ބަރުލަމާނީ ނުވަނީސް ޚާރިޖީ ސިޔާސަތު މަޖިލީހުގެ ކޮންްޓްރޯލްގެ ދަށަށް؟

08 Jun 2019 | 00:32

1965ވަނަ އަހަރުގެ ޖުލައިމަހުގެ 26ވަނަ ދުވަހު ސިލޯނުގެ ވެރިރަށް ކޮޅުނބުގައި ސޮއިކުރެވުނު، ދިވެހިރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމަކީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު އަމިއްލަ ވަންތަ ގޮތެއްގެ މަތީގައި ބައްޓަންކުރުމުގެ ބިންގަލެވެ. ދިވެހިންގެ އާންމު ވިސްނުމަކީ އަބަދުވެސް ސަރަހައްދީ މައްސަލަތަކުގައި ވަކި ފަރާތެއްގެ ކޮޅެއް ނުނަގައި ސުލްހައިގެ ވާހަކަތަކަށް ގޮވާލުމާއި، ގައުމުތަކުގެ ދާޚިލީ ކަންކަމުގެ މައްޗަށް ބަސްނުބުނެ ތިބުމެވެ.

ގައުމެއްގެ ޚާރިޖީ ސިޔާސަތު އާންމުގޮތެއްގައި ބިނާކޮށް އެކަށައެޅުމުގެ ޒިންމާއަކީ އެގައުމެއްގެ ފޮރިން މިނިސްޓްރީ ނުވަތަ ޚާރިޖިއްޔާގެ ޒިންމާއެކެވެ. މިކަމަށް ގާބިލް، ތަމްރީން ލިބިފައިވާ ޑިޕްލޮމެޓުން އެ ވުޒާރާގައި ހަރަކާތްތެރިވަނީ އެހެންވެގެންނެވެ.

ދިވެހިރާއްޖޭގެ ތިންބާރު ވަކިވެފައިވާ ރިޔާސީ ނިޒާމުގައި މިހާތަނަށްވެސް ކަންހިނގާފައިވާ އުސޫލަކީ މިއެވެ. ޚާރިޖީ ކަންކަމުގެ މައްޗަށް ޝަރުއީ ނިޒާމުން އެއްވެސް މިންވަރަކަށް ބަސްބުނެއެއް ނަހަަދައެވެ. އަދި ރައްޔިތުންގެ މަޖިލީހުން ޚާރިޖީ ނިންމުންތަކާއި ކިރިޔާވެސް ކައިރިވެދާ ފަހަރަކީ ބައިނަލްއަގްވާމީ ގަރާރެއްގައި ނުވަތަ ޖަމްއިއްޔާ އެއްގައި ރާއްޖެއިން ބައިވެރިވާން ފެނޭތޯ ނިންމާ ނިންމުމެވެ. ކުރުގޮތަކަށް ދަންނަވަނީނަމަ ޚާރިޖީ ކަންކަން ބަލަހައްޓަނީ ދިވެހި ޚާރިިޖިއްޔާއިންނެވެ. މަޖިލީހުގެ ތަޅުމުގައި ތިއްބަވާ އިއްޒަތްތެރި މެންބަރުންނެއް ނޫނެވެ.

މިގޮތުގައި ދިވެހިރާއްޖޭގެ ކަންކަން ހިނގަމުން އަންނަތާ އެތައް އަހަރުތަކެއް ވެއްޖެއެވެ. ނަަމަވެސް އެ އުސޫލު މަޑުމަޑުން ބަަދަލުކޮށްލުމަށް ބައެއް ފަރާތްތަކުން ކުރަމުންދާ މަސައްކަތާއި މެދު ވިސްނާލަން އެބަޖެހެއެވެ.

އަވަށްޓެރި ސްރީލަންކާއަކީ ސިޔާސީ ހަމަނުޖެހުން ބޮޑަސް ބަރުލަމާނީ ނިޒާމެއް އޮންނަ ގައުމެކެވެ. އެގައުުމުގައި މީގެ މަހެއްހާ ދުވަސްކުރިން ދިން ނުރައްކާތެރި ނިރުބަވެރި ހަމަލާތަކާއި ގުޅިގެން ވެއްޓުނު ވަޅުގަނޑުން އެގައުމު އަދިވެސް އޮތީ އަރައިނުގަނެވިއެވެ. އެ ހަމަލާ އެންމެ ފުރަތަމަ ކުށްވެރިކުރި ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެވެސް ހިމެނެއެވެ. މިއީ ޚާރިޖީ މިންގަނޑުތަކާއި ހާލަތުގެ ގޮތަށް ބަލާނަމަ ދިވެހިންނަށް ކުރެވޭނެ ހަަމައެކަނި ކަންވެސް މެއެވެ. އެމްބަސީއާއި ފޮރިން މިނިސްޓްރީ މެދުވެރިކޮށް އެތަނުގައި ތިބި ދިވެހިންގެ އުނދަގޫތައް ލުއިފަސޭހަ ކުރަން މަސައްކަތް ކުރުން ފިޔަވައެވެ.

ހަގީގަތުގައި ދަންނަވަނީނަމަ އެ މަސައްކަތްވެސް ލަންކާގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރެއިން ކުުރުމަކީ ދަތިކަމެކެވެ. އެގައުމުގެ ސަރުކާރުގެ އެންމެ މުހިންމު ބޭނުމަކަށްވާނީ އެތަނުގައި ދިރިއުޅޭ އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމެވެ. އެކަމަށްޓަކައި އަޅާ ފިޔަވަަޅުތަކުގައި ދިވެހިންނަށް ޚާއްސަ ލުއިފަސޭހަތަކެއް ހޯދައިދީ ހެދުމަކީ ސަލާމަތީ ނަޒަރަކުން ބަލައިިފިނަަމަ އެންމެ ހެޔޮގޮތް ނޫންކަމުގައި ވެދާނެއެވެ.

އެެހެންކަމުން ދިވެހި ޚާރިޖިއްޔާއިން އަބަދުވެސް ގެންގުޅޭ ސިޔާސަތުގެ ދަށުން ލަންކާގެ ދާޚިލީ ހާލަތުގެ ހަމަނުޖެހުންތަކާއި ގުޅިގެން ސީދާ ބަހެއް ބުނެފައެއް ނުވެއެވެ. ނަމަވެސް އެއޮށްބޮޑު މިނިސްޓްރީ އޮތްތަނުގައި ބާއްވާ ރައްޔިތުންގެ މަޖިލީހާއި ވެރިކަންކުރާ އެމްޑީީޕީން އެކަމުގެ ތެރެއަށް އަތްބާނަން ފަށައިފިއެވެ.

ލަންކާާއަށް ދިން ހަމަލާތަކަށް ފަހު އެ ގައުމުގައި އަމާންކަން ގާއިމުވެފައި އޮތްކަންކަން ދައްކައިދީ އެ ގައުމަށް އެއްބާރުލުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދާއި، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން މިމަހުގެ ފަނަރަ ވަނަ ދުވަހު ލަންކާއަށް ދިއުމަށް ނިންމި ޚަބަރު ގިނަ ފަރާތްތަކަކުން މިހާރު ވަނީ އަހާފައެވެ.

ކެބިނެޓްގެ ވަޒީރުންނާއި، އެމްޑީޕީގެ ޕީޖީ ގްރޫޕާއި ލީޑަރޝިޕްގެ ބޭފުޅުން ސްރީލަންކާއަށް ވަޑައިގަންނަވަނީ ދިވެހިންނާއި އެކު ހަފްލާއެއްވެސް ބޭއްވުމަށެވެ. މިއީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު، ބަރުލަމާނީ ނިޒާމަކަށް ނުދަނީސް މަޖިލީހުގެ ކޮންޓްރޯލްގެ ދަށަށް ގެންދަން ފެށުންކަމަށް ގިނަ ފަރާތްތަކުން ވަނީ ބުނެފައެވެ.

ސަބަބުތަކެއްވެސް ނެތިއެއް ނޫނެވެ. ދުނިޔޭގެ އެހެން ގައުމެއްގެ މަޖިލީހުގެ މެޖޯރިޓީ މެންބަރުން އޮތްގޮތަށް ލަންކާއާއި އެކުގައިވާކަން ދެއްކުމަށް އެގައުމަށް ގޮސްފައެއް ނެތެވެ. ތެދެކެެވެ. ރާއްޖެއާއި ލަންކާއަކީ އެއްބަނޑު އެއްބަފާ ދެގައުމެވެ. ނަމަވެސް ލަންކާއާއި ރާއްޖެެއަށްވުރެ މާ ގާތް ގުޅުން އޮންނަ ގައުމުތަކުންވެސް ލަންކާގެ ދާޚިލީ ހާލަތުގެ ކަންކަމާއި މެދު ހަރަކާތްތައް ހިންގައެއް ނަހަދައެވެ. ލަންކާގައި ގިނަ އަދަދެއްގެ ދިވެހިން ތިބި ހިނދު، ރައީސް ނަޝީދު އެގައުމަށް ވަޑައިގެން ދިވެހިންނާާއި ބައްދަލުކުރައްވައި "ސަރަަހައްދު އަމާންކޮށްދިން" ދެކުނު އޭޝިޔާގެ މަންޑޭލާއަށް ވާން އުޅެނީތޯ ސުވާލުއުފެދެއެވެ. ނުވަތަ މިއީ ރައީސް ސޯލިހުގެ ސަރުކާރުން ލަންކާގައި ތިބި ދިވެހިންނާާއި މެދު "އަޅާނުލާކަމަށް" ބައެއް ފަރާތްތަކުން ބުނާ ބުނުން ހަރުދަނާކޮށް، އެފަރާތްތައް އުނދަގޫތަކުން ސަލާމަތްކޮށްދިން ހީރޯއަށްވުމަށް ރައީސް ނަޝީދު ކުރައްވާ ކަމެކޭވެސް ހިވާ ފަދައެވެ.

ކޮންމެ ގޮތަކަށްވިޔަސް ބަރުލަމާނީ ނިޒާމެއްވެސް ނެތްތަނުގައި މަޖިލީހުން ޚާރިޖީ ސިޔާސަތުތައް ކަނޑައަޅާ ބީދައިން އަމަލުކުރުމަކީ ވިސްނާލަންޖެހޭ ކަމެކެވެ. ބަރުލަމާނީ ނިޒާމުގައިވެސް ހަނގުރާމައިގެ ހާލަތު ފިޔަވައި އެހެނިހެން ގައުމުތަކުގެ ދާޚިލީ ކަންކަމަށް ސީދާ ނުވަންނަ ތަނުގައި، 19 ވަނަ ރައްޔިތުންގެ މަޖިލީހުން އެކަންކުރާ ފަދަ ބީދައަކުން އަަމަލުކުރަނީ ރައީސް ސޯލިހުގެ ބާރުނެތްކަން ދެއްކުމުގެ ނިޔަތުގައި ބާވައެވެ. މިއީ ފަހަރެއްގައި ސަރަހައްދީ ކަންކަމުގެ ތެރެއަށް ދިވެހިރާއްޖޭގެ ނުފޫޒު ވެއްދުމުގެ ފެށުން ކަމުގައި ވެދާނެއެވެ. އެހެނަސް އެ ނުފޫޒުގެ ނަތީޖާ ދިވެހިންނަށް ރަނގަޅުވާނެބާވައެވެ؟

Advertisement

ކޮމެންޓް

Advertisement