅާގެ ރަނިންމޭޓަކަށް ނިކުންނަވާ އަނބިކަނބަލުން، މަރިޔަމް ވެގެން ދާނެއެވެ. 

އަމިއްލަގޮތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރެވި ކުރީގެ ބަންޑާރަ ނައިބު ޑރ މުޙައްމަދު މުނައްވަރުވެސް އިއުލަނު ކުރެއްވިއެވެ. އެހެން ނަމަވެސް އިއްޔެގެ ވަގުތެއްގައި އެބޭފުޅާ ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވާނެކަން ވަނީ އިއުލާނުކުރައްވާފައެވެ. 

ވުމާއެކު މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ކެންޑިޑޭސީ 8 ބޭފުޅަކު މިވަނީ ހުށަހަޅުއްވާފައެވެ. އެއީ ސިޔާސި އެކި ޕާޓީތަކުން 5 ބޭފުޅަކާއި އަމިއްލަގޮތުން ވާދަކުރައްވާ 3 ބޭފުޅެކެވެ. 

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ކެންޑިޑޭސީ ހުށަހެޅުއްވި ބޭފުޅުން: 

- ޑރ މުހައްމަދު މުއިއްޒު - ރަނިންމޭޓް: ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުޙައްމަދު ލަތީފް (ސެމްބެ) (ޕީއެންސީ)

- އިބްރާހިމް މުހައްމަދު ސޯލިހް - ރަނިންމޭޓް: އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ (ޕީޖީ) ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް (އެމްޑީޕީ)

- ގާސިމް އިބްރާހިމް - ރަނިންމޭޓް: ޖޭޕީގެ ޑެޕިޔުޓީ ލީޑަރ ޑރ އަމީން އިބްރާހިމް (ޖުމްހޫރީ ޕާޓީ) 

- އިލިޔާސް ލަބީބް - ރަނިންމޭޓް: އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު (ދަ ޑިމޮކްރެޓްސް)

- ކާނަލް ރިޓަޔަރޑް މުހައްމަދު ނާޒިމް - ރަނިންމޭޓް: ރ އަޙްމަދު ޢަދީލް (އެމްއެންޕީ)

- ފާރިޝް މައުމޫން - ރަނިންމޭޓް: ޑރ ޢަބްދުއްސައްތާރު ޔޫސުފް (އަމިއްލަގޮތުން) 

- އުމަރު ނަސީރް - ރަނިންމޭޓް: އަޙްމަދު ސަލީމް (މާޒް ސަލީމް) (އަމިއްލަގޮތުން)

- ޙަސަން ޒަމީލް - ރަނިންމޭޓް: އަނބިކަނބަލުން މަރިޔަމް އަލީމް (އަމިއްލަގޮތުން) 

މި އަށް ކެންޑިޑޭޓުންނާއެކު މި އަހަރުގެ ރިޔާސި އިންތިހާބަށް ޕާޓީތަކާއި ކެމްޕެއިން ޓީމުތައް ނިކުންނަ އިރު، ކުރިއަށް ދެން އޮންނާނީ ރިޔާސީ ކެމްޕެއިންގެ ފޯރިއެވެ. ސިޔާސީ ތާރީޚުގައި އެންމެ ގިނަ ކެންޑިޑޭޓުންނާއެކު މި އަހަރުގެ ރިޔާސި އިންތިހާބު ތާރީޚުގެ ތެރޭގައި ލިޔެވިގެންދާނެ ކަމީ ޝައްކެތް ނެތް ކަމެކެވެ. 

Advertisement

ކޮމެންޓް