އިންޑިއާއާ ބޯޑަރުން ގުޅިފައިވާ އަވައްޓެރި ގައުމުތަކުގެ ކުންފުނިތަކަށް އިންވެސްޓްކުރުން ފަސޭހަކޮށްދިނުމަށް ގެނައި އާ ސިޔާސަތުގެ ދަށުން، ފޮރިން އިންވެސްޓްމަންޓްތައް އިތުރުވަމުން އަންނަކަމަށް އެޤައުމުން ބުނެފިއެވެ.
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
މި އާ ސިޔާސަތުގެ ދަށުން ޖުމްލަ 29 އިންވެސްޓްމަންޓް ހުށަހެޅުމެއް ލިބިފައިވާ އިރު، މީގެ ތެރޭގައި ހިމެނެނީ އިންފޮމޭޝަން ޓެކްނޮލޮޖީ، އާޓިފިޝަލް އިންޓެލިޖެންސް، މެނުފެކްޗަރިން، ފާމަސޫޓިކަލްސް، ޑޭޓާ ސެންޓަރު އަދި ދަތުރުފަތުރުގެ ދާއިރާތަކުގެ ޕްރޮޕޯޒަލްތަކެއްކަމަށް އިންޑިއާއިން ބުނެއެވެ.
މޭ މަހު އަމަލުކުރަން ފެށި މި އުސޫލުގެ ދަށުން، އިންޑިއާއާ އިންވެގެން އޮތް ގައުމުތަކުގެ އިންވެސްޓަރުންނަށް ކުންފުންޏެއްގެ ކޮންޓްރޯލް ނުލިބޭ ގޮތަށް %10 އާ ހަމައަށް ހިއްސާ ހޯދުމަށް ސަރުކާރުގެ ހާއްސަ ހުއްދައެއް ނެތި "އޮޓޮމެޓިކް ރޫޓް" މެދުވެރިކޮށް އިންވެސްޓް ކުރެވޭނެއެވެ. މީގެ ކުރިން އޮންނަ ގޮތުން ކިތަންމެ ކުޑަކޮށްނަމަވެސް އަވައްޓެރި ގައުމުތަކާ ގުޅުންހުރި ކޮންމެ އިންވެސްޓްމަންޓަކަށް ސަރުކާރުގެ ޚާއްސަ ހުއްދަ ހޯދަން މަޖުބޫރުވެއެވެ. އެހެންނަމަވެސް އާ އުސޫލުގެ ދަށުން އަވަށްޓެރި ގައުމުތަކުގައި ރަޖިސްޓްރީވެފައިވާ އެހެން ގައުމުތަކުގެ ކުންފުނިތަކަށްވެސް ޚާއްސަ އިނާޔަތްތަކެއް ލިބިދެއެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް ކޮމާސް އެންޑް އިންޑަސްޓްރީން މަޢުލޫމާތު ދޭ ގޮތުގައި، މި އިންވެސްޓްމަންޓްތައް ހުށަހަޅާފައިވާ ގައުމުތަކުގެ ތެރޭގައި މޮރިޝަސް، އެމެރިކާ، ދެކުނު ކޮރެއާ، ޖަޕާން، ސިންގަޕޫރު، ލަގްޒެމްބާގް އަދި ކޭމަން އައިލެންޑްސް ހިމެނެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists