އަލްކަތާރީ އަދި އޭނާގެ ތިން ދަރިން: ފޮޓޯ/ އަލް-ޖަޒީރާ---
ދުނިޔެ
19 Jul 2025 | 10:45
ފަލަސްޠީނުގެ މަންމައަކު، ދަރިންނާއި އާއިލާގެ އިންތިޒާރުގައި

ބެލްޖިއަމްގެ ސިޓީއެއް ކަމަށްވާ އާލްސްޓްގައި ދިރިއުޅެމުން އަންނަ ފަލަސްޠީނުގެ މަންމައެއް، ބެލްޖިއަމްގައި އޭނާ ދިރިއުޅެމުން އަންނަ ގޭގެ ކޮންމެ ކަނެއްގައި، ޣައްޒާގައި ތާށިވެފައި ތިބި އޭނާގެ ފިރިމީހާ އާއި ތިން ދަރިންގެ ތަސްވީރުތަކުން ވަނީ ފުރާލާފަ އެވެ.

މިއީ އުމުރުން 30 އަހަރުގެ ރަވާން އަލްކަތާރީގެ ވާހަކަ އެވެ. އޭނާ ބެލްޖިއަމްއަށް ދިރިއުޅުން ބަދަލުކޮށްފައިވަނީ، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުޑަ ދުވަސްކޮލެއް ކުރިންނެވެ. އެހެންނަމަވެސް އޭނާގެ ފިރިމީހާ އުސާމާ އާއި ތިން ދަރިން ކަމަށްވާ ލުޖައިން (14އ)، ލާމާ (12އ)ގެ އިތުރުން އުމަރު (8އ) އަށް ބެލްޖިއަމްގެ ސަރުކާރުން ފެމިލީ ޔޫނިފިކޭޝަން ވިސާ ފާސްކޮށްދީފައިވީ ނަމަވެސް އާއިލާއާއި ގުޅެވޭ ގޮތެއް އަދިވެސް ނުވެ އެވެ. ސަބަބަކީ ހުރިހާ ކަމެއް ހަމަޖައްސަން އަލްކަތާރީ ބެލްޖިއަމް އަށް ދިޔަތާ ގިނަ ދުވަސްތަކެއް ނުވަނީސް އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހަނގުރާމަ އިއުލާންކުރުމުގެ ސަބަބުން ޣައްޒާގެ ބޯޑަރުތައް ބަންދު ކުރަން ޖެހުނީ އެވެ.

އަލްކަތާރީގެ ފިރިމީހާ އުސާމާ އަދި އެދެމަފިރިންގެ ތިން ދަރިން: ފޮޓޯ/ އަލް-ޖަޒީރާ---

"އަހަރެންގެ ފިރިމީހާ އާއި ދަރިންނަށް ފެމިލީ ރީޔުނިފިކޭޝަން ވިސާ (ބެލްޖިއަމް ސަރުކާރުން) ހަމަޖައްސައި ދިނީ މިދިޔަ 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު. އެހެން ނަމަވެސް ހަނގުރާމަ ފެށުމުގެ ސަބަބުން އެމީހުން ޣައްޒާގައި ތާށިވެފައި އެތިބީ. އެ މީހުންގެ ވިސާގެ މުއްދަތު މި އަހަރުގެ އޮކްޓޯބަރު މަހަށް ހަމަވާނެ. މިވަގުތު އަހަރެންގެ އާއިލާގެ ލިޔެކިޔުންތައް ހުރީ މިޞްރުގެ ޤާހިރާގައި ހުންނަ ބެލްޖިއަމް އެމްބަސީގައި. ބެލްޖިއަމް ސަރުކާރުން ބުނަމުންދަނީ އެ މީހުން ޣައްޒާއިން ނެރުމަށް، އެމީހުންގެ ނަން ހުށަހަޅައި އިސްރާއީލުގެ ރުހުން ހޯދުމަށް އިންތިޒާރު ކުރަމުންދާއިރު، އިސްރާއީލުން ބުނަމުން ގެންދަނީ އެއްވެސް ލިޔެކިޔުމެއް ނުލިބޭކަމަށް. އެހެންވީމާ މިކަމުގެ ޒިންމާ ނަގާނީ ވަކި ކާކުކަމެއް އަހަރެންއަކަށް ދެން ނޭނގުނު،"

އަލް-ޖަޒީރާ ނިއުސްއަށް އިންޓަވިއު ދެމުން އަލްކަތާރީ ބުންޏެވެ.

އަލްކަތާރީ ބުނެފައިވާ ގޮތުގައި އޭނާއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަނީ އިސްރާއީލުގައި ހިންގަމުން އަންނަ ޖަމުއިއްޔާއަކުންނެވެ. މި މައްސަލައާއި ގުޅިގެން އެ ޖަމުއިއްޔާއިން ވަނީ އިސްރާއީލު ސިފައިންގެ އެހީ ކޯޑިނޭޝަން އެޖެންސީ ކަމަށްވާ ސީއޯޖީއޭޓީއަށް ގުޅާފަ އެވެ. މިކަމާއި ގުޅިގެން ސީއޯޖީއޭޓީން ނިމިދިޔަ ޖޫން މަހު ބުނެފައިވާ ގޮތުގައި އަލްކަތާރީގެ އާއިލާ ޣައްޒާއިން ނެރުމަށް އެދި އެއްވެސް ކަހަލަ ލިޔެކިޔުމެއް ހުށަހަޅާފައި ނުވާ ކަމަށް އެ ޖަމުއިއްޔާއިން ވަނީ ބުނެފަ އެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި އިސްރާއީލުން ހުއްޓުމެއްނެތި ވައިގެ މަގުން ފަލަސްޠީނުގެ ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި، ޣައްޒާގައި ހުންނަ އަލްކަތާރީގެ ގެއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އެގޮތުން އޭނާގެ އާއިލާ ވަނީ ހަތަރު ފަހަރަށް ވުރެ ގިނަ ފަހަރު ގެދޮރު ގެއްލިފަ އެވެ. އެ އާއިލާ މިހާރު ދިރިއުޅެމުން އަންނަނީ ޣައްޒާގެ ޚާން ޔޫނިސްގެ އަލް މަވާސީގައި ތޮއްޖެހިފައިވާ ކޭމްޕެއް ގައެވެ. އިސްރާއީލުން އަލް މަވާސީ އަކީ ފަލަސްޠީނުގެ ރައްޔިތުންނަށް ރައްކާތެރި ސަރަޙައްދެއްގެ ގޮތުގައި 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކަނޑައަޅާފައިވީ ނަމަވެސް، އޭގެ ފަހުން ވެސް އިސްރާއީލުން ވަނީ އެ ރެފިއުޖީ ކޭމްޕަށް އަމާޒުކޮށް ވައިގެ މަގުންނާއި އެއްގަމުން ތަކުރާރުކޮށް އެ ސަރަހައްދަށް ހަމަލާދީފަ އެވެ.

އަލްކަތާރީ ބުނެފައިވާ ގޮތުގައި އިސްރާއީލުން ކޮންމެ ދުވަހަކު ޓެންޓްތަކަށް ބޮން އެޅުމުގެ ސަބަބުން މީހުން ޝަހީދުވާތަން ފެންނާތީ އެނާގެ ދަރިން ވަނީ ނަފްސާނީ ގޮތުން ބަލިކަށިވެފަ އެވެ. ރަނގަޅު ކާނާ އާއި، ބޭސް ފަރުވާއާއި، ފާޚާނަ ކުރެވޭނެ ގޮތެއްވެސް ނެތް ނިކަމެތި ޓެންޓެއްގައި އޭނާގެ އާއިލާ ގޮތެއް ނެތި އުޅެން ޖެހިފައިވާ ކަމަށް އޭނާ އިތުރަށް ބުންޏެވެ.

އަލްކަތާރީ ބުނެފައިވާ ގޮތުގައި އޭނާގެ އާއިލާއާއި ނުލާ ބެލްޖިއަމްއަށް އާދެވުމުން އޭނާއަށް އޭނާގެ އަމިއްލަ ނަފްސު ކުއްވެރިކުރެވޭ ކަމަށެވެ. އަދި އެއަށްވުރެ ބޮޑަށް އާއިލާއަށް ދިމާވެފައިވާ ހާލަތާއި މެދު ކަންބޮޑުވާކަމަށާއި އެކަމުގެ ސަބަބުން ކައިބޮއެ އުޅުމަށް މިހާރު ދަތިވެފައިވާކަމަށް އޭނާ ބުންޏެވެ.

"ދަރިން ބަނޑުހައިވެގެން ކާން އާދޭސް ކުރަނީ. އެއްފަހަރަކު ބޭރަށް ދިޔައީ ކާނެ އެއްޗެއް ގަންނަން ސުޕަމަރކެޓަށް. ސުޕަމަރކެޓަށް ބަލާލިއިރު ހިތަށްއެރީ ކިހިނެއްތޯ ފިރިމީހާ އާއި ދަރިން ބަނޑުހައި ހޫނުކަމުގައި ތިއްބާ އަހަރެން ކާނީ؟ ވީޑިއޯ ކޯލް މެދުވެރިކޮށް އަހަރެންގެ ދަރިންނާ ވާހަކަ ދައްކާއިރު ފާހަގަކުރެވުނު ކަމަކީ އެކުދިންނަށް ރަނގަޅު ކާނާ ނުލިބުމުގެ ސަބަބުން އެކުދިންބަލިކަށިވެފައިހުރި މިންވަރު. ރަނގަޅުކާނާ ނުލިބުމުގެ ސަބަބުންނާއި ނަފްސާނީ ބަލިމަޑުކަމެއްގެ ތެރޭގައި ދިރިއުޅެން ޖެހުމުގެ ސަބަބުން އަހަރެންގެ ފިރިމީހާވެސް އެހާ ބޮޑަށް މުސްކުޅިވެއްޖެ. އޭނާގެ އިސްތަށިގަނޑާއި ތުނބުޅި މުޅިން ހުދުވެއްޖެ،”

އަލް-ޖަޒީރާ ނިއުސްއަށް އިންޓަވިއު ދެމުން އަލްކަތާރީ ބުންޏެވެ.

ބެލްޖިއަމް ސަރުކާރަށް އަދިވެސް އަލްކަތާރީގެ އާއިލާ ޣައްޒާއިން ނެރެވޭނެ ވަކި ތާރީޙެއް ބުނެދިވެފައި ނުވާކަން ފާހަގަކޮށްލަންޖެހެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ