ގާޒީ ނިހާން 17 އަހަރަށް ޖަލަށްލީ މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް މާދަމާ ފަށަނީ

09 Oct 2018 | 14:30

އދ. މާމިގިލި މެޖިސްޓްރޭޓް ކޯޓުގެ ގާޒީ އަހްމަދު ނިހާން، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު ކަމަށް ބުނެ ކްރިމިނަލް ކޯޓުން 2016 ވަނަ އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހު ނިހާންގެ މައްޗަށްކުރި އުފުލި ހަތަރު ދައުވާގެތެރެއިން ޓެރަރިޒަމްގެ އަމެއްލެއް ކުރަން އުޅުމުގައި ބައިވެރިވުމުގެ ދައުވާގެ ކުށް ސާބިތުވެ،17 އަހަރަށް ޖަލަށް ލުމަށް ކުރި ހުކުމުގެ އިސްތިއުނާފް އަޑުއެހުންތައް ފެށުމަށް ހައިކޯޓުން ނިންމައިފި އެވެ.

ގާޒީ ނިހާންގެ އާއިލީ ބޭފުޅަކު ވިދާޅުވީ ހައިކޯޓުން މިމައްސަލައިގެ އަޑުއެހުންތައް މާދަމާ ހެނދުނު 11:00 ޖަހާއިރު  ތާވަލްކޮށް އެކަން އަންގާފައިވާ ކަމަށެވެ. 

އާއިލާއިން އިތުރަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިދިޔަ ހަފްތާ ތެރޭގައި ހައިކޯޓުގައި އިސްތިއުނާފް މައްސަލަ އަވަހަށް ނިންމައިދިނުމަށް އާއިލާއެދިފައިވާނެކަމަށެވެ. 

މިމައްސަލަނިންމާ އިސްތިއުނާފް ކޮށްދިނުން އެދި ހައިކޯޓަށް ހުށަހެޅިތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވަނީވެފައެވެ.

ގާޒީ ނިހާން ހައްޔަރުކޮށް ކްރިމިނަލް ކޯޓުގައި މިމައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދިޔައިރު ގާޒީ ނިހާންގެ ގާނޫނީ ވަކީލަކަށް އޭރު ހުންނެވީ ދައުލަތުގެ ކުރީގެ ބަންޑާރަނައިބް ހުސްނުއްސުއޫދެވެ. 

ނަަމަވެސް ސުއޫދު ސަސްޕެންޑް ކުރުމާ ގުޅިގެން ގާޒީ ނިހާންގެ ގާނޫނީ ވަކީލެއްގެ ގޮތުގައި މިހާރު މަސައްކަތް ކުރައްވަނީ ނިހާނާއި އެކު ހައްޔަރުކޮށްފައިވާ ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހުތާޒު މުހުސިންގެ އަނބިކަނބަލުން ޝާދިޔާ އާދަމް އެވެ.

ރައީސް ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު ކަމަށް ބުނާ މައްސަލާގައި ދައުލަތުން ވަނީ ގާޒީ ނިހާންގެ މައްޗަށް ހަތަރު ދައުވާއެއް އުފުލާފަ އެެވެ. 

އެއީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ އާއި، ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ އަމަލެއް ހިންގުމުގެ ދައުވާ އާއި، ފޭކް ލިޔުމެއް އުފެއްދުމުގެ ދައުވާ އާއި، ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.

ގާޒީ ނިހާން ހައްޔަރުކުރުމާއެކު ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަނީ އޭނާގެ މައްސަލައިގެ ޝަރީއަތް ނިމެންދެން ފަނޑިޔާރު ކަމުގެ މަގާމުން ސަސްޕެންޑް ކޮށްފަ އެވެ. ގާޒީ ނިހާންގެ މައްސަލަ ކްރިމިނަލް ކޯޓު މަރުހަލާ އިން ނިންމާފައިވީ ނަމަވެސް އޭނާ މަގާމުން އަދި ވަކިކޮށްފައި ނުވާ ކަމަށްވެސް އާއިލާ އިން ވަނީ ބުނެފަ އެވެ.

Advertisement

ކޮމެންޓް

Advertisement