ފުރަތަމަ ނޭޝަންސް ލީގް ކާމިޔާބުކޮށް ޕޯޗުގަލް ތާރީހުގެ ތެރެއަށް

10 Jun 2019 | 08:46

ޔުއޭފާ ނޭޝަންސް ލީގް ކާމިޔާބުކޮށް ޕޯޗުގަލް ތާރީހުގެ ތެރެއިން ޖާގަ ހޯދައިފިއެވެ.

ޔޫރަޕުގެ ގައުމުތަކުގެ މެދުގައި ބޭއްވި މި މުބާރާތް ޕޯޗުގަލް ކާމިޔާބުކުރީ ފައިނަލުގައި ނެދަލެންޑްސްގެ މައްޗަށް 1-0 ކުން ކުރި ހޯދައިގެންނެވެ.

މެޗުގައި ނެދަލޭންޑްސްގެ ފަރާތުން ޕޮސެސިވް ގޭމެއް ފެނުނު ނަމަވެސް އެޓީމަށް މާގިނަ ހަމަލާތަކެއް އުފެއްދިފައިނުވާކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް އެއާ ހިލާފަށް ޕޯޗުގަލްވަނީ ގިނަ ހަމަލާތަކެއް އުފައްދާ އެކި ފަހަރުމަތިން އިދިކޮޅު ގޯލަށް ނުރައްކާ ކޮށްފައެވެ.

މެޗުގައި ފެނުނު ހަމައެކަނި ގޯލް ޕޯޗުގަލްއަށް ކާމިޔާބު ކޮށްދިނީ 60 ވަނަ މިނެޓުގައި ވެލެންސިއާއަށް ކުޅެމުން އަންނަ ގޮންކާލޯ ގުއެޑޭސްއެވެ. 

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މެންޗެސްޓާ ސިޓީގެ ތަރި ބެނާޑޯ ސިލްވާއެވެ. 

މެޗަށްފަހު ވާހަކަ ދައްކަމުން ޕޯޗުގަލްގެ ކޯޗް ފެނާންޑޯ ސަންޓޯސް ބުނީ ފާއިތުވެދިޔަ ފަސް އަހަރު އޭނާ ޓީމް އޮތީ ބަލިނުކުރެވޭ ފަދަ އާއިލާއެއްގެ ގޮތުގަ ކަމަށައި އޭނާގެ ޓީމަށް ހާސިލް ކުރެވޭ ކަންތައްތައް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. އެގޮތުން މި މެޗް ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމުގައިވެސް އޭނާ ބުނެފައިވެއެވެ.

އެންމެ ފަހުން ބޭއްވުނު ޔޯރޯ މުބާރާތްވެސް ކާމިޔާބު ކޮށްފައިވަނީ ޕޯޗުގަލްއެވެ.

މި މުބާރާތުގެ ތިންވަނަ މަގާމް ހޯދާފައިވަނީ އިންގްލެންޑެވެ. މުބާރާތުގެ ތިންވަނަ މަގާމް އިންގްލެންޑް ކަށަވަރު ކޮށްފައިވަނީ ސްވިޓްޒަލެންޑައި ދެކޮޅަށް ކުޅެ ޕެނަލްޓީ ޖަހައިގެން 6-5 ކުން ކުރި ހޯދައިގެންނެވެ.   

Advertisement

ކޮމެންޓް

Advertisement