ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑިން މަސައްކަތްތަކެއް މާދަމައިން ފެށިގެން ކުރުމަށް ނިންމާފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
މިކަމާ ގުޅޭގޮތުން ސްޓެލްކޯއިން ބުނީ، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ވިއުގަ ބެލެހެއްޓުން ރަސްމީކޮށް އެކުންފުންޏާ ހަވާލުކޮށްފައިވާކަމަށެވެ. އެގޮތުން ދެވަނަ ފިޔަވަހި ސަރަހައްދުގެ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު މަތިކުރުމާއި ރައްޔިތުންނަށް އިތުބާރުހުރި ދެމެހެއްޓެނިވި ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށް ސްޓެލްކޯއިން ބުންޏެވެ.
މި މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވަނީ، މާދަމައިން ފެށިގެން މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. މަސައްކަތްތައް ކުރިއަށްދާ ވަގުތުތަކުގައި، ހުޅުމާލެ ދެވަނަ ފިޔަވަހީގެ އެކި ސަރަޙައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއްކަމަށް ސްޓެލްކޯއިން ބުންޏެވެ.
މިފަދަ މަސައްކަތްތަކަކީ ދިގު މުއްދަތަކަށް ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކުރެވޭ ކަމެއްކަން ފާަހގަކުރަމުން ސްޓެލްކޯއިން ވަނީ، މިކަމުގައި ކަސްޓަމަރުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.
ހުޅުމާލެ ފޭސް ދޭއްގެ ކަރަންޓް ވިއުގައިގެ ފެންވަރު މަތިކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށާފައިވާއިރު، ކަރަންޓް ކޭބަލަށް ގެއްލުންވެ ދޭތެރެއަކުން ކަރަންޓް ކެނޑުމަކީ ދިމާވަމުން އަންނަ މައްސަލައެކެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists