ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގައި ކޮންގްރެސް ޕާޓީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް މާދަމާ ބާއްވާ ޕްރައިމަރީގައި ވޯޓު ފޮށިތައް ބަހައްޓާ ތަންތަން އިއުލާން ކޮށްފިއެވެ.
ކޮންގްރެސް ޕާޓީން ކުރި އިއުލާނުގައި ބުނީ، ނިމުނު ލޯކަލް ކައުންސިލް އިންތިޚާބުގައި ހިތަދޫ ދާއިރާއަށް ރަޖިސްޓްރީވެފައިވާ މެންބަރުންނަށް ވޯޓްލެވޭނީ ހިތަދޫ ސުކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށް ކަމަށެވެ.
އަދި މާލެއާ އެހެނިހެން ރަށްރަށުގައި ވޯޓްލުމަށް ރަޖިސްޓްރީ ވެފައިވާ އެ ދާއިރާގެ މެންބަރުން ވޯޓްލުމަށް ހަމަޖެހިފައިވަނީ މާލޭ ކަލާފާނު ސުކޫލުގައި ބަހައްޓާ ވޯޓު ފޮއްޓަށެވެ.
މި ޕްރައިމަރީގައި 727 މީހަކު ވޯޓުލާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.
މި ބައި އިލެކްޝަންގެ ވޯޓްލުން އޮންނާނީ މާދަމާ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރުމަށް، ދެ ކެންޑިޑޭޓަކު ވާދަކުރެއެވެ.
އެއީ އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާން އަދި ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަހްމަދު ސައީދުއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists