Advertisement

އިއްޔެގެ ބައި-އިލެކްޝަންތަކުން ޕީޕީއެމް ކުރި ހޯދައިފި

އިންތިހާބެއްގެ ތެރެއިން-- ފޮޓޯ: ސަން

އިއްޔެ އޮތް ކައުންސިލް ތަކުގެ ބައި-އިލެކްޝަންތަކުން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް) އިން ކުރި ހޯދައިފިއެވެ.

އިއްޔެ އޮތީ ހއ. ކެލާ ކައުންސިލާއި ނ. މާފަރު އަންހެން މެންބަރު އިންތިހާބު ކުރުމުގެ ބައި-އިލެކްޝަނާއި ނ. މާފަރު ކައުންސިލްގެ މެންބަރަކު އިންތިހާބު ކުރުމުގެ ބައި-އިލެކްޝަނުގެ އިތުރުން އދ. ހަންޏާމީދޫ ކައުންސިލް މެންބަރަކު އިންތިހާބު ކުރުމުގެ ބައި އިލެކްޝަނެވެ.

މި ތިން އިންތިހާބު ގައި ވެސް އެމްޑީޕީ އާއި އެމްޑީއޭގެ ކެންޑިޑޭޓުންގެ މައްޗަށް ޕީޕީއެމްގެ ކެންޑިޑޭޓުން ވަނީ ކުރި ހޯދާފައެވެ. 

ހއ. ކެލާ ކައުންސިލްގެ އަންހެން މެންބަރު އިންތިހާބު ކުރުމުގެ ބައި-އިލެކްޝަންގައި ޕީޕީއެމްގެ ކެންޑިޑޭޓް ހަދީޖާ މައުރިފާ ވަނީ 402 ވޯޓުން އެމްޑީޕީގެ ކެންޑިޑޭޓް ހައްވާ ސުދާ އާއި ވާދަކޮށް ކާމިޔާބު ކޮށްފައެވެ. ހައްވާ ސުދާއަށް ލިބުނީ 367 ވޯޓެވެ.

ނ. މާފަރު ކައުންސިލްގެ މެންބަރަކު އިންތިހާބު ކުރުމުގެ ބައި-އިލެކްޝަން ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު އަބޫބަކުރު ކާމިޔާބު ކުރީ 239 ވޯޓުންނެވެ. މި އިންތިހާބުގައި މުހައްމަދު އަބޫބަކުރާއި ވާދަކުރި އެމްޑީއޭގެ ކެންޑިޑޭޓް މުސްލިމް މުހައްމަދަށް ލިބުނީ 90 ވޯޓެވެ.

މީގެ އިތުރުންވެސް، ނ. މާފަރު އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީއަށް މެންބަރަކު އިންތިހާބު ކުރުމުގެ ބައި-އިލެކްޝަން ގައި ޕީޕީއެމްގެ ކެންޑިޑޭޓް މަރިޔަމް ޝާތިރާ ވަނީ 217 ވޯޓުން އެމްޑީޕީގެ އަސްރާރު ހަސަންގެ މައްޗަށް ކުރި ހޯދާފައެވެ. އަސްރާރު ހަސަންއަށް ލިބުނީ 113 ވޯޓެވެ.

އދ. ހަންޏާމީދޫ ކައުންސިލް މެންބަރަކު އިންތިހާބު ކުރުމުގެ ބައި-އިލެކްޝަންގައި އަމިއްލަ ގޮތުން ވާދަކުރި މުހައްމަދު ޔާސިރު ވަނީ ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު ވަހީދާއި ވާދަކޮށް 212 ވޯޓުން ކާމިޔާބު ކޮށްފައެވެ. މުހައްމަދު ވަހީދަށް ލިބުނީ 169 ވޯޓެވެ. 

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަނަށް ހުޅުވާލި 18 ރަށުގެ ތެރެއިން، އެއްވެސް ފަރާތަކު ކުރިމަތިނުލައި ހުރި ރަށްތަކަކީ ރ. ރަސްގަތީމު، ބ. ކެންދޫ، އއ. ތޮއްޑޫ، ވ. ތިނަދޫގެ އިތުރުން މ. ރަތްމަންދޫ އަދި ފ. ބިލެތްދޫކަމަށް އިލެކްޝަން ކޮމިޝަން (އޭސީ) އިން ވަނީ ބުނެފައެވެ. މީގެ ތެރެއިން، ވ. ތިނަދޫގެ ކޮމިޓީއަށް 5 މެންބަރަކު އިންތިޚާބު ކުރުމަށް ހަމަޖެހިފައިވާއިރު، ދެން ކޮންމެ ރަށަކަށް އިންތިޚާބު ކުރާނީ އެންމެ މެންބަރެއްކަމަށްވެސް އީސީގެ ނައިބު ޙަބީބް ވިދާޅުވިއެވެ. އަދި މި ރަށްރަށުގެ ހުސްވެފައިވާ ގޮނޑިތަކަށް ކުރިމަތިލުމަށް އަލުން އިޢުލާނުކުރައްވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 27 ގައި ކައުންސިލްތަކުގެ ބައި-އިލެކްޝަންތައް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު މި ބައި-އިލެކްޝަންގައި ވ. ރަކީދޫ، ފ. ދަރަނބޫދޫ އަދި ގދ. މަޑަވެލީގެ ހުސްވެފައިވާ ކައުންސިލަށް މެންބަރުން އިންތިޚާބު ކުރުމާއި، ބ. ފެހެންދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް ޙަބީބު ވިދާޅުވިއެވެ.

ކައުންސިލް ބައި-އިލެކްޝަނަށް ކުރިމަތިލުމަށް، އިލެކްޝަންސް ކޮމިޝަނުން މިމަހުގެ 12 އިން 27 އަށް ވަނީ ހުޅުވާލާފައެވެ.

Advertisement

ކޮމެންޓް