ކުޑަކުދިންނަށް ނޭދެވޭ އަސަރު ކުރާ ގޭމުތައް ރާއްޖޭގައި މަނާކުރަން ޖެހޭ: އަނާރާ

13 Mar 2019 | 13:15

ކުޑަކުދިންނަށް ނޭދެވޭ އަސަރުތައް ކުރުވާ ގޭމުތައް ރާއްޖޭގައި މަނާކުރަން ޖެހޭ ކަމަށް މަކުނުދޫ ދާއިރާގެ މަޖިލިސް މެންބަރު އަނާރާ ނަޢީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި އަދާލަތު ޕާޓީ ތަމްސީލް ކުރައްވާ ހަމައެކަނި މެންބަރު އަނާރާ މިހެން ވިދާޅުވެފައި ވަނީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި "ކުޑަކުދިންގެ ޢަދުލުގެ ބިލް"ގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

އަނާރާ ވިދާޅުވި ގޮތުގައި ރާއްޖޭގެ އިތުރުން މިއަދު މުޅި ދުނިޔޭގައި ވެސް ކުޑަކުދިންގެ ތަރުބިއްޔަތާއި ގުޅޭގޮތުން ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ނަފްސާނީ ގޮތުން އެކުދިންނަށް ކުރިމަތިވާ އެކި ކަންތައް ކަމަށެވެ.އެގޮތުން ރާއްޖޭގެ ގިނަ މައިންބަފައިންގެ ޝަކުވާ އަކީ ތަފާތު ގޭމުތަކުގެ ޒަރިއްޔާއިން ކުޑަކުދިންނަށް ދަސްވާ ނޭދެވޭ ކަންތައް ކަން އަނާރާ ފާހަގަކުރެއްވިއެެވެ.

"ގޭމުތަކާއި، ނޭދެވޭ އަނިޔާވެރި ކަންތައްތައް ކުދިން އެބަ ވަރަށް ދަސްކުރޭ ގޭމުތަކުގެ ޛަރީޢާއިން. އަޅުގަނޑު ގޮވައިލަން ހަމަ ރާއްޖޭގެ ދައުލަތުގެ ކަމާ ބެހޭ އެންމެހައި ފަރާތްތަކަށް، އެފަދަ ގޭމުތައް ރާއްޖޭގައި މަނާކުރުމަށް." އަނާރާ ވިދާޅުވިއެވެ.

މީގެ އިތުރުން އަނާރާ ވަނީ ކުޑަކުދިން ކުށްކުރުމަށް މަގުފަހިވާ އެއް ސަބަބަކީ އާއިލާތައް ރޫޅުން ކަމަށެވެ. އެގޮތުން އާއިލާތައް ރޫޅުމުގެ ސަބަބުން ބިކަވެގެންދާ ކުޑަކުދިންގެ އަދަދު އިތުރުކަން ފާހަގަކުރައްވައި އަނާރާ ބެލެނިވެރިންނާއި މައިންބަފައިން އެކަމަށް ސަމާލުކަން ދެއްވުމަށް އެދިވަޑައިގެންފައެވެ. 

Advertisement

ކޮމެންޓް

Advertisement