ރައީސް ޔާމީން ޕީއެންއެފް އަށް ސޮއި ކުރެއްވި ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ވޮއިސް
ހަބަރު
19 Dec 2023 | 17:16
ޕީއެންއެފް ރެޖިސްޓަރ ކުރަން ހުށަހަޅާނީ ރައީސް ޔާމީން މިނިވަންވީމާ: މަލީހު

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ އައު ޕާޓީ، ޕީއެންއެފް ރެޖިސްޓާ ކުރަން ހުށަހަޅާނީ އެމަނިކުފާނު ޖަލުން މިނިވަންވެވަޑައިގެންނެވުމުން ކަމަށް، ޕީއެންއެފް އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.  

ޕީއެންއެފް އުފައްދަން ހުއްދަ ދިން ދުވަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން މަލީހު ވަނީ އެ ޕާޓީގެ އަމާޒަކީ 24 ގަޑިއިރުތެރޭގައި، ޕާޓީ ރެޖިސްޓަރ ކުރަން ބޭނުންވާ 3000 މެންބަރުންގެ ސޮއި ހަމަކޮށް ފޯމުތައް އީސީއަށް ހުށަހެޅުން ކަމަށް ވިދާޅުވެފައެވެ. އަދި ޕީއެންއެފް ވާނީ ރާއްޖޭގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ރިކޯޑް މުގުރާލާ ޕާޓީއަށް ކަމަށް އޭނާ އެދުވަހު ވިދާޅުވި އެވެ. 

މަލީހު އެފަދައިން ވިދާޅުވިފަހުން މިހާރު ގާތްގަނޑަކަށް 3 ތިން ހަފްތާ ފާއިތުވެގެންދާން ކައިރިވެފައިވާއިރު، އަދިވެސް ޕާޓީ ރެޖިސްޓަރ ކުރަން ހުށަހަޅުއްވާފައިނުވާ ސަބަބާއި ގުޅިގެން 'ވޮއިސް' އިން ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ، އެ މަސައްކަތް ދަނީ އެ ޕާޓީން ޕްލޭން ކުރި ގޮތާއި އެއްގޮތަށް ކަމަށެވެ. 

އަދި 24 ގަޑިއިރުތެރޭގައި އެ ޕާޓީއަށް 3000 މެންބަރުންވެސް ހަމަ ކުރެއްވި ކަމަށާއި، އެހެން ނަމަވެސް، ޕާޓީ ރެޖިސްޓަރ ކުރަން ހަށަހަޅުއްވާފައިނުވަނީ މައިގަނޑު ހަތަރު ސަބަބަކާއި ހުރެކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން އެންމެ މުހިންމު ސަބަބެއް ކަމަށް އޭނާ ފާހަގަކުރެއްވީ ރައީސް ޔާމީން އަދިވެސް މިނިވަން ނުވުމެވެ. 

"އަޅުގަނޑުމެން ކުރިންވެސް ދަންނަވާލާފައި ވާނެ, ޕާޓީ ރެޖިސްޓަރ ކުރާ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެއޭ. އެމަނިކުފާނަށް އެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭނީ މިނިވަންވެވަޑައިގެންނެވުނީމާ. އެހެންވީމާ އެމަނިކުފާނު މިނިވަންވެ ވަޑައިގެންނެވީމާ ޕާޓީ ރެޖިސްޓަރ ކުރާނީ އަޅުގަނޑުމެން."

މުހައްމަދު މަލީހު ޖަމާލް

ދެވަނަ ކަމަކަށް މަލީހު ފާހަގަކުރެއްވީ, ޕާޓީ ރެޖިސްޓަރ ކުރަން ހުށަހަޅާއިރު، ހުރިހާ ރަށެއްގެ މެންބަރުން ވެސް އެ ޕާޓީގައި ހިމެނުމެވެ.

އެގޮތުން މަލީހު ވިދާޅުވީ، ޕާޓީގައި 3000 މެންބަރުން ހަމަވި ނަމަވެސް، ރެޖިސްޓަރ ކުރަން ލާ 3500 ފޯމުގައި ހުރިހާ ރަށެއްގެ މީހުން ވެސް ހިމަނުއްވަން ބޭނުންފުޅުވާ ކަމަށެވެ. 

އަދި އެގޮތުން ފޯމުތައް ލާއިރު، ފޯމުގެ ސައްހަކަން ކަށަވަރު ކުރުމަށް އީސީން ޗެކު ކުރާ މަޢުލޫމާތުތައް، އެ ޕާޓީން ވެސް ޗެކު ކުރަން ބޭނުންވާ ކަމަށާއި، ފޯމު ލާނީ އެ މަސައްކަތް ވެސް ނިންމުމަށްފަހު ކަމަށް އޭނާ ވިދާޅުވި އެވެ. 

"ހަތަރު ވަނަ ކަމަކަށް، އަޅުގަނޑުމެންގެ ޕާޓީއަށް ތާއީދު ކުރާ، ރައީސް ޔާމީނަށް ވަފާތެރި ވަރަށް ގިނަ ފަރާތްތައް އެބަތިބި ޕީޕީއެމް/ޕީއެންސީ މަޖިލިސް ޕްރައިމަރީގައި ބައިވެރިވެފައިވެސް. އެ ބޭފުޅުންނަށް ވެސް ބަލާފައި، ޕީއެންއެފް އަށް ސޮއިކުރުމުން އެ ފުރުސަތު ގެއްލޭނެތީ މި މަޑުޖައްސާލަނީ" 

މުހައްމަދު މަލީހު ޖަމާލް

މަލީހު އިތުރަށް ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ޔާމީނަށް ތާއީދު ކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ބައެއް ފަރާތްތަކަށް ރައީސް ޔާމީންގެ ފޮޓޯފުޅު ބޭނުންކުރުމުގެ ހުއްދަ ދެމުންދާ ކަމަށާއި، ޕްރައިމަރީ އާއި އިންތިޚާބު ކާމިޔާބު ކުރައްވައި އޭގެ ފަހުން އެ ބޭފުޅުން ވެސް ޕީއެންއެފާއި ގުޅިވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.