ޗާލީހެބްދޫތޯ ނިއުޒިލެންޑްގެ ނޫރް މިސްކިތްތޯ- އަހަރެންގެ ހިތުތެރޭގައި އުފެދެނީ ރުޅިވެރިކަމެއް!

19 Mar 2019 | 07:09

2015 ވަނަ އަހަރު ފަރަންސޭސިވިލާތުގެ ޕެރިހުގައި ކީރިތި ރަސޫލާއަށް ކާޓޫންކުރަހައި ފުރައްސާރަކުރި މެގަޒިނެއްނެރުނު ޗާލީ ހެބްދުގެ އޮފީހަށް ދެމމީހަކު ވަދެ ބަޑިޖަހައި 12 މީހުން މަރައި އެގާރަ މީހުން ޒަޚަމްކޮށްލިއެވެ. އެއާއެކު މުޅިދުނިޔެއަށް އެޚަބަރުފެތުރިގެންދިޔައީ ޓައިމްބޮމެއްގޮވައިގެން ފެތުރިގެންދާފަދަ ހަލުވި ސްޕީޑެއްގައެވެ. އެހަމަލާދިނީ އިސްލާމުންގެތެރެއިން ހައްދުފަހަނައަޅައިދިޔަ ދެޓަރަރިސްޓުންކަމަށްވިއެވެ.

ފަރަންސޭސި ފުލުހުން އެމީހުން ހައްޔަރުކުރުމުގެ ބަދަލުގައި ބަޑިޖަހައި މަރައިލިއެވެ. ކޯޓްގައި އެމީހުންގެ މައްސަލައެއް ހިންގުމުގެ މާނައެއް ނެތްކަން ސާފުވެއްޖެ ނޫންތޯއެވެ.

ޗާލީހެބްދުއޮފީހަށް ދިން ޓެރަރިސްޓް ހަމަލާއާއިމެދު ހިތާމަފާޅުކުރުމަށް ދުނިޔޭގެ އެކިގައުމުތަކުގެ ލީޑަރުން ޕެރިހަށްވަޑައިގެން ހަމަހިމޭންކަމުގެ ސްކޫތެއް ގެނައެވެ. އޭގެތެރޭގައި ތުރުކީގެ ބޮޑުވަޒީރު އޮރްދޮޣާންވެސް ހިމެނިވަޑައިގަންނަވައެވެ. ދިވެހިންގެތެރޭގައިވެސް އެކަން ވަރަށް ބޮޑަށް ފާހަގަކުރެވުނެވެ.

މަރުވި ފަރަންސޭސި 12 މީހުންގެ ހަދާން އައުކުރުމަށް އަދި އެމީހުންނާއެކު ދެމިތިބިކަން ފާޅުކުރުމުގެ ގޮތުން ދިވެހިންގެތެރޭގައި ސޯޝަލް މީޑިއާގެ ހަރަކާތްތެރިން ފަރަންސޭސި ދިދަ އެމީހުންގެ ޕްރޮފައިލް ފޮޓޯކަމުގައި ހެދިއެވެ. ގާތްގަނޑަކަށް ދިވެހި ސޯޝަލް މީޑިއާ ހަރަކާތްތެރިންގެ ގިނަބަޔަކު ފަރަންސޭސި ދިދަ އުފުލިއެވެ. ޚާއްސަކޮށް ހުޅަނގުގެ ގައުމުތަކުގައި ދިރިއުޅެމުންދިޔަ ދިވެހިންނެވެ. މިދިވެހިން އެތައްދުވަހެއްވަންދެން ޗާލީހެބްދޫގެ ހިތާމަވެރިހަދާން އައުކުރިއެވެ.

މިއަދަކީވެސް ދުވަހެކެވެ. ނިއުޒިލެނޑްގެ ކްރައިސްޗާޗްގެ މިސްކިތަކަށް ހުކުރުދުވަހު މުސްލިމުން ހުކުރުނަމާދަށް އެއްވެ ތިއްބައި އޮސްޓްރޭލިޔާއަށް ނިސްބަތްވާ މީހަކު ބަޑިހިފައިގެންވަދެ ގޮތެއްފޮތެއް ނުބަލައި މީހުންގެތެރެއަށް ބަޑިޖަހައި މީހުން މަރަމުންމަރަމުންގޮސް އޭނާގެ އަތުގައި ހުރި ހުރިހައި ވަޒަންތައް ހުސްކޮށްލިއެވެ.

އެއަށްފަހު އެހެންބަޑިއެއް ހިފައިގެން އެހެންމިސްކިތަކަށްވަދެ ބަޑިޖަހައި އެތައްބަޔަކު މަރާލިއެވެ. މިދެމިސްކިތުން ޖުމްލަ 50 މީހުން މަރުވިއެވެ. ނިއުޒިލެންޑްގައި މިއީ ގަތުލުއާއްމެއްކަމަށް ސިފަކުރެއެވެ. އެކަމަކު ހުޅަނގުގެ ބައެއް މީޑިއާތަކުން މިގާތިލަކީ ޓެރަރިސްޓެއްކަމަށް ސިފަކުރަން ފަސްޖެހެއެވެ. އޭނާއަކީ ޝޫޓަރއެކެވެ.

މިދެހާދިސާގެ އަސަރުގަދަ ޚަބަރުތައް ކިޔާލުމުން ލޯކަރުނުން ތެމެއެވެ. އިންސާނުންނަށްވީތީއެއްނޫނެވެ. އަމިއްލަދީނުގެ ގޮތުން ހިތުތެރޭގައި ހިނގާ އަޚްވަންތަކަމެއްގެ ޖަޒްބާތުތަކެއްގެ ސަބަބުންވެސް މެއެވެ. އެއަޚުވަންތަކަން ސިފަކޮށްދޭކަށްނޭގެއެވެ. ދުނިޔޭގެ ވަރަށް ގިނަ މީޑިއާތަކުގައި މިހާދިސާގައި މަރުވި ތުއްތުކުދިންނާއި އަންހެނުންނާއި ކުށެއްނެތް މީހުންގެ ވާހަކަތައް ހާދިސާގެ ވަރަށް ގްރެފިކްޑީޓެއިލާއެކު އެބަގެނެސްދެއެވެ.

އެކަމަކު އަޅުގަނޑުގެ ހިތުގައި އުފެދިގެން މިއުޅެނީ ރުޅިވެރިކަމެކެވެ. އެރުޅިވެރިކަން ބުނެދޭންވެސް ނޭގެއެވެ. އެއީޔަކީ ދުނިޔޭގެ ގައުމުތަކުގެ ލީޑަރުން ނިއުޒިލެންޑަށްވަޑައިގެން އެހަމަލާކުށްވެރިކުރުން ދައްކުވައިދޭ ސެރަމަނީއެއް ނުބާއްވައިގެންނެއް ނޫނެއެވެ. އިއްޔެ ފަރަނެސޭސިވިލާތުގެ ޗާލީ ހެބްދޫގައި 12 މީހަކު މަރުވެގެން ލޮލުން ކަރުނަހިލިގެން އުޅުނު ދިވެހިން މިއަދުވެސް ސޯޝަލްމީޑިއާ ޕްލެޓްފޯމްގައި އެތިބީއެވެ. އަނގައިންވެސް ނުބުނެއެވެ. ނިއުޒިލެންޑްގައި ތިމާއާއި އެއްމިއްލަތެއްގައި ތިބި ބަޔަކަށްވެރިވި ފުންހިތާމައާމެދު ކުޑަވެސް ފަރުވާލެއްނެތެވެ.

އަޅުގަނޑުމެން ހީކުރީ ފަރަންސޭސިދިދަ ކަރުގައި އެޅުވީ އިންސާނިއްޔަތުކަން ހިތުތެރޭގައި ހިގާލެއް ގަދަކަމުން ކަމަށެވެ. އެކަމަކު ސޯޝަލް މީޑިއާގައި ފޭސްބުކްއާއި ޓްވީޓާގައި ތިބެގެން އިންސާނީ ހައްގުތަކޭ، އިންސާނީ ހައްގުތަކޭ ތިގޮވާ މީހުންގެ ފެންވަރު ހިތަށްވަންނަލެއް ބޮޑުކަމުން ރުޅިއާދެވެނީއެވެ. މިއަދު ޔަގީންކުރެވުނީ ތިމީހުންގެ އަސްލު ސޫރައަކީ އިންސާނީ ހައްގުތަކަށް ލޯބިކޮށް ވަކާލާތުކުރުން ނޫންކަމެވެ. ދުނިޔޭގެ އެދުންވެރިކަމާއި މާއްދީ ކޮންމެވެސް އެހެން އެދުމެއް ހާސިލުކުރަން ތެޅިފޮޅޭ ބައެއްކަމެވެ. އެމީހުންގެ އަމަލާބަހުން ދޭހަވަނީ މުސްލިމުން މަރުވުމަކުން ހިތުތެރޭގައި އުފެދޭ ޖަޒްބާތެއް ނެތްކަމެވެ. ނޫނީ މުސްލިމުން މަރުވެގެން ހިތާމަކުރީމާ ލަދުގަންނަ ކަމަކަށްވެ ނުވަތަ ތަހްޒީބު ގައުމުތަކުގެ ބަޔަކު ތިމާ އެހެންކަހަލަގޮތަކަށް ސިފަކޮށްފާނެތީ ބިރުގަންނަނީކަމަށްވެސް ވެދާނެއެވެ.

Advertisement

ކޮމެންޓް