ޕިއްޒާކިޗަން ކުރު ވާހަކަ: ތުނޑު ހަސަނު

Share on facebook
Share on twitter
Share on telegram
Share on whatsapp

ހަސަނަކީ ދެކުނުގެ ރަށެއްކަމުގައިވާ ގދ. ބޮލިމަތައިދޫއަށް ނިސްބަތްވާ ފިރިހެނެކެވެ. އިސްކޮޅުގައި ފަސް ފޫޓު ހަތަރު އިންޗި ހުންނައިރު، އޭނާއަކީ ހަމުގެ ކުލަ ކަޅު ދެބައި އުމުރުގެ ފަލަ މީހެކެވެ. ރަށުގައި ކުރާ ހުރިހާ ކަމެއްގައި ވެސް އެންމެ ކުރީ ސަފުގައި ނަގާކިޔަން ހުންނަ މީހެކެވެ. ރަށުގައި އަމިއްލަ ފިހާރައެއް ހުންނައިރު ރަށަށް އެތެރެކުރާ ކާޑުގެ ބާވަތްތައް ދޫކުރާ ގުދަނުގެ ވެރިޔަކީ ވެސް ހަސަނެވެ. މި ދެ ތަނުގެ ކަންކަން ބެލެހެއްޓުމަށް އޭނާ ބިދޭސީ މުވައްޒަފުން ގެންގުޅެއެވެ. މީހަކާ އިނދެ ދެ ތަރިން ތިބިއިރު، ދެ ކުދީން އަންނަނީ މާލޭގައި ނަރުސްކަން ކިޔަވަމުންނެވެ. އޭނާއަށް މީހުން ވަނަމުން ގޮވަނީ ތުނޑު ހަސަނޭ ކިޔާފައެވެ. އޭނާއަށް ތުނޑު ހަސަނު ކިޔުނީ ހިނގާފައި ދާއިރު ތުނޑުތުނޑުލެއްވެމުން ހިނގާތީއެވެ. އޭނާގެ ހިތުން އޭނާ އަކީ ރަށުގައި ބަސްވިކޭ މީހެކެވެ. އެކަމަކު އަބަދު ހުންނާނީ އަތަށް ގޮވާފައެވެ. މިފަހަރު ވެސް ހަސަނަށް ލިބުނީ ހިތުން ނުފިލާވަރުގެ ކޮޅުކެއްސެކެވެ.

ހަސަނަކީ މާބޮޑަށް ކިޔަވާފައި ހުރި މީހެއް ނޫނެވެ. އެއާ ޚިލާފަށް އޭނާގެ އަންހެނުން ޝާރުދާ އަކީ ތަންދޮރުފިލާފައި، ކިޔަވައިގެން ހުރި މީހެކެވެ. ޝާރުދާގެ ދަރީންތައް ބޮޑެތިވުމާއެކު އޭނާ ގޭގައި އިނދެގެން ކުރާ ކަމަކީ ހިލޭ ސާބަހަށް ކުޑަކުދީންނަށް ދިވެހި ބަސް ކިޔަވައިދިނުމެވެ. ހަސަނު އުޅޭނީ އެއް ޖޯލިފަތިން، އަނެއް ޖޯލިފަތިން ގޮސް، ހޮޅުއަށީގައެވެ. ފިހާރައަށާއި، ކާޑު ގުދަނަށް ބޯދިއްކޮށްލާނީ ސޭލްސް ނިމޭ ވަގުތު އެކަންޏެވެ. ނޫނީ ބޮޑު ކަމެއް ދިވާވެއްޖެ ހިނދެއްގައެވެ. "މަ އެބަ ވިސްނަން މި ފަހަރު ކައުންސިލަށް ކުރިމަތިލާން. މަށަށް ޔަގީން މީހުން ވޯޓުދޭނެކަން." ހޮޅުއަށީގައި އިނދެ އެތަނުގައި ތިބި މީހުންނާއި ވާހަކަދައްކަމުން ހަސަނު ބުންޏެވެ. "އާނ ހަސަނާ!. ކަލެއަށް ތިކަންވާނެ. އެކަމަކު ތި މުށްބާރުކޮށްގެން އުޅޭ އަތުން ކޮންމެވެސް އެއްޗެއް ދީގެން ތިކަން ވާނީ." އެތަނުގައި އިން އިސްމާޢީލު ބުންޏެވެ. "އާނ ދެން ތިކަންވެސް އޮތީ ތިހެން. ކަލޭމެން ވާނެ މަށަށް އެހީވާން. ހޮވިއްޖިއްޔާ ފައިދާވެސް ވާނީ ހަމަ ކަލޭމެނަށް." ހަސަނު ހަށިފުރާ ނޭވާއެއްލުމަށްފަހު ބުންޏެވެ.

މާގިނަ އިރުތަކެއްނުވެ މުޅި ރަށުގައި މި ވާހަކަ ފެތުރިއްޖެއެވެ. ހަސަނަކީ ފެށުނީއްސުރެ ސިޔާސީ އެކި ކަންކަމުގައި ފޫކަހާފައި އުޅޭ މީހެކެވެ. ވެރިކަން ކުރާ މައި ޕާޓީ، ޑީ.އެން.ޑީ އިން އެ ރަށުގައި ކުރާ ކޮންމެ ކަމެއްގައި ހަސަނު ހުންނާނީ އެންމެ ކުރީގައެވެ. ކައުންސިލަރު ކަމަށް ކުރިމަތިލާކަން މީހުންނަށް އެނގުމާއެކު، މިކަމާ ހަސަނަށް ވަރަށް ގިނަ ބަޔަކު ހަޖޫޖެހިއެވެ. ނަމަވެސް އަނެއް ބަޔަކު ހަސަނުގެ ނިންމުމަށް ތާއީދުވެސް ކުރިއެވެ. އިލެކްޝަނަށް ފޯމު ހުށައެޅުމަށް ހުޅުވާލުމާއެކު ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކުރުމަށްފަހުގައި އިލެކްޝަނަށް ފޯމު ހުށައެޅިއެވެ. މި ހުރިހާ ކަމެއް ކޮށްދިނުމަށްޓަކައި ހަސަނާއެކު ނޫކަށި ފުރައިގެ ޒުވާނުންގެ ޓީމެއް ހަރަކާތްތެރިވިއެވެ. މަހެއްހާ ދުވަސް ފަހުން ކެންޑިޑޭޓު ނަންބަރު ލިބި ކެމްޕެއިންގެ ފޯރި ރަށު ތެރޭގައި ގަދަވިއެވެ. އޭރު ވޯޓުލުމާއި ދެމެދު އޮތީ މަހެއްހާ ދުރުމިނެވެ.

ރަށުތެރޭގައި ހަސަނާއި ދެކޮޅަށް ކެމްޕެއިންކުރާ މީހުންނާއި، އިދިކޮޅު ޕާޓީއިން ކައުންސިލް ރައީސް ކަމަށް ކުރިމަތިލައިގެން އުޅޭ އާފާޤުގެ ނުހޮރުއްޕާން ކުޑައެއްވެސް ނޫނެވެ. ރޭގަނޑު ދަންވަރު ހަސަނުގޭ ފުރާޅުމައްޗަށް ގާ އުކުމާއި، ހިނގާހާ މަގަކުން މައްލަވަ ކުރަމުން ފަހަތުން ވެސް ހިނގަނީއެވެ. ނުވިތާކަށް އެއްދުވަހު ގެއިން ނުކުންނަން ވެގެން ގޭ ބޮޑު ދޮރޯށީގައި ހިފާލިތަނާ ބޯމައްޗަށް ވެއްޓުނީ ފުށްބާލިދީއެކެވެ. މޫދަށް އެރެންވެގެން މުންޑު ބާލާފައި އެއްގަމުގައި ބާއްވާފައި ގޮސް މޫދުން އެރިގެން އަންނައިރު، މުންޑުވެސް ވަގަށް ނަގަނީއެވެ. މި ދުއްތުރާތަކުގެ ޝަކުވާ ރަށުގައި ހުރި ޕޮލިސް ސްޓޭޝަނަށް ހުށައެޅިއަސް ވާ އެއްވެސް ކަމެއް ނޯވެއެވެ. ވުމާއެކު ހަސަނު، އާފާޤާށް ރައްދި ދިނުން ފިޔަވާ އިތުރުކަމެއް ނުކުރެއެވެ. "ހަމަ އަހަރެން މުސްކުޅިއަކަށްވީމަ އޭނަ ހިތަށް އަސަރުކުރަނީ. އިނގޭ ވިއްޔަ މަ ކަން ހޮވޭނީ." ކެމްޕެއިން ޖަގަހައިގައި އަނގަޔަށް ދޮފުން ގަނޑެއް ހެޔޮވަރުކުރަމުން ހަސަނު ވާހަކަ ދެއްކިއެވެ. އެ ވަގުތަކީ ހަސަނުގެ އަންހެނުން ޝާރުދާ ޖަގަހަ ދޮރާށި މައްޗަށް ހުއްޓުނު ވަގުތެވެ.

"ދެއިރު ދެދަޅައަށް ކެމްޕެއިންކޮށްފަ، އަނގަ ފުރެންދެން އަނގަޔަށް ދުފާ އެއްޗެހި އެޅީމަ ނިމުނީދޯ. ސިޓިންރޫމުގައި ހުރި ފަންކާ އެނބުރެނީއެއް ނޫން. ފެން މޯޓަރު ހުރީ ހަލާކުވެފަ. ފިހާރައިގެ ވަތްގަނޑުގަ ހުންނަ ފައިސާއަށް ވާނުވާއެއް އެނގެނީއެއް ނޫން. ހަސަނާ މަ ތަނެއްގަ އެލިގަނެ މަރުވާންވީތަ؟" ޝާރުދާ ހުރީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ. މި މަންޒަރު ފެނުމާއެކު، އެތަނުގައި އެވަގުތު ތިބި އެންމެން މަޑުމަޑުން އެ ތަނުން ނިކުމެގެން ދިޔައެވެ. " ޝާރޫ… އަބަދުވެސް ބުނަމެއްނު މީހުން ތިބޭ ތަންތަނުގަ ތިގޮތަށް ވާހަކަ ނުދައްކާށޭ. ފަންކާ ވެސް، މޯޓަރު ވެސް ހަދައިދޭނަމޭ. ޗައިނާ ޝިޕްމަންޓުންނޭ ފަންކާ އާއި މޯޓަރު އަންނަނީ. ދެން ރުޅި މަޑުކޮށްބަލަ." ހަސަނު އޭނާގެ އަންހެނުންގެ ކޮނޑުގައި އަތް އަޅުވާލިއެވެ. " ތިއީ ކޮންތާކު އޮތް ޗައިނާ އަކުން އަންނަ އެއްޗެހި ތަކެއް؟ މިހާރު ދެ މަސް މިވީ ތިހެން ކިޔާތާ!" ޝާރުދާ ދެފަރާތަށް ތުން ތަޅުވާލިއެވެ. "ޝާރޫ.. ބޭބީ ހަމަޖެހިބަލަ. ހިނގާދޯ މިރޭ ޔާޤޫތުމެން ރެސްޓޯރެންޓަށް ފްރައިޑު ރައިސްއެއް ކާލަން ދާން." ހަސަނު ޝާރުދާގެ ކޮލުގައި ހިފާލިއެވެ. "މަށެއް ނޫޅެން ދާކަށް." ޝާރުދާ އޭނާގެ ކޮނޑުގައި އޮތް ހަސަނުގެ އަތް ފޮޅާލުމަށްފަހުގައި ކުރިއަށް ހިނގައިގަތެވެ.

އޭރު މުޅި ރާއްޖޭގައި ދިޔައީ ކެމްޕެއިންގެ ފޯރި ގަދަވަމުންނެވެ. ހަސަނު ވެސް ދިޔައީ އެހެން މީހުންނެކޭ އެއްގޮތަށް ގަދަޔަށް ކެމްޕެއިން ކުރަމުންނެވެ. ޝާރުދާއަށް ފިހާރައިގެ ވަތްގަނޑުގައި ހުންނަ ރުފިޔާއަށް ވާނުވާ ނޭނގުނެއް ކަމަކު ހަސަނަށް އޭގެ ވާނުވާ ވަރަށް ރަނގަޅަށް އެނގެއެވެ. ހަސަނު ދިޔައީ އޭނާ އަތުގައި ހުރި ފައިސާ ކައިރީގައި އުޅޭ މީހުންނަށް ހޭދަކުރަމުންނެވެ. އެންމެންވެސް ހަސަނުގެ ސިކުނޑިއަށް ވިސްނައިދިނީ ފައިސާ ބެހުމަށެވެ. އަދި ވިއްކަމުން އަންނަ ކާޑުގެ ބާވަތްތައް ވެސް ކުރިއަށް ވުރެ އަގުހެޔޮކޮށް ވިއްކުމަށެވެ. ދޮރުން ދޮރަށް ހިނގާ ކޮންމެ ފަހަރަކު ވަންނަ ގޭގެއަށް ހަސަނު ދިޔައީ ފައިސާ ދެމުންނެވެ. "ހަލީމައްތާ. އެއްގޮތަކަށްވެސް މި ވާހަކަ ދައްކާނެ ކަމެއް ނެތް. އަހަރެން ފައިސާ ދޭނަން. މިގޭ އެންމެން ކައިރި ބުނޭ އަހަރެންނަށް ވޯޓު ލާށޭ. އޭރުން އަހަރެން ހޮވުނީމަވެސް ފައިދާވާނެ." ރަށުގެ މުސްކުޅި އުމުރުފުރައިގެ މީހެއް ކަމަށްވާ ހަލީމާ ގާތު ހަސަނު ބުންޏެވެ. އެއީ މިއިން ޒަމާނެއްގައި ވެސް ހަސަނު ވަދެއުޅުނު ގެއެއް ނޫނެވެ. އަދި އެޔޮތް މުއްބާރު ހަސަނުގެ އަތުން ފައިސާ ފޮއްޗެއް ލިބުން ވެގެން ދިޔައީ ހަލީމާއަށް އައުކަމަކަށެވެ. ހަލީމާ، އެގޭ އެންމެންގެ ވޯޓު ޔަގީންވާނެ ކަމަށް ބުނުމާއެކު ހަސަނު އެ ގެއިން ނިކުތެވެ. "ނިކަން ރަނގަޅަށް މި ފަހަރު ވޯޓުދޭނަން. ތަނެއް ދޮރެއް ދަންނަ އާދަމުގެ ދަރިއެއް ނޫން މިއުޅެނީ ކައުންސިލަށް ކުރިމަތިލައިގެން. އޭނާއަށް ހީވީ ކަންނޭނގެ އަހަރުމެން ފަޤީރުވީމަ ގަނެލެވޭނެއޭ." ހަސަނު ގެއިން ނިކުތުމާއެކު ގޭގައި ތިބި އެންމެނަށް އަޑުއިވޭ ވަރަށް ހަލީމާ މިހެން ބުންޏެވެ. އެވަގުތު އެންމެން އެއްފަހަރާ ހިނި ގަނޑެއް ޖަހާލިއެވެ.

ކޮންމެއަކަސް ހަސަނު ފިހާރައިގެ ވަށްގަނޑުންނާއި ރައްކާކޮށްފައި ހުރި ފައިސާއިން އެޔެއް މިއެއް ނުބަލާ ހޭދަކުރާކަން ޝާރުދާއަށް އެނގިއްޖެއެވެ. "ހަސަނާ ތިއުޅެނީ އަޅެ ބަނޑަށް ޖެހޭނެ ގޮތެއް ނޭނގިގެންތަ؟ މާލޭގައި ދެ ދަރިން ތިބީ ކިޔަވަން. ރައްކާކޮށްފައި ހުރި އެތިކޮޅު ނުނަގަބަލަ. ތި ކައުންސިލަކަށް ކުރިމަތި ނުލާށޭ މަށެއް ނުބުނަންތަ؟. މި ރަށު މީހުން ހަސަނު މޮޔަ ހައްދާއިރުވެސް ހުރޭ. ހަސަނު ކަންފަތަށް ހުންނަނީ ތިމަރަ އެޅިފަތަ؟" ޝާރުދާ ރުޅިއައިސްގެން ބުންޏެވެ. "ޝާރުދާއަށް ކިހިނެއްތަ އެނގެނީ ރަށު މީހުން އަހަރެން މޮޔަ ހައްދާ ކަމެއް؟ ޝާރުދާ ހިތަށް އަސަރުކުރަނީ ދޯ ކިޔަވައިގެން ގޭގަ އިންނަން ޖެހޭތީ. ޝާރުދާ ނުޖެހޭ ކޮންމެހެން އަހަރެން ކުރާހާ ކަމަކާ ބެހޭކަށް. ކިތަންމެ ލޯބިން ވިސްނައިދޭން އުޅުނަސް މި އަންހެންވެރިންނަކަށް ނުވިސްނޭނެ. ބަލަ އަހަރެންނޭ މި އެމީހުން މޮޔަ ހައްދަނީ. އެމީހުން އެ ތިބެނީ ފައިސާކޮޅު ދިނީމާ ހެވި ދިލިފަ. އަހަރެންނަށް ވޯޓުވެސް ދޭނެ. ޝާރުދާ ބަލަން ހުންނައްޗޭ. މަމީ ތުނޑު ހަސަނޭ." ހަސަނު އެ އައި ރުޅީގައި ގެއިން ނިކުމެގެން ކެމްޕެއިން ޖަގަހައާއި ދިމާލަށް ދިޔައެވެ.

މިހެން އުޅެމުން ގޮސް، ވޯޓުލާން ފަސްވަރަކަށް ދުވަހަށް ވެއްޖެއެވެ. އޭރު ހަސަނުގެ އަތުގައި ރައްކާކޮށްފައިވާ ފައިސާ ހުރީ ވަރަށް ބޮޑަށް މަދުވެފައެވެ. އަދި މާލޭގައި ކިޔަވަން ތިބި ދެ ދަރީން ކޯސް ނިންމާފައި ވަޒީފާއެއް ލިބެންދެން ރަށަށް އައުމަށް ތައްޔާރުވަނީއެވެ. "ބައްޕާ، ޓިކެޓު ގަންނަން ލާރިއެއް ފޮނުވާދީބަ. މިހާރު ހަފުތާއެއް މިވީ މިހެން ކިޔާތާ" ދޮށްޓަށް ހުންނަ ޒޫނާ ގުޅާފައި ބުންޏެވެ. "ދަރިފުޅާ!. ބައްޕައަށް މިވަގުތު ވަރަށް ދަތި ލާރި ފޮނުވަން. އެހެން ގޮތެއްވޭތޯ މި އުޅެނީ. ލާރިކޮޅެއް ލިބުނުހާ އަވަހަކަށް ފޮނުވާނަން އިނގޭ." ހަސަނު އޭނާގެ ދަރީން ގުޅާ ކޮންމެ ފަހަރަކު މިހެން ބުނެފައި ފޯނު ބާއްވައެވެ. މިކަމުގެ ސަބަބުން ކުދީންގެ ހިތުގައި ހުރި ހުރިހާ ޝަކުވާއެއް އެ ކުދީން ދިޔައީ ޝާރުދާއާއި ހިއްސާކުރަމުންނެވެ. ޝާރުދާ ވިސްނަމުން ދިޔައީ ދެ ދަރީން ރަށަށް ގެންނާނެ ގޮތަކާއި މެދުގައެވެ. ހަސަނު ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވާން ފެށީއްސުރެން ޝާރުދާއާއި ކުދީންނާއި މެދު އޮންނަ ގުޅުން އައީ ހީނަރުވަމުންނެވެ. ނަމަވެސް ޝާރުދާ ކެތްތެރިވީ ދަރީންގެ ޙައްޤުގައެވެ. މިހާރު އަދި އަމުދުން ހަސަނު ހުރީ އަތުނުވާ ހިސާބުގައެވެ. ކައުންސިލް ރައީސް ކަމަށް ހޮވިއްޖެ ނަމަ ހަސަނު ލޮލަށްވެސް ނުފެންނާނެތާ އޭ ޝާރުދާ ހިތަށް އެރިއެވެ.

މިވެސް ކިޔާލާ:

ވިސްނަން އިން ޝާރުދާ އެންމެ ފަހުން ނިންމީ ލަދު ކަނޑާލާފައި އާފާޤު ކައިރިއަށް ދިއުމަށެވެ. އާފާޤަކީ، ހަސަނާއި އިނުމުގެ ކުރިން ޝާރުދާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހާއެވެ. ޝާރުދާގެ މައިންބަފައިން ބޭނުންވީ ހަސަނު އަތުގައި ފައިސާ އޮތުމުން އޭނާއާއި ޝާރުދާ ދެވާށެވެ. އެ ހިސާބުން އާފާޤުއާއި ވަކިވާން ޝާރުދާއަށް މަޖުބޫރުވިއެވެ. މެންދުރުގެ ރަތް ދައްކާ އަވީގައި، މަޑު ހިނގުމެއްގައި ހިނގާފައި ގޮސް، މަގުގެ ދެފަރާތް ބަލާލާފައި ޝާރުދާ، އާފާޤުގެ ގެއަށް ވަނެވެ. އެ ގެއަކީ އާފާޤުއާއި އޭނާގެ އަންހެން ކޮއްކޮ އާއި ކޮއްކޮގެ ފިރިމީހާ ދިރިއުޅޭ ގެއެކެވެ. ކަންދިމާކުރި ގޮތުން، އެވަގުތު ގޭގައި އުޅެނީ އާފާޤު އެކަންޏެވެ. އޭނާއަށް ޝާރުދާ ފެނުމާއެކު ހުއްޓުން އެރިއެވެ. އެތައް ޒަމާނެއް ވޭތުވެދިޔަ އިރުވެސް، އޭނާ އާފާޤަކާއި އެކަހެރިކޮށް ބައްދަލުނުވާތާ، އެ ގެއަށް ވެސް ނުވަދެއެވެ. މަގުމަތިން ފެނިއްޖެ ނަމަ ހީލައެވެ. ނޫނީ ދެތިން ބަހެއް ބުނެލައެވެ. ޝާރުދާ، އާފާޤަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. ނަމަވެސް ޝާރުދާ އެންމެ ހައިރާންވީ އާފާޤަށް އެ ހުރިހާ ކަމެއް އެނގިފައި އޮތުމުންނެވެ. "ދެން އަހަރެންނަށް އެނގޭނެތާ. އަހަރެންނާއި އިދިކޮޅުން ވާދަކުރާ މީހާގެ ބޯކޮޅު ބަލާނެތާ. ޚާއްޞަކޮށް ޝާރުދާގެ ޚަބަރު ދަބަރު އަދިވެސް ބަލަން." އާފާޤުގެ ހިތުގައި ޝާރުދާއަށް ލޯތްބަތް ކުޑަވެސް ބަދަލެއް ނާދެއެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ އޭނާ އަދިވެސް މީހަކާއި ކައިވެނި ނުކޮށް ހުރުމެވެ.

އާފާޤު އެއްވެސް ޝަރުޠެއް ނެތި ޝާރުދާގެ ދެ ދަރީން ރަށަށް ގެނައުމަށް އެހީތެރިވެދިނެވެ. އެހާ ސިއްރުވެރި ގޮތަކަށް ދިން އެހީތެރިކަން ވެސް ރަށުތެރެއަށް ފެތުރިގެން ދިޔައީ ދުމެއް ޖަހާފައެވެ. ހަސަނަށް މިކަން ހަޖަމު ކުރަންވީ އުނދަގުލާއެކު ޝާރުދާ ގެއިން ނެރުނެވެ. ހަސަނަށް މުހިއްމުވީ އޭނާގެ ޕާޓީއާއި ބޯމަތިވެފައި އޮތް އިލެކްޝަނެވެ. އަނބިމީހާ ގެއިން ނެރެލީ، އާފާޤުއަށް ކެމްޕެއިން ކޮށްދެނީއޭ ކަމަށް ބުނެއެވެ. ހަސަނު ހުރީ ރަނގަޅަށް ވެސް މޮޔަވެފައެވެ. ޝާރުދާ، ފަޅުވެފައި ހުރި އޭނާގެ މަންމަ ގެއަށް ދިޔައެވެ. ގެ ފަޅަށް ހުއްޓެއް ކަމަކު އެ ގެއަކީ އަބަދުވެސް ޝާރުދާ ސާފުތާހިރުކުރާ ގެއަކަށް ވުމާއެކު، މާބޮޑު ސާފެއް ކުރާކަށް ނުޖެހުނެވެ. އޭނާ އެނދުމަތީގައި ހަމަޖެހިލައިގެން އޮށޯވެލިއެވެ. "އަހަރެންނަށް ކެތްތެރިވެވިއްޖެ. ދެން ނުވާނެ." އޭނާ ހިތާހިތުން ކިޔާލިއެވެ. ހަސަނަށް ސިޔާސީ ވެގެން، މަ ބޮޑޭ ހެދިގެން އުޅުން ނޫން ކަމެއް ކުރާކަށް ނޭނގޭނެކަން ޝާރުދާއަށް ޔަގީންވިއެވެ.

ދުވަސްތައް ހޭދަވަމުން ގޮސް، ހަސަނުގެ ދެ ދަރީން ރަށަށް އައެވެ. އެމީހުން ދިޔައީ އެ ކުދީންގެ މަންމަ ކައިރިއަށެވެ. ހަސަނަށް އޭނާގެ ދަރީން ރަށަށް އައިކަން އެނގުނު ނަމަވެސް، ޖެހިގެން އައި ދުވަހަކީ ވޯޓުލާ ދުވަހަށް ވުމާއެކު އޭނާ އުޅުނީ ހޭބޯނާރާ ކެމްޕެއިން ކުރުމުގައެވެ. ވޯޓުލާން އޮތް ދުވަހު، ޝާރުދާ ވޯޓުލާ މަރުކަޒަށް ދަނިކޮށް ހަސަނު ކުރިމައްޗަށް ޖެހުނެވެ. "އަހަރެން ހޮވުނީމަ، ކަލޭ ވަރިވާން ފޯމު ލާތި. ކަލޭ ހީކުރީ ދޯ މި ރަށު މީހުން ވޯޓުދޭނީ އެ ސޮޑު އާފާޤަށޭ. އެހެންވެ އެންނު އޭނާ ފޫބުޑަށް ވެއްޓުނީ. ބަލަ ތާއީދު އޮތީ މަށަށޭ. މި ހަސަނަށް. އެނގިއްޖެ." ހަސަނު މޭ ފުއްޕާލާފައި، ފަޚުރުވެރިކަމާއެކު މޭމަތީގައި އަތް ތަޅާލިއެވެ. ޝާރުދާ ތުންފިއްތައިގެން ހުރެ ކުރިއަށް ހިނގައިގަތެވެ. ހަސަނާއި ވާހަކަދެއްކުން ބޭކާރު ކަމަކަށް ވާނެތީއެވެ.

ކޮންމެއަކަސް ވޯޓުލާ ނިމިއްޖެއެވެ. އަދި ވޯޓު ގުނަން ފެށުނެވެ. އޭރު ހަސަނު އިނީ ކެމްޕެއިން ޖަގަހަ ތެރޭގައެވެ. އެތަނުގައި އެވަގުތު ހަސަނާއެކު ތިބީ ކެމްޕެއިންގައި އުޅުނު ދެތިން މީހެކެވެ. ވޯޓު ގުނަން ފެށުމާއެކު، ހަސަނުގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. އާބާދީގައި ދެހާސް މީހުން އުޅޭ އެ ރަށުން، ހަސަނަށް ހުރިހާ ފޮށްޓަކުން ޖުމުލަ ލިބުނީ އެންމެ ދުއިސައްތަ ވޯޓެވެ. ރަށު ކައުންސިލަރަކަށް ހޮވުނީ އާފާޤެވެ. ކައުންސިލް ނައިބު ކަމާއި، މެންބަރުންގެ ގޮނޑިތައްވެސް ގެންދިޔައީ ސަރުކާރުގެ އިދިކޮޅު ޕާޓީއިންނެވެ. ހަސަނަށް ލިބުނީ ދުވަހަކު ހަނދާނުން ނުފިލާވަރުގެ ކޮޅު ކެއްސެކެވެ. އަތުގައި ހުރިއްޔާ ހުރި ފައިސާއެއް މުޅި ކެމްޕެއިނަށް ޚަރަދުކުރުމުންވެސް ރަށު ރައްޔިތުން އޭނާއަށް ދޯކާ ދިނީއެވެ. މާލޭގައި ދިރިއުޅޭ އެ ރަށުގެ ރައްޔިތުންނަށް ކުރި ޚަރަދުވެސް ޗޮކުން ދިޔައީއެވެ.

ހަސަނުގެ ފިހާރައިގެ ވިޔަފާރި ދަށްވެގެން ގޮސް އެންމެ ފަހުން ފިހާރަ ވެސް ބަންދުކުރިއެވެ. އޭރު އޭނާ އަތުގައި އެއްވެސް ފައިސާއެއް ނެތެވެ. ކައިގެން ބޮއެގެން އުޅުނީ ކާޑު ގުދަނުން ލިބުނު އެއްޗަކުންނެވެ. ގޭތެރޭގައި އެލުވާލާފައި ހުރި ބޮޑު އުނދޯލީގައި، ކަރުއެލުވާލައިގެން އިން ހަސަނު ހަނދާންކުރަމުން ދިޔައީ ޝާރުދާ މަތިންނެވެ. އޭރު ޝާރުދާ އޮތީ ވަރިވާން ކޯޓަށް ފޯމު ލާފައެވެ. ޝާރުދާ ހުރީ ދެވަނަ ފަހަރަށް ހަސަނާއި ގުޅޭގޮތަކަށް ނޫނެވެ. ހަސަނަށް ލިބުނު ހިތާމައިގައި ބައިވެރިވެ ތިބީ އޭނާގެ މަދު ރައްޓެހިންތަކެކެވެ. ހަސަނު އަތުން ރުފިޔާ ހުސްވުމާއެކު އެންމެން ހަސަނު މަތިން ހަނދާންނެތުނެވެ. އޭގެ ފަހުން ރަށުގައި ކުރާ އެއްވެސް ކަމެއްގައި ހަސަނު ބައިވެރިއެއް ނުވެއެވެ. ޚާއްޞަގޮތެއްގައި ސިޔާސީ ގޮތުން ކުރާ އެއްވެސް ކަމަކަށް ހަސަނު ބުރާވެސް ނުލައެވެ. ތިމާ ވަރުގެ މީހެއް ނެތިގެން، ސިޔާސީވެގެން، ފައިސާ ބަހަމުން ދުވި ހަސަނު މިހާރު އެކަމާއި ހިތާމަކުރެއެވެ. ކަތިވަޅި ގެއްލި މަރިޔަނބުގެއްލި ކޮށި ދަނޑުވެސް ގެއްލުނީއެވެ. 

100%0%0%

ހިޔާލު ދެއްވާ!

Your email address will not be published.