Advertisement

ސިންގަޕޫރުގައި ހުރި 1އެމްޑީބީގެ ފައިސާތައް އަނބުރާ މެލޭޝިޔާއަށް!

20 Jul 2019 | 18:45

މެލޭޝިޔާގެ ތާރީޚުގައި މިހާތަނަށް ހިނގި އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލަ ކަމުގައިވާ 1އެމްޑީބީގެ މައްސަލައާއި ގުޅުންހުރި ފައިސާތަކެއް، ސިންގަޕޫރުން މެލޭޝިޔާއަށް އަނބުރާ ރައްދުކުރަން ފަށައިފިއެވެ.

މެލޭޝިޔާގެ ދައުލަތުގެ މުއްސަނދިކަން އިތުރުކުރުމުގެ މަގުސަދުގައި ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު އުފެއްދެވި މި ސޮވެރިން ވެލްތް ފަންޑަކީ މަނީ ލޯންޑްރިންގް ކުރުމަށް ބޭނުންކުރި ފަންޑެއްކަން ބައިނަލްއަގްވާމީ ތަހުގީގުތަކުން ވަނީ ސާބިތުވެފައެވެ. އެ ފަންޑުގެ ފައިސާތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދައުުރުވަމުން ދިޔައިރު، އޭގެ ތެރެއިން ބައެއް ފައިސާ ސިންގަޕޫރުގައި ހުރިކަން އެގައުމުގެ ފުލުހުން ވަނީ ދާދިފަހުން ހާމަކޮށްފައެވެ.

ސިންގަޕޫރުގެ ފުލުހުން ބުނީ އެތަނުގެ ކޮމާޝަލް އެފެއާޒް ޑިޕާރޓްމެންޓްގެ ފަރާތުން އެ މައްސަލައާއި ގުޅުންހުރި 37މިލިޔަން ޑޮލަރު ސިންގަޕޫރުގެ މާލީ ނިޒާމުގެ ތެރެއިން ހޯދާފައިވާ ކަމަށެވެ. އަދި މި ފައިސާތައް މެލޭޝިޔާއަށް އަނބުރާ ރައްދުކުރުމަށް ކޯޓުތަކުން ހުއްދަވެސް ހޯދާފައިވާކަމަށް ވަނީ ބުނެފައެވެ.

މި ފައިސާތައް ހޯދީ ސީދާ ކިހިނެތްކަމެއް ސިންގަޕޫރުގެ ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ސިންގަޕޫރުގެ ތެރެއިން ހޯދި 37މިލިޔަން ޑޮލަރުގެ ތެރެއިން ވަކި އަދަދެއް މިހާރުވެސް އަނބުރާ ވަނީ މެލޭޝިޔާއަށް ރައްދުކުރެވިފައެވެ.

1އެމްޑީބީ މައްސަލައިގައި ކަޅުފައިސާ ދޮވުމުގައި ސިންގަޕޫރުގެ މާލީ ނިޒާމް ބޭނުންކުރި ކަމަށް އެގައުމުގެ ތަހުގީގަށް ވަނީ ސާބިތުވެފައެވެ. އެކަމާއި ގުޅިގެން ސިންގަޕޫރުން ވަނީ އެގައުމުގައި ހުންނަ ދެ ސްވިސް ބޭންކެއްގެ ބްރާންޗްވެސް ބަންދުކޮށްފައެވެ. މިކަމާއި ގުޅިގެން ހަތަރު ފަރާތެއް ވަނީ ހައްޔަރުވެސް ކުރެވިފައެވެ.

Advertisement

ކޮމެންޓް

Advertisement