ރާއްޖެ އަލުން ކޮމަންވެލްތަށް ވަނުމަށް އަވަށްޓެރި ގައުމުތަކުންވެސް ބޭނުން!
ދިވެހިރާއްޖެ ވީހާވެސް އަވަހަށް އަނބުރާ ކޮމަންވެލްތަށް ވެއްދުމަށް އަވަށްޓެރި ޤައުމުތަކުން ބާރުއަޅައިފިއެވެ.
އެޤައުމުތަކުން މިކަމަށް ގޮވާލީ މިހާރު އިނގިރޭސިވިލާތުގެ ލަންޑަންގައި ކުރިއަށްދާ ކޮމަންވެލްތު ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ 19 ވަނަ ބައްދަލުވުމުގައެވެ.
އެގޮތުން ރާއްޖެ ކޮމަންވެލްތާއި ގުޅުން އަވަސްކޮށްދިނުމަށް އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ އެސް. ޖައިޝަންކަރު ވަނީ ގޮވާލައްވާފައެވެ.
އިންޑިޔާގެ އިތުރުން އަވަށްޓެރި ސްރީލަންކާއިންވެސް ވަނީ ދިވެހިރާއްޖެ ކޮމަންވެލްތަށް ވެއްދުން އަވަސްކުރުމަށް ގޮވާލާފައެވެ. އެގޮތުން ދިވެހިރާއްޖެއިން ކޮމަންވެލްތުން ވަކިވެފައިވާ ގޮތުގެ ސަބަބުން، ގެމްބިއާ އަލުން ކޮމަންވެލްތާއި ގުޅުމަށް ގެންގުޅުން "ފާސްޓް ޓްރެކް"ގެ ފުރުސަތު ރާއްޖެއަށްވެސް ދޭން ޖެހޭކަމަށް ސްރީލަންކާއިން ބުންޏެވެ.
އެގައުމުން ވަނީ އަންނަ އަހަރު ކިގާލީގައި ބާއްވާ ކޮމަންވެލްތު ހެޑްސް އޮފް ގަވަރމަންޓް މީޓިންގައި ރާއްޖެއަށް ބައިވެރިވެވޭނެ ވަގުތު އޮއްވައި ރާއްޖެއަށް މެމްބަރޝިޕް ދިނުމަށް އެދިފައެެވެ.
މީގެ އިތުރުން ބަންގްލަދޭޝް، ކެނެޑާ، ރުވާންޑާ އަދި ޕާކިސްތާނުންވެސް ރާއްޖެއަށް މެމްބަރޝިޕް ދިނުން އަވަސްކުރުމަށް ކޮމަންވެލްތު ސެކްރެޓޭރިއޭޓަށް ގޮވާލިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ދާދިފަހުން އޮސްޓްރޭލިއާ އެމްބެސެޑަރވަނީ މާލޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައިވެސް ރާއްޖެއަށް ކޮމަންވެލްތުގެ މެމްބަރުކަން އަވަހަށް ލިބުމަށް އޮސްޓްރޭލިއާއިން ބޭނުންވާކަމަށް ވިދާޅުވެފައެވެ.
ދިވެހިރާއްޖޭގެ ކޮމަންވެލްތަށް ވަނުމުގެ މަސައްކަތް އަވަސްކުރުމަށް ރާއްޖޭގެ ޚާރިޖިއްޔާއިންވެސް ދަނީ ގިނަގުނަ މަސައްކަތްތަކެއްކުރަމުންނެވެ. އެގޮތުން ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުވަނީ ދެފަހަރެއްގެ މަތިން ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްއާއި ބައްދަލުކުރައްވާފައެވެ.
ކޮމަންވެލްތުން އެދުނު ލިޔުންތައް އެންމެ ފަހުން މިނިސްޓަރ ޝާހިދު ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑާއި ބައްދަލުކުރެއްވި އިރު ވަނީ އަރުވާފައެވެ.
މީގެ އިތުރުން ކޮމަންވެލްތުގެ އެސެސްމަންޓް ޓީމެއް ވަނީ ރާއްޖެއަށް އައިސް އެސެސްމަންޓެއްވެސް ހަދާފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ކުރީކޮޅު ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިވެފައިވަނީ ނުރަނގަޅު ނުފޫޒު ފޯރުވާ ޖަމްއިއްޔާއެއް ކަމަށާއި އަދި އެ ޖަމްއިއްޔާގައި އޮތުމުން ދިވެހިންނަށް މާބޮޑު ފައިދާތަކެއް ނުވާކަމަށް ބުނެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists