ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ލީޑާޝިޕަށް ރައީސުލްޖުމްހޫރިއްޔާ އަދި އެ ޕާޓީގެ ރައީސް ޑރ. މުހައްމަދު މުޢިއްޒު އިތުރު 10 ބޭފުޅަކު އައްޔަނު ކުރައްވައިފި އެވެ.
މިއީ ޕާޓީގެ ރައީސަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުން އައްޔަނު ކުރެއްވި ބޭފުޅުންނެވެ. އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
އެގޮތުން ވަޒީރުންގެ މަޖިލީހުން އައްޔަނު ކުރައްވާފައިވަނީ މިނިސްޓަރު މުހައްމަދު އަމީން އާއި މިނިސްޓަރު ގީލާ އަލީ އާއި މިނިސްޓަރު އަބްދުﷲ މުއްތަލިބެވެ. މިނިސްޓަރުންގެ ފެންވަރުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން އައްޔަނު ކުރެއްވީ ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާސިރު އާއި ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒް އާއި މިނިސްޓަރު މުހައްމަދު ތޮލާލެވެ.
ސަފީރުންގެ މަގާމުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ކުރީގެ މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ. އެމަނިކުފާނަކީ ކުރީން ވެސް ޕީއެންސީގެ ނާއިބު ލީޑަރެވެ.
ކުންފުނިތަކުގެ ވެރީންގެ ތެރެއިން ޕީއެންސީގެ ލީޑާޝިޕަށް ރައީސް އައްޔަނުކުރެއްވީ މާލޭ ގްރޫޕް އޮފް ހޮސްޕިޓަލިޓީސްގެ ސީއީއޯ އަބްދުއްރައްޒާގް ހަލީމް އާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު އާއި އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް އެވެ.
މި ބޭފުޅުން ވެސް މިއަދު ވަނީ ހުވާ ކުރައްވާފަ އެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists