އެމް.ޑަބްލިޔު.އެސް.ސީ: ރައްޔިތުންގެ ޚިދުމަތުގައި 30 އަހަރު
މިއަދަކީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.ޑަބްލިޔު.އެސް.ސީ) ގެ 30 ވަނަ އަހަރީ ދުވަހެވެ. އެމް.ޑަބްލިޔު.އެސް.ސީ ވުޖޫދަށް އައިސްފައިވަނީ، އިތުރުވަމުން ދިޔަ މާލޭގެ އާބާދީއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމުގައިވާ ފެނާއި ނަރުދަމާގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، 1995 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުއެވެ.
އެމް.ޑަބްލިޔު.އެސް.ސީ ގެ 30 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރުގެ ތެރޭގައި ގިނަ ހަރަކާތްތައްކެއް ކުރިޔަށް ގެންދިޔުމަށް ވަނީ ރާވާފައެވެ. މީގެތެރެގައި، ކުޑަކުދިންގެ ހަވީރު، ލޭ ހަދިޔާ ކުރުމުގެ ޕްރޮގޮރާމް، ގަސްއިންދުމުގެ ޕްރޮގްރާމް، އަދި ކަސްޓަމަރުންނަށް އަމާޒުކޮށްށްގެން ހިންގޭ ތަފާތު އެކި އެކި ޕްރޮގްރާމްތައް ހިމެނެވެ.
އެމް.ޑަބްލިޔު.އެސް.ސީ އުފެދިގެން ދިޔުންވީ ދިވެހި މުޖުތަމައުގެ ސިއްހީ ރައްކާތެރި ކަމަށާއި ގައުމުގެ ތަރައްޤީއަށް އެޅިގެންދިޔަ އެންމެ މުހިންމު އެއް ފިޔަވަޅަށެވެ. ކުންފުނި އުފެދިގެން އައީ، 60 މުވައްޒަފުންނާއި އެކު، އޭރު 60 ހާސް މީހުންގެ އާބާދީއެއް އޮތް މާލެ އަށް، ހަމައެކަނި ޚިދުމަތް ދިނުމަށް ޚާއްސަކުރެވިގެން ކަމުގައި ވީނަމަވެސް، މިއަދު އެމް.ޑަބްލިއު.އެސް.ސީ އިން އަންނަނީ މާލޭގެ އިތުރުން، ވިލިމާލެ، ހުޅުމާލެ، ގުޅިފަޅު، ތިލަފުށި ކ.މާފުށި، ރ.ދުވާފަރު އަދި ހދ. ކުޅުދުއްފުށި ހިމެނޭގޮތުން 2 ލައްކަ މީހުންގެ އާބާދީ އަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ. މިއީ ގާތްގަޑަކަށް ދިވެހިރާއްޖޭގެ އާބާދީގެ 50% އެވެ.
އަދި ރ.ދުވާފަރުގައި ފެނާ ނަރުދަމާގެ އިތުރުން، ކަރަންޓާއި ކުނި މެނޭޖްކުރުމާއި، މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމުގެ ޚިދުމަތްވެސް ދަނީ ފޯރުކޮށްދެމުންނެވެ.
އެމްޑަބްލިޔުއެސްސީ އުފެދިގެން އައި އިރު ކުންފުނި ހިންގަމުން އައީ ޑެންމާކް ގެ މެނޭޖްމެންޓް ޓީމަކުން ކަމުގައިވީނަމަވެސް، މިއަދު އެމް.ޑަބްލިއު.އެސް.ސީ އަކީ 1,013 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދާ، %100 ދިވެހި މެނޭޖްމެންޓެއް އޮތް، ކާމިޔާބުކަމާއި އެކު ހިންގަމުންދާ ފަޚުރުވެރި ކުންފުންޏެކެވެ. މި ކާމިޔާބީތަކުގެ އަސްލަކީ ކުންފުނީގެ ހީވާގި މުވައްޒަފުން ކަމަށްވީހިނދު، މުވައްޒަފުންގެ ޤާބިލްކަން އިތުރުކުރުމުގެ ގޮތުން ކުންފުނިން އަންނަނީ މުވައްޒަފުންނަށް ޚާއްސަ، ކުރުމުއްދަތުގެ ތަމްރީނު ޕްރޮގްރާމްތަކާ އަދި ދިގުމުއްދަތުގެ ސްކޮލާޝިޕް ޕްރޮގްރާމްތަކުގެ ފުރުސަތުތައް ފަހިކޮށްދީ، މުވައްޒަފުން ބިނާކުރަމުންނެވެ.
1995 ވަނަ އަހަރު ކުންފުނި އުފެދިގެން އައި އިރު ފެން އުފެއްދުމުގެ ޤާބިލްކަން ހުރީ ދުވާލަކު 900 ކޮޑި މީޓަރު އަދި ފެން ރައްކާކުރެވޭ މިންވަރު ހުރީ 10,000 ކޮޑި މީޓަރު ކަމުގައި ވީނަމަވެސް، މިއަދު ދުވާލަކު 47,300 ކޮޑި މީޓަރުގެ ފެން އުފެއްދުމުގެ އަދި 44,858 ކޮޑި މީޓަރުގެ ފެން ރައްކާ ކުރުމުގެ ޤާބިލްކަން ވަނީ ހޯދާފައެވެ.
ވޯޓަރ ސެކިއުރިޓީ ނުވަތަ ފެނުގެ ޚިދުމަތުގެ ކަށަވަރުކަން އިތުރުކުރުމަކީ ކުންފުނީގެ އެންމެ މުހިއްމު އެއް އަމާޒެވެ. މިގޮތުން، ގްރޭޓަރ މާލެ ސަރަހައްދުގެ މި ކުންފުނީގެ ފެން އުފައްދާ މައި މަރުކަޒުގެ އިތުރުން މާލޭގެ އެހެން ދެ ސަރަހައްދެއްގައި ފެން އުފައްދާ ދެ މަރުކަޒެއް ގާއިމް ކޮށް، ފެން އުފެއްދުން ވަނީ ލާމަރުކަޒު ކުރެވިފައެވެ. އަދި މާލެއާއި ހުޅުމާލޭގައި ފެން ރައްކާކުރާ އިތުރު ތާންގީތައް ހެދުމާއި އިތުރު ފެން ޕްލާންޓްތައް ބެހެއްޓުމެގު މަސައްކަތްތައްވެސް ދަނީ ކުރެވެމުންނެވެ.
މިގޮތުން، 2025 ވަނަ އަހަރު ނިމޭއިރު ފެން އުފެއްދުމުގެ ކެޕޭސިޓީ %26 އަދި ފެން ރައްކާކުރެވޭ މިންވަރު %28 އަށް އިތުރުކުރެވިގެން ދާނެއެވެ. މީގެ އިތުރުން، މާލެ އާއި ހުޅުމާލޭގެ ފެނުގެ ވިޔުގަ ގުޅާލުމަށް ސިނަމާލެ ބްރިޖްމެދުވެރިކޮށް އަޅާފައިވާ ފެނުގެ މައި ވިއުގަ ޑިސްއިންފެކްޓް ކުރުމާއި، ޕްރެޝަރ ޓެސްޓް ކުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ.
އަދި މާލެއާއި ހުޅުމާލޭގެ ޓްރާންސްފަރ ޕަމްޕް ސްޓޭޝަން ޤާއިމްކުރުމުގެ މަސައްކަތުގެ ބޮޑުބައެއްވެސް މިހާރުވަނީ ނިމިފައެވެ. މުޅި މަޝްރޫޢު ނިންމާލައި، ހުޅުމާލެ އާއި މާލޭގެ ފެނުގެ ވިޔުގަ ގުޅާލައި ޚިދުމަތަށް ގެނައުމަށް ތާވަލު ކުރެވިފައިވަނީ 2025 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. މި މަޝްރޫޢު ނިމުމުން، ބޭނުންވެއްޖެ ހާލަތެއްގައި، މާލެއިން ހުޅުމާލެއަށް ނުވަތަ ހުޅުމާލެއިން މާލެއަށް، ގަޑިއަކު 800 ޓަނުގެ ފެން ޕަންޕުކުރުމުގެ ގާބިލްކަން ލިބިގެންދާނެއެވެ.
ހަމަމިއާއެކު، ކުންފުންޏަށް 30 އަހަރު ފުރިގެންދާއިރު، ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ތަރައްޤީކޮށް، ކަސްޓަމަރުންނާއި ވީހާވެސް ގާތުން، ލުއިފަސޭހަ ގޮތެއްގައި ޚިދުމަތްތައް ލިބޭނެ އިންތިޒާމްތައް ހަމަޖައްސައި ދިނުމަށް ގިނަ މަސައްކަތްތަކެއްވެސް އަންނަނީ ކުރަމުންނެވެ. މީގެތެރޭގައި، 24 ގަޑިއިރު ގުޅޭ ކަސްޓަމަރ ކެއަރ ސެންޓަރުގެ ޚިދުމަތް ގާއިމްކުރުމާއި، އެމް.ޑަބްލިޔު.އެސް.ސީ ގެ ޚިދުމަތްތަކަށް އެދި އޮންލައިން ކޮށް ހުށައެޅޭނެ އިންތިޒާމް ހަމަޖެއްސުމާއި، ސްމާރޓް މީޓަރ ބޭނުންކުރަން ފެށުމާއި، އޮންލައިން ޕޯޓަލް އަދި މޯބައިލް އެޕްލިކޭޝަން އަޕްގްރޭޑްކޮށް އާ ޚިދުމަތްތަކާއެކު ތަޢާރަފްކުރުން ހިމެނެއެވެ.
މީގެ އިތުރުން ރާއްޖޭގެ އެކި އެކި ރަށްރަށުގައި ފެނާއި ނަރުދަމާ ނިޒާމުތައް ޤާއިމްކުރުމުގައި އެމް.ޑަބްލިޔު.އެސް.ސީ އިން އަންނަނީ ފާހަގަ ކޮށްލެވޭފަދަ ދައުރެއް އަދާކުރަމުންނެވެ. މިގޮތުން، ރާއްޖޭގެ އެކި ހިސާބުތަކުގައި ފެނާއި ނަރުދަމާގެ ޖުލްމަ 107 ޕްރޮޖެކްޓްގެ މަސައްކަތް ކާމިޔާބުކަމާއެކު ކުންފުނިން ވަނީ ނިންމާފައެވެ. އަދި 2025 ވަނަ އަހަރު ފެނުގެ 17 ޕްރޮޖެކްޓަކާއި ނަރުދަމާގެ 15 ޕްރޮޖެކްޓަކާއި އެކު ޖުމްލަ 32 ޕްރޮޖެކްޓެއްގެ މަސައްކަތް ސަރުކާރުން ވަނީ އެމް.ޑަބްލިޔު.އެސް.ސީ އާއި ހަވާލުކޮށްފައެވެ. މީގެތެރެއިން ބައެއް ޕްރޮޖެކްޓްތަކުގެ އަމަލީ މަސައްކަތް ފެށިފައިވާއިރު އަނެއްބައި ޕްރޮޖެކްޓްތަކު އަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް އަންނަނީ ވަމުންނެވެ.
ކުންފުނި އުފެދިގެންއައީ ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޚާއްސަ ޔޫޓިލިޓީ ކުންފުންޏެއްގެ ގޮތުގައި ވީ ނަމަވެސް، 30 އަހަރު ދުވަހުގެ ތަޖުރިބާއާއެކު މިއަދު އެމް.ޑަބްލިޔު.އެސް.ސީ އަކީ އިންޖީނިއަރިންގ، ޓްރޭޑިންގ އަދި މެނުފެކްޗަރިންގް ގެ ދާއިރާއިންވެސް ފާހަގަކޮށްލެވޭ ކުންފުންޏެކެވެ. ފެނާއި ނަރުދަމާ ނިޒާމު ފަރުމާކުރުމާއި، ޤާއިމްކުރުމާއި، އޮޕަރޭޓް ކުރުމާއި، އަދި ފެން ޕްލާންޓް އަމިއްލައަށް ޑިޒައިންކޮށް ފެބްރިކޭޓް ކުރުމުގެ މަސައްކަތްވެސް މިއަދު އެމް.ޑަބްލިޔު.އެސް.ސީ އިން އަންނަނީ ކުރަމުންނެވެ. އަދި އެމް.ޑަބްލިއު.އެސް.ސީ ޝޯރޫމުން އަންނަނީ ފެނާ ނަރުދާމާގެ ނިޒާމާ ގުޅުންހުރި، ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ ތަކެތި ކަސްޓަމަރުންނަށް ފޯރުކޮށްދެމުންނެވެ. އަދި މި ކުންފުނީގެ އައި.އެސް.އޯ 17025: 2005 ސްޓޭންޑަރޑުގެ ލެބޯރެޓަރީ އިން ދަނީ، ރިޒޯޓުތަކާ، ފަންނީ ކޮންސަލްޓަންޓުން ފަދަ ފަރާތްތަކަށް، ވިޔަފާރީގެ އުސޫލުން ފެން ތަހުލީލު ކުރުމުގެ ޚިދުމަތްވެސް ފޯރުކޮށްދެމުންނެވެ.
އުފެއްދުންތެރިކަމުގެ ދާއިރާއިން ވެސް ކުންފުނިން އަންނަނީ ފާހަގަކޮށްލެވޭ ފަދަ ބިނާކުރަނިވި މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، ހުޅުމާލޭގައި ޤާއިމްކޮށްފައިވާ ކާރުޚާނާ އިން ފުޅީގައި ބަންދުކޮށްފައިވާ ފެން އުފެއްދުމާއި، އަދި ކ.ގުޅީފަޅުގައި ގާއިމްކޮށްފައިވާ ޕައިޕް ފެކްޓަރީއިން ފެނާއި ނަރުދަމާ ގެ މަސައްކަތްތަކާއި ފެން ވައިރިންގ އަށް ބޭނުންވާ އެކި ސައިޒްތަކުގެ ހޮޅި އުފެއްދުމާއި، އަދި ކަރަންޓް ވަޔަރިންގ އަށްބޭނުންވާ އެކި ސައިޒްތަކުގެ ކޮންޑިއުޓް ހޮޅި އުފެއްދުން ހިމެނެއެވެ.
އެމް.ޑަބްލިޔު.އެސް.ސީ އަކީ ދިވެހިންގެ ސިއްހީ ރައްކާތެރިކަމަށް ހެޔޮ ބަދަލުތަކެއް ގެނެސްދީ، ދިވެހިންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދިން ފަޚްރުވެރި ކާމިޔާބު ކުންފުންޏެކެވެ. ފެނާއި ނަރުދަމާގެ ޚިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށާއި ކުންފުނީގެ ކުރި އެރުމަށް އެމްޑަބްލިއު.އެސް.ސީގެ ހީވާގި މުވައްޒަފުން ކެނޑިނޭޅި ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތައް ފާހަގަކޮށް، އެންމެހައި މުވައްޒަފުންނަށް އިޚްލާސްތެރިކަމާއި އެކު ޝުކުރު އަދާކުރަމެވެ. އަދި، ކުންފުންޏަށް ކުރައްވާ އިތުބާރާއި، ބަހައްޓަވާ ގާތްކަމަށްޓަކައި، އެންމެހައި ކަސްޓަމަރުންނަށް އެކުންފުނިން ޝުކުރު އަދާކުރެއެވެ.
އެމް.ޑަބްލިޔު.އެސް.ސީގެ އަމާޒަކީ ދެމެހެއްޓެނެވި، އަދި ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ ގޮތެއްގައި ކުންފުނީގެ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists