ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ގޮތުގައި އެމެރިކާއިން ކަނޑައަޅާފައި އޮތް ލިސްޓުގައި 1979 ވަނަ އަހަރުން ފެށިގެން ސީރިއާ ހިމެނިފައި އޮތުމަށް ފަހު އެ ޤައުމު އެ ލިސްޓުން އުނިކޮށް ޕްރައިވެޓް ސެކްޓާ އިންވެސްޓްމެންޓަށް ހުރި "ބޮޑެތި ހުރަސްތައް" ނައްތާލައިފިއެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ބުނީ ބައިނަލްއަޤުވާމީ ޓެރަރިޒަމާ ސީރިއާ ސަރުކާރުން ފާޅުގައި ދުރުހެލިވުމަށް އެޅި ހެޔޮ ފިޔަވަޅުތައް ބަލައިގަނެ މި ނިންމުން ނިންމީ ކަމަށެވެ. ރޫބިއޯ ފާހަގަކުރި ގޮތުގައި ޖުލައިގައި ފުރަތަމަ ބުރުގައި މި ބަދަލު ގެންނާނެ ކަމުގެ އިޝާރާތެއް ދީފައިވާ ކަމަށާއި ހޯމަ ދުވަހު ތަންފީޒުކުރި މި ފިޔަވަޅުގެ ސަބަބުން ސީރިއާގެ ރައްޔިތުންނަށް "ކުރިއެރުމުގެ މަގެއް" ފެނިގެންދާނެ ކަމަށެވެ.
ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވަނީ ސީރިއާގެ އައު ރައީސް އަޙްމަދު އަލް ޝަރައާ އާ ގާތް ގުޅުމެއް ބާއްވައިފައެވެ. ކުރިން އަލް ޤާޢިދާގެ ގޮފިކަމުގައިވީ ޖަމާޢަތެއް ކަމަށްވާ ހައިއަތު ތަޙްރީރު އައް ޝާމް (އެޗްޓީއެސް) ގެ ލީޑަރެއްގެ ގޮތުގައި ޝަރައާ ހަރަކާތްތެރިވި ދުވަސްވަރު އެމެރިކާއިން ވަނީ އޭނާ ހޯދުމަށް ފައިސާގެ އިނާމެއް ވެސް ހުށަހެޅި މީހެކެވެ. ނަމަވެސް 2016 ވަނަ އަހަރު ޝަރައާ ވަނީ އަލް ޤާޢިދާ ނެޓްވާކާ ގުޅުން ކަނޑާލައިފައެވެ. 2024 ވަނަ އަހަރު ފަހުކޮޅު އެޗްޓީއެސް އިސްވެ ހިންގި ޢަސްކަރީ ޙަރަކާތުން ކުރީގެ ރައީސް ބައްޝާރު އަލް އަސަދުގެ ވެރިކަން ވައްޓާލީއެވެ. އެ ޖަމާޢަތް ވެސް އެމެރިކާގެ ބައިނަލްއަޤުވާމީ ޓެރަރިސްޓް ޖަމާޢަތްތަކުގެ ލިސްޓުން މި ފަހަރު ވަނީ އުނިކޮށްފައެވެ.
އެމެރިކާގެ ޓްރެޒަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ބުނީ "މިއަދުގެ ފިޔަވަޅުގެ ސަބަބުން ސީރިއާގައި ސިޔާސީ އަދި އިޤުތިޞާދީ ހަމަޖެހުން ގެނައުމަށް އިތުރު އިންވެސްޓްމެންޓް ހޯދުމަށް ބާރު ލިބިގެންދާނެ" ކަމަށެވެ.
ސީރިއާގެ ޚާރިޖީ ވަޒީރު އަސައަދު ޙަސަން އައް ޝައިބާނީ ސީރިއާގެ ދައުލަތުގެ ނޫސް އެޖެންސީ ސާނާ މެދުވެރިކޮށް މި ނިންމުން "ތާރީޚީ ފިޔަވަޅެއް" ގެ ގޮތުގައި ސިފަކުރައްވާފައިވެއެވެ.
ސީރިއާ ލިސްޓުން ނެގުމާ އެކު ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ގޮތުގައި އެމެރިކާ ކަނޑައަޅާފައި ދެން ތިބީ ހަމައެކަނި ކިއުބާ އުތުރު ކޮރެއާ އަދި އީރާނެވެ. މި ލިސްޓުގައި ހިމެނޭ ޤައުމުތަކާ ދެކޮޅަށް މާލީ ދަތިކުރުމުގެ ފިޔަވަޅުތަކާއި އެމެރިކާގެ ޚާރިޖީ އެހީ ހުއްޓުވުމާއި ދިފާޢީ ސާމާނު ވިއްކުން މަނާކުރުމުގެ ފިޔަވަޅުތައް ހިމެނެއެވެ. ރަޝިއާ ނުވަތަ ޗައިނާގެ ނުފޫޒުގެ ދާއިރާގެ ބަދަލުގައި ސީރިއާ އެމެރިކާގެ ފަރާތަށް ގެނައުމަކީ ވޮޝިންޓަނުގެ އެއް ލަނޑުދަނޑިއެކެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists