ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަކިކުރަން ހުށައެޅި މައްސަލައާ ގުޅިގެން އެއް ގަޑިއިރު ހޭދަކުރުމަށް ނިންމައިފި އެވެ.
ނާޒިމް ވަކިކުރުމުގެ މައްސަލާގައި 72 މެންބަރުން ވަނީ ސޮއިކޮށްފަ އެވެ. މިއީ އޭނާ މަގާމުން ވަކިކުރަން ބޭނުންވާ އަދަދަށް ވުރެވެސް މާ ގިނަ އަދަދެކެވެ.
މިއަދު އޮތް އާންމު ކޮމެޓީގެ ބައްދަލްވުމުގައި ވަނީ އެ މައްސަލަ ކުރިއަށް ގެންދާނެ ގޮތް ކަނޑައަޅާފަ އެވެ. މުޅި މައްސަލައަށް އެއްގަޑިއިރު ހޭދަކުރަން ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން މެންބަރުންގެ ބަހުސަށް 50 މިނެޓް ދިނުމަށް ވަނީ ނިންމާފަ އެވެ. އަދި ނާޒިމަށް 10 މިނެޓްގެ ވަގުތުކޮޅެއް ދިނުމަށް ވަނީ ނިންމާފަ އެވެ.
އެއީ ތުހުމަތުތަކަށް ޖަވާބުދާރީވުމަށެވެ.
ނާޒިމައި ގުޅޭ ގަރާރުގައި ބުނެފައިވަނީ އަހްމަދު ނާޒިމްގެ އިތުބާރު ނެތް ކަމަށް ހުށައަޅަނީ މަގާމުގެ ނުފޫޒުން ނާޖާއިޒު ފައިދާނަގައި ފިތުނަ އުފައްދާ ވަކި ފަރާތަކަށް ބުރަވެ މަސްލަހަތު ގެއްލޭގޮތަށް ތަކުރާރު ކުރަމުންދާތީއާ ރައްޔިތުންގެ މަޖިލީހުގެ އެންމެހައި މަސައްކަތްތަކުގައި ވަކި ސިޔާސީ ފިކުރަކަށް ބުރަވެ ތައައްސުބުވެފައި ވުމުގެ އިތުރުން މަޖިލީހުގެ މަސްލަހަތު ގެއްލުވާލުމަށް މަޖިލީހުގެ ނާއިބު ރައީސް ހިޔްވަރުދީ ޒިންމާއިން ބަރީއަވެފައިވާތީ ކަމަށެވެ.
އިތުބާރު ނެތް ކަމުގެ މައްސަލަ ހުށައަޅާފައިވާ މި ދަނޑިވަޅުގައި ނާޒިމް މެލޭޝިޔާއަށް ފުރާވަޑައިގެންފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ނާޒިމްގެ އާއިލާ ދިރިއުޅެނީ މެލޭޝިޔާގަ އެވެ. މީގެ ކުރީން ވެސް ނާޒިމް ވަރަށް ގިނައިން އެ ގައުމަށް ވަޑައިގަންނަވަ އެވެ.
ގާނޫނުއަސާސީގައި ވާގޮތުން މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރަން ގަރާރެއް ހުށަހަޅާއިރު، 14 ދުވަހުގެ ނޯޓިސްއެއް ދޭން ޖެހެއެވެ. އަދި، ދިފާއުގައި ވާހަކަދެއްކުމުގެ ފުރުސަތު ވެސް ނައިބު ރައީސަށް ދޭންޖެހޭނެއެވެ. ނަމަވެސް، އެ ވޯޓުގައި ބައިވެރިއެއް ނުވެވޭނެއެވެ.
ނާޒިމް މަގާމުން ވަކިކުރުމުގެ މަސައްކަތް ޕީއެންސީން ފަށާފައިވާއިރު، މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި 241 ކޮމިޓީ ނުވަތަ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީންވެސް މިދިޔަ މަހު 21 ވަނަ ދުވަހު އޭނާ ވަނީ ވަކިކޮށްފައެވެ.
އަދި ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުންވެސް އޭނާ ވަނީ ނެރެލާފައެވެ.
އެ ގުރޫޕަކީ ރައީސް ޑރ މުޙައްމަދު މުޢިއްޒު ހިމެނިވަޑައިގަންނަވާހެން ޕީއެންސީގެ މަޖިލީސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެވެ.
މީގެ އިތުރުން، މަޖިލީހުގެ މި ދައުރު މާދަން ނިމޭއިރު، މިއަދުގެ ޖަލްސާގައި ވަނީ މިމަހު 31 އަށް ދައުރު ދަންމާލާފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists