ނަންވާނީ މެޑަމް ފާތުންގެ އޮފީސް

22 Mar 2019 | 07:15

މިދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމްގެ އޮފީހުންކަމަށްބުނެ ބަޔަކު ގުޅައި ފްލެޓާއި ވޯޓާއިގުޅޭ މައުލޫމާތުތަކެއް ސާފުކުރިކަމަށް ނޫސްތަކަށް އެރިއެވެ. ސައޫދީއަރަބިއްޔާއިން ހަދިޔާކުރި ކަދުރު ބެހި ވާހަކަތަކެއް ދެކެވުނެވެ. މިކަންތައްތަކާއިގުޅިގެން އިދިކޮޅު އެމްޑީޕީން އަލިފާންކަނޑައިގެންދާފަދަ ވަރުގަދަ ތުހުމަތުތަކެއް ކުރިއެވެ. އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވައްކަމާއި ކަރޮޕްޝަން އޮތް ވަރު ރައްޔިތުންގެ ބޮލަށް ރަނގަޅަށް ވެއްދިއެވެ. އޭގެފަހުން އަދި މާގިނަދުވަހެއްވީއަކީނޫނެވެ. އަޅުގަނޑުމެންނަށް މިފެނުނީ ވައްކަމާއި ކަރޮޕްޝަނަށް ޒީރޯޓޮލަރެންސް ދެމުން ނުކުތް ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރު އަދި ހިގައިނުގަންނަނީސް އިންތިޚާބަކާއިދިމާކޮށް، ނަޒާހަތްތެރި މަޖިލީހަކަށް ވަކާލާތުކުރައްވައި އަޑުއުފުއްލަވަމުންގެންދަވާ ކުރީގެ ރައީސް، އެމްޑީޕީގެ މެމްބަރުން ސިފަކުރާގޮތުންނަމަ، ދިވެހި ރާއްޖޭގެ މަހާތުމާ ގާނދީ، ނެލްސަންމަންޑޭލާގެ އޮފީހުން، އެމަންޑޭލާގެ ޕާޓީގެ އޮފީހުން، " ރިޝްވަތު" ކަމަށް މީޑިއާތަކުން ސިފަކުރާ ވިޔާނުދާ އަމަލު ހިންގުމުގައި މެޑަމް ފާތުންގެ އޮފީސް ވެއްޓުނު ދަރަޖައަށް ނުވަތަ އެއަށްވުރެވެސް ދަށު ދަރަޖައަކަށް ވެށްޓިގެންދިޔަތަނެވެ. އެމަނިކުފާނުގެ ފަހަތްޕުޅުން ހިނގާ މީހުން އެއްކޮށް ރައްޔިތުންނަށް ފެންނަގޮތަށް މީހުންގެ ކުރިމަތީގައި ޖަލްސާއެއް ބާއްވައި އެވިދާޅުވަނީ ފްލެޓްލިބޭނީ އެމަނިކުފާނުގެ ޕާޓީއަށް ވޯޓްދިނީމާކަމަށެވެ. މިއީ ބިރުދެއްކުމަށް ނުވާނެގޮތެއް އޮންނާނެތޯއެވެ. އެމަނިކުފާނުގެ ޕާޓީއަށް ވޯޓްދޭން ބޭނުންނުވިޔަސް ދަރިންނާއެކު ދިރިއުޅޭނެ ފްލެޓަކަށް ޖެހިފައިވާ މީހާއަށް މަޖްބޫރުކުރެވެނީއެވެ. ފްލެޓް ބަހާނެ މީހުންގެ ލިސްޓެއް އެމަނިކުފާނުގެ އަތުގައި އެބައޮތެވެ. އަޅުގަނޑަކީވެސް ވެށިފަހި ޕްރޮގްރާމްގެ ދަށުން ފޯމް ލީ މީހެކެވެ. ޝަރުތު ހަމަވެގެން ފޯމް ލީކަމުގެ ލިއުން މިހާރުވެސް ގޭގައި އެބައޮތެވެ. އެކަމަކު ލިސްޓްގައި ތިބި މީހުންނަށް މެސެޖްފޮނުވައި ޖަލްސާއަސް އިންވައިޓްކުރިއިރު އަޅުގަނޑަކަށް ނުކުރެއެވެ. އެހެންވީމާ އެލިސްޓުގައި ނެތީތާއެވެ.

އަނެއްކާ އެހެންމީހުން ތިޔައީ ރިޝްވަތޭ ކަރޮޕްޝަނޭ ކިޔާވަރަކަށް އެމަނިކުފާނު އަރަނީ ޗެލެންޖްކުރުމުގެ މާވަރުގަދަ ފޯރިއެކެވެ. މީހުންއެއްކޮށް ޖަލްސާކުރީ އެހެންވެގެންނެވެ. އިލެކްޝަންސް ކޮމިޝަނަކަށް، އެންޓީކޮޕްރަޕްޝަން ކޮމިޝަނަކަށް މިހާރު ކުރެވޭނެ ކަމެއް ނޯންނާނެއެވެ. މިހާރު އެވިދާޅުވަނީ އިންތިޚާބާދިމާކޮށް އެގޮތަށް ނާޖާއިޒް ހުށަހެޅުންތައް ހުށަހެޅުންއެއީ ދުނިޔޭގެ ތަންދޮރު ދަންނަ މީހުން، ޑިމޮކްރަސީ ދަންނަ މީހުން، ޓަރްނާސްޕޭރަންސީއަކީ ކޯއްޗެއްކަން އެގޭމީހުން، ކަންކުރާގޮތްކަމަށެވެ. ނާޖާއިޒް ހުށަހެޅުންތަކެކޭ ބުނުމުގެ މުރާދައަކީ ސަރުކާރު ހިންގަން ރައީސަކަށް ހުންނެވީ އިބްރާހިމް މުހައްމަދު ސާލިހް ކިޔާ ބޭފުޅަކަށްވިޔަސް ސަރުކާރުން ފްލެޓްދޭނެ މީހުންގެ ލިސްޓް ހާމަކުރެއްވީ ޕާޓީއެއްގެ ލީޑަރުކަމަށްވާތީއެވެ. ދެން ކީއްކުރާ ހައުސިން މިނިސްޓްރީއެއްތޯއެވެ. ރިޝްވަތުގެ ނުބައި އަމަލެއްކަމަށް ތުހުމަތުކުރެވޭ މިފަދަ ކަންތައްތަކެއް އަމިއްލަފުޅު އޮފީހުން އިސްނަގައިގެން ކުރައްވަމުންގެންދަވާއިރު ޒީރޯ ޓޮލަރެންސްގައި ސަރުކާރުގެ ވެރިން ތިއްބެވީ ހަނުހިމޭނުންނެވެ. ކީއްވެގެންތޯއެވެ. އެކަންކުރަނީ ސަރުކާރަށް އެމީހަކާއި ނުކުޅެވޭފަދަ ބާރުގަދަ އަތެއްގެ ވެރިޔަކަށްވާތީއެވެ. އެކަމަކު ނަންވާނީ މެޑަމް އޮފީހެވެ.

Advertisement

ކޮމެންޓް

Advertisement