Advertisement

70 ހެކްޓަރުގެ ބަދަލުގައި ބޯހިޔާވަހިކަމަށް 1093 ހެކްޓަރު؛ 700 ބިލިއަން ރުފިޔާ ދިވެހިންނަށް!

ރަސްމާލެ

‏މިދިޔަ ހޯމަ ދުވަހަކީ އަދުގެ ސަރުކާރަކާއި ހުރިހާ ދިވެހިންނަށް، ޚާއްސަކޮށް މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ދިވެހިންނަށް ވަރަށް ޚާއްސަ ދުވަހެކެވެ.

މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް "ޓޯޓަލް ސޮލިއުޝަން" ނުވަތަ ދާއިމީ ހައްލެއް ގެނައުމަށްޓަކައި މި ސަރުކާރުން ކުރިއަށްގެންދާ އެންމެ ބިޔަ މަޝްރޫޢު، އާދެ 'ރަސްމާލެ' މަޝްރޫޢު އަށް ފުށިދިއްގަރުފަޅު ހިއްކަން ފެށުނު ތާރީޚީ ދުވަހެވެ.

ޖުމުލަ 1153 ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްގީކުރާ، ހުޅުމާލެއަށްވުރެ ތިން ގުނަ ބޮޑު 'ރަސްމާލެ' މަޝްރޫޢު އަކީ ދިވެހިރާއްޖޭގެ ތާރީޚުގައިވެސް ހިންގޭ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު، އަދި ބިޔަ މަޝްރޫޢު އެވެ. 

މަޝްރޫޢު ފެއްޓެވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ދެއްވީ، މާލެ ތޮއްޖެހުމުގެ މައްސަލަ ހައްލު ކުރުމަށް ތަރައްޤީ ކުރެވޭ މި ރަސްމާލޭ ވެގެންދާނީ، ސާފުވައި ލިބޭނެ ހިތްފަސޭހަ ތަނަކަށް ވެގެންދާނެ ކަމުގެ ޔަގީން ކަމެވެ. 

ރަސްމާލެ މަޝްރޫޢުއަށް ފުށިދިއްގަރުފަޅު ހިއްކަން ފެށި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވާހަކަދައްކަވަނީ

"ފެހިކަން ގަދަ ވަރަށް ހިތްގައިމު މާހައުލެއް ލިބިގެންދާ ތަނަކަށް މިތަން ވެގެންދާނީ. އަޅުގަނޑުމެން ގަސްދުކުރަނީ މިތާގައި ގާއިމްވެގެންދާ ސިޓިއަކީ ޒީރޯ ކާބަން ސިޓީއަކަށް ހެދުން.. މިތަނުގައި ހުންނަ ހުރިހާ ފެސިލިޓީސްއެއް ގެދޮރާއި ހުރިހާ ކަމެއްގައި ރިނިއުބަލް އެނާޖީގެ އެކިއެކި ވަސީލަތްތައް ބޭނުންކޮށްގެން މުޅިތަން އަޅުގަނޑުމެން ހިންގާނީ. ފެހި އެންވަޔަރުމެންޓަލް ފްރެންޑްލީ އެކޯ ސިޓީއަކަށް މިތަން ހަދާނަން" ރަސްމާލެ މަޝްރޫޢު ފެއްޓެވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ. 

ކޮންބައެއް، ކޮން އަގަކަށް ކޮށްދޭ ކަމެއް؟ 

ރަސްމާލެ މަޝްރޫޢުއަށް ފުށިދިއްގަރުފަޅު ހިއްކަން ފެށުމާއިއެކު އެންމެންހެން ކުރަން ފެށި ސުވާލަކީ މިއީ އެވެ. މިއީ ސަރުކާރުން ނުވަތަ އާބަންކޯއިން ކޮންބަޔަކާ ހަވާލު ކޮށްގެން، ކޮން އަގަކަށް ކޮށްދޭ ކަމެއްތޯ އެވެ. މި މަޝްރޫޢު ފެށުމަށް އައު ސަރުކާރުން ކަނޑައެޅި ބަޖެޓް، އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުގެ ކޮމިޓީން އުނިކޮށްފައިވާއިރު، ބަޖެޓް ނެތި މަސައްކަތް ފެށުނީ ކިހިނެއްތޯ އެވެ.

އަދި ބަޖެޓް ކަނޑައަޅާފައި ނުވާ މަޝްރޫޢު އަކަށް މަޖިލީހުގެ ހުއްދަ ނުހޯދައި، ސަރުކާރުން ބަޖެޓުން ބޭރުން ޚަރަދު ކޮށްފައިވާ ކަމަށްބުނެ އިދިކޮޅު އެމްޑީޕީ ބައެއް މެންބަރުން ވަނީ، ރައީސުލްޖުމްހޫރިއްޔާ ގާނޫނާއި ޚިލާފް ވެފައިވާ ކަމަށް ވެސް ތުހުމަތު ކުރައްވާފައެވެ. 

ނަމަވެސް، މިއީ ސަރުކާރުގެ އެއްވެސް ބައިވެރިވުމެއް އޭގައި ނެތި، ސީދާ އާބަންކޯގެ ބެލުމުގެ ދަށުން އެކުންފުނިން ކުރާ ކަމެއްކަން ސަރުކާރުންވެސް އަދި އާބަންކޯއިން ވެސް ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ. ވުމާއެކު، ރައީސުލްޖުމްހޫރިއްޔާ ގާނޫނާއި ޚިލާފް ވެފައިވާ ކަމަށް ބުނެ ކުރެވުނު ތުހުމަތުގައި އެއްވެސް އަސާސެއް ނެތެވެ. 

ރަސްމާލެ މަޝްރޫޢުއަށް ފުށިދިއްގަރުފަޅު ހިއްކަން ފެށި ރަސްމިއްޔާތުގެ ތެރެއިން

ދެން އޮތީ، މަޝްރޫޢުގެ މަސައްކަތް ކުރާ ކުންފުނި، ނުވަތަ ކުންފުނިތަކާއި އެ ކުންފުނިތަކުގެ މަސައްކަތުގެ 'ކޮލިޓީ' ގެ ވާހަކައެވެ. 

އާބަންކޯއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި މަސައްކަތް ހަވާލު ކޮށްފައިވަނީ، ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ) އާއެވެ.  

ސީއެމްސީން މި މަސައްކަތް ކުރަނީ، ދުނިޔޭގައި ބިންހިއްކުމުގެ މަސައްކަތުގައި އެންމެ ގާބިލު އަދި ރާއްޖޭގައި ވެސް މަޝްރޫއުތައް ހިންގަމުންދާ ކުންފުންޏެއް ކަމުގައިވާ ނެދަލޭންޑުގެ ބޮސްކާލިސް ވެސްޓްމިނިސްޓަރ ކޮންޓްރެކްޓިން ކޮމްޕެނީއާއި، ޗައިނާގެ ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންޓްރެކްޓިން (ސީސީސީސީ) ސްޓޭޓްއާ ގުޅިގެންނެވެ. 

މި ކުންފުނިތަކުގެ ކެޕޭސިޓީއާއި، މަސައްކަތުގެ ކޮލިޓީއަކީ ދިވެހިންނަށް ފެންނަން ހުރި ކަންކަމެވެ. އެކަންކަމުގެ ތަފްސީލް ރޭ ޕީއެސްއެމް އިން ގެނެސްދިން ރާއްޖެ މިއަދު ޕްރޮގްރާމް ގައި، އާބަންކޯގެ ޗީފް ފައިނޭންޝިއަލް އޮފިސަރު އަހުމަދު ޝާމް ވެސް ވަނީ ދެއްވާފައެވެ. 

"އެކުންފުނި ތަކަކީ ހަމަ މިހާރުވެސް މިސަރަހައްދުގައި، ހުޅުމާލޭގެ ފޭސް 3 ހިއްކުމުގެ މަސައްކަތް ވެސް، (ކުރަނީ) ސީއެމްސީއާ ބޮސްކާލިސް، އެ ގްރޫޕް. އޭގެ އިތުރަށް ތިލަފުށީގެ އެއްބައި ހިއްކުމުގެ މަސައްކަތް ވެސް އެބޭފުޅުން ކުރެއްވީ. ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ވެސް އެބޭފުޅުން މިކުރަނީ. ދެން އަދި، ޕްލޭން ކޮށްފައި އެ އޮތީ ދިޔަނެރު ފަޅު ވެސް ހިއްކަން. އެހެންވީމާ ކެޕޭސިޓީ އަށް ބަލާއިރު އެބޭފުޅުންނަކީ ޑެލިވާ ކުރެވޭނެ، ޑެލިވާ ކޮށްފައި ތިބި ބައެއް. މީގެ ސިވިލް މަސައްކަތް ތަކަށް ބަލާއިރު ތޮށި ލުމާއި، ބްރިޖު ތައް ހެދުމާއި، މަސައްކަތް. މިހާރުވެސް ހުޅުމާލެ ފޭސް 1 އަދި 2 ޗެނަލް އާ ގުޅިގެން އެހެރަ ބްރިޖު އަދި ތޮށި ލުމުގެ މަސައްކަތަކީ ޗައިނާ ސްޓޭޓުން ކޮށްފައި ހުރި މަސައްކަތް." 

އާބަންކޯގެ ޗީފް ފައިނޭންޝިއަލް އޮފިސަރު އަހުމަދު ޝާމް

ޝާމްގެ ވާހަކައިން އެނގި ހާމަވެގެން ދިޔައީ މަޝްރޫޢުގެ ކޮލިޓީއާމެދު ސުވާލު އުފެދެން ނެތް ކަމެވެ. 

ރަސްމާލެ މަޝްރޫޢުއަށް ފުށިދިއްގަރުފަޅު ހިއްކަން ފެށުން

ކޮލިޓީގެ ވާހަކައަށްފަހު، ދެން އޮތީ އެންމެ ބޮޑު އެއް ސުވާލު، މަޝްރޫޢު އަށް ޚަރަދު ކުރާނެ ގޮތުގެ ވާހަކައެވެ.  

އޭގެ ޖަވާބު ވެސް އާބަންކޯއިން ވަނީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަރަށް ތަފްސީލްކޮށް، އެއްވެސް ފޮރުވުމެއް ނެތި ދެއްވާފައެވެ. 

އެގޮތުން އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ވިދާޅުވީ، އެ މަޝްރޫއު އަށް އާބަންކޯއިން ވެސް އަދި ސަރުކާރުންވެސް އެއްވެސް ޚަރަދެއް ނުކުރާނެ ކަމަށެވެ. އެހެނެއް ކަމަކު، އޭގެ ބަދަލުގައި ދޭން ނިންމާފައިވަނީ ހުޅުމާލެއިން 10 ހެކްޓަރުގެ ބިމާއި، ރަސްމާލެ އިން ހިއްކާ 1153 ހެކްޓަރުން 60 ހެކްޓަރުގެ ބިން ކަމަށެވެ. އަދި އެ ބިން ދޭން ނިންމާފައިވަނީ 99 އަހަރަށެވެ.

އަޅުގަނޑުމެން ކުންފުނިން ވެސް މީގައި ފައިސާއެއް ޚަރަދެއް ނުކުރަން. ދައުލަތަކުން ވެސް ފައިސާއެއް ޚަރަދެއް ނުކުރަން. ބިން ހިއްކައިގެން ލިބޭ ލޭންޑް ވިއްކައިގެން މީގެން އަގު އަދާ ކުރަނީ.... މިއީ އެއްވެސް ވަރަކަށް، ކުންފުނިން (އާބަންކޯއިން) ލާރި ދައްކާ ގޮތަށް ކުރާ މަސައްކަތެއް ނޫން. އަޅުގަނޑުމެންނަށް، ހުޅުމާލެއިން ދޫކުރާ 10 ހެކްޓަރާއި، ރަސްމާލެއިން ދޫކުރާ 60 ހެކްޓަރުގެ ބަދަލުގައި މި ލިބެނީ 1093 ހެކްޓަރު ބިން. އެޗްޑީސީ (އާބަންކޯ)ގެ އެސެޓަށް.

އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު 

70 ހެކްޓަރު، 40 ބިލިއަންގެ ބިމުގެ ބަދަލު 647 ބިލިއަންގެ ބިން, "މިއީ ރަނުގެ ފުރުސަތެއް"

ބިމުގެ ބަދަލުގައި ބިން ހިއްކުން މިއީ ދިވެހިރާއްޖޭގައި އަލަށް ކުރެވޭ ކަމެއް ނޫނެވެ. ނަމަވެސް، ދިވެހިންނަށް މިހާ ފައިދާ ބޮޑު މިކަން ކުރާ މިއީ ފުރަތަަމަ ފަހަރޭ ބުނުން ދޮގަކަށް ނުވާނެއެވެ. 

މިސާލެއްގެ ގޮތުން، ނިމިދިޔަ ސަރުކާރުން ކެންޕެއިން ތެރޭގައި ހުޅުމާލޭ ތިން ވަނަ ފިޔަވަހި ހިއްކަންފެށި ގޮތާއި، އެއިން ދިވެހިންނަށް ލިބުނުވަރާއި، މަސައްކަތް ކުރާ ކުންފުންޏަށް ލިބުނު ވަރާއި އަޅާކިޔާލަމާ ހެއްޔެވެ؟ 

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަން ނިމެން ވެފައި ވަނިކޮށް މާލެ ރައްޔިތުންނަށް ގޯތި ދިނުމަށް ހުޅުމާލެ ތިންވަނަ ފިޔަވަހިން 96 ހެކްޓަރު ހިއްކަން ހަވާލު ކުރީ، ހުޅުމާލެއިން 10 ހެކްޓަރާއި ތިލަފުށިން 10 ހެކްޓަރު، އެކު ޖުމްލަ 20 ހެކްޓަރު، 99 އަހަރަށް ދޫކޮށްލައިގެންނެވެ. އޭގެ ބަދަލުގައި ދިވެހިންނަށް ލިބުނީ އެންމެ 76 ހެކްޓަރެވެ. 

ރަސްމާލެ މަޝްރޫޢުއަށް ފުށިދިއްގަރުފަޅު ހިއްކަން ފެށުން

މި މަޝްރޫޢު އާއި ޚިލާފަށް، ރަސްމާލެ މަޝްރޫޢު އަކީ ފައިދާ ބޮޑު މަޝްރޫޢު އެކެވެ. ހަމައެކަނި، ބިމުގެ އަގަށް ބަލާލި ނަމަވެސް، އަތުން އެއްޗެއް ނުގޮސް ދިވެހިންނަށް ބޮޑު އެއްޗެއް ލިބެއެވެ. 

އެގޮތުން، ހުޅުމާލޭން އެންމެ ފަހުން ބިން ވިއްކި އަގަށް ބަލާލާއިރު، އޭރު ވިއްކާފައިވަނީ އަކަފޫޓަކަށް އެވްރެޖްކޮށް އަރާފައިވަނީ 6000ރ އެވެ. އެ އަގުން ބަލާ ނަމަ، ހުޅުމާލެއިން ސީއެމްސީއަށް ބަދަލުގެ ގޮތުގައި ދޭ 10 ހެކްޓަރުގެ ބިމުގެ އަގަކަށް ވާނީ ގާތްގަނޑަކަށް 6.5 ބިލިއަން ރުފިޔާ އެވެ.

ހުޅުމާލެއަށް ބިން ވިއްކި އަގުގެ މަގުން ރަސްމާލެއިން ހިއްކާ ބިމުން ސީއެމްސީއަށް ލިބޭ ވަރަށް ބަލާލާނަމަ، ސީއެމްސީއަށް ލިބޭ 60 ހެކްޓަރު ބިމުގެ އަގަކަށް ވާނީ 38.8 ބިލިއަން ރުފިޔާއެވެ.

އެހެންކަމުން، އެކު ޖުމުލަ އެކުންފުންޏަށް ލިބޭނީ، 45.3 ބިލިއަން ރުފިޔާގެ ބިމެއެވެ. 

ހަމަ މި ރޭޓަށް ބަލައިގެން އާބަންކޯއަށް ލިބޭ ބިމުގެ އަގު ބަލާލާނަމަ، އެ ކުންފުންޏަށް ލިބޭ، 1093 ހެކްޓަރުގެ ޖުމުލަ އަގު 705 ބިލިއަނަށް އަރައެވެ. 

ވުމާއެކު ދިވެހިންގެ އަތުން ލޯ ލާރި ފޮއްޗެއްވެސް ނުގޮސް 705 ބިލިއަން ރުފިޔާގެ ބިން ލިބި، މާލޭ ސަރަހައްދަށް އިންގިލާބީ ބޮޑު ބަދަލެއް ގެނެސްދޭނެ ބޯހިޔާވަހިކަމުގެ މަޝްރޫޢުއެއް ފެށުނީއެވެ. 

ސަރުކާރުގެ ޕްލޭނާއި އެއްގޮތަށް މިކަން ކުރިއަށްދާ ނަމަ، މިތަން ވާނީ ބޯހިޔާވަހިކަމުގެ އިތުރުން، އިގްތިސާދީ ގޮތުން ވެސް ރާއްޖެއަށް ފައިދާ ކުރުވަނިވި ތަނަކަށެވެ. ހަމަ އެހެންމެ، ބޯހިޔާވަހިކަމުގެ ދަތިތަކާއި ހުރެ ކުރިމަތިވަމުންދާ އިޖްތިމާޢީ ގިނަ މައްސަލަ ތަކަށްވެސް ނިމުމެއް ގެނުވާނެ މަޝްރޫޢު އަކަށް މި މަޝްރޫޢު ވާނެއެވެ. 


Advertisement

ކޮމެންޓް

Advertisement