މާވަށުގައި މީހަކު މަރާލުން: އޮޓޮޕްސީއަށް ފަހު މޫސަގެ ހަށިގަނޑު ގެނެސްފި

މޫސަ

ލ. މާވަށުގައި ކަރަށް ވަޅި ހަރައިގެން މަރާލި އެރަށު ނަލަހިޔާގޭ އުމުރުން 29 އަހަރުގެ މޫސާ އިބްރާހީމްގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް ބޭރަށް ގެންދިއުމަށް ފަހު ރާއްޖެ ގެނެސްފި އެވެ.

މޫސަގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް ބޭރަށް ގެންދިއުމަށް ފަހު މިރޭ މާލެ ގެނެސްފައިވާކަން ފުލުހުން ވަނީ ޔަގީންކޮށްދީފައެވެ. މޫސަގެ ހަށިގަނޑު އޮޓޮޕްސީ ހެދީ ފުލުހުން ކުރިއަށްގެންދާ ތަހުގީގަށެވެ. 

މޫސާ މުހައްމަދު މަރާލާފައިވަނީ އެރަށު ވޮލީކޯޓް ކައިރީގައި ހުއްޓައެވެ. އޭނާ މަރާލުމަށްޓަކައި ވަޅިން ހަމަލާދީފައިވަނީ އެވަގުތު އެރަށަށް ގޮސް އުޅުނު ހދ. ނޮޅިވަރަންފަރު، އަސަރީމަންޒިލް، އުމުރުން 29 އަހަރުގެ މުހައްމަދު އިބްރާހީމެވެ. ފުލުހުން ވަނީ ހަމަލާދިނުމަށް ބޭނުންކުރި ވަޅި ހޯދާފައެވެ. ވަޅި ހޯދާފައިވަނީ މޫދުންނެވެ. 

މަރުގެ މި މައްސަލާގައި ގާތިލްކަމަށް ތުހުމަތުކުރެވޭ މުހައްމަދު އިބްރާހީމް މިހާރު ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. މިހާތަނަށް ލިބުނު މައުލޫމާތަށް ބަލާއިރު ވަޅިހެރުމުގެ ހާދިސާ ހިނގާފައިވަނީ، މަސްތުވާތަކެތީގެ މުއާމަލާތެއްގެ ތެރެއިންނެވެ. އެ ދެ މީހުންނަކީވެސް މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރިކުރާ ބައެއްކަމަށް އެރަށުން ވާހަކަދެއްކި ބައެއް މީހުން ވަނީ ބުނެފައެވެ. ފުލުހުން ބުނެފައިވަނީ ގާތިލްކަމަށް ތުހުމަތުކުރެވޭ މުހައްމަދަކީ ކުށުގެ ރެކޯޑް އޮންނަ މީހެއްކަމަށެވެ.

ކޮމެންޓް