އިސްތިއުމާރީ އިސްރާއީލުން ފަލަސްޠީނުގެ ބިންތައް ހިޞާރުކުރަމުންދާ މައްސަލަ ކުށްވެރިކުރައްވައި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ މެންބަރު ޤައުމުތަކުން ފަލަސްޠީނުގެ ޙައްޤުތައް ކަށަވަރުކުރުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ގޮވާލައްވައިފިއެވެ.
ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި ޚާރިޖީ ވަޒީރުންގެ ފެންވަރުގައި މިއަދު ބޭއްވި އޯއައިސީގެ އެކްސްޓްރާއޯޑިނަރީ ބައްދަލުވުމުގައި ވަޒީރު އިރުތިޝާމް ވަނީ ތަޤުރީރުކުރައްވައިފައެވެ.
ވަޒީރުގެ ތަޤުރީރުގައި ފަލަސްޠީނުގެ ބިންތަކަކީ އިސްރާއީލުންގެ މިލްކެއް ކަމަށް ނިންމައި އެ ބިންތައް ހިޞާރުކުރަމުންދާ ޢަމަލުތައް ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރިކުރެއްވިއެވެ. ހަމައެއާ އެކު އިސްރާއީލުގެ ޣައިރު ޤާނޫނީ ޢަމަލުތައް ހުއްޓުވައި ބައިނަލްއަޤުވާމީ ޤާނޫނުތައް ތަންފީޒުކުރުމަށް އެކަށީގެންވާ ފިޔަވަޅު ނޭޅި އޮތް އޮތުމާ މެދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އޯއައިސީގެ މެންބަރު ޤައުމުތަކުން އިސްލާމީ އުއްމަތުގެ އުސޫލުތަކާއި ހަމަތައް ދެމެހެއްޓުމުގެ ޒިންމާ އޮތްކަން ފާހަގަކުރައްވައި ފަލަސްޠީނުގެ މައްސަލައަށް ޙައްލު ހޯދުމުގެ މަސައްކަތް ފުޅާކުރުމުގެ މުހިންމުކަމުގެ މައްޗަށް ވަޒީރު އަލިއަޅުއްވައިލެއްވިއެވެ.
ވަޒީރު އިރުތިޝާމް ވިދާޅުވީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް އިރުމަތީ ޤުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައަޅައި މިނިވަން އަދި ސިޔާދަތީ ބާރު ހިނގާ ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމަށް ރާއްޖެއިން އަބަދުވެސް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.
އޭގެ އިތުރުން ދެމެހެއްޓެނިވި ސުލްޙައެއް ޙާޞިލުކުރުމުގެ ގޮތުން "ކޮމްޕްރިހެންސިވް ޕްލޭން ޓު އެންޑް ދަ ޤާޒާ ކޮންފްލިކްޓް" ތަންފީޒުކުރުމަށް ވެސް ގޮވާލެއްވިއެވެ.
ބައްދަލުވުމުގެ ހަވާސާގައި ވަޒީރު އިރުތިޝާމް ވަނީ އޯއައިސީގެ ބައެއް މެންބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާ ބައްދަލުކުރައްވައި ރާއްޖެއާ އޯއައިސީއާ ދެމެދު އޮތް ގާތް ގުޅުމާ ބެހޭ ގޮތުން މަޝްވަރާކުރައްވައިފައެވެ.
އޯއައިސީ އަކީ 57 ޤައުމެއް ހިމެނޭ ގޮތަށް އެކުލެވިފައި އޮތް ފަލަސްޠީނުގެ ޙައްޤުގައި ވަކާލާތުކުރަމުން އަންނަ ޖަމިއްޔާއެކެވެ. ރާއްޖެއިން 1976 ވަނަ އަހަރު އެ ޖަމިއްޔާގެ މެންބަރަކަށް ވީ ފަހުން އެ ޖަމިއްޔާގައި އިސް ދައުރެއް އަދާކުރަމުން ގެންދެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists