ޔޫކްރެއިނުގެ ޑްރޯން ހަމަލާތަކުގައި ރަޝިޔާގެ ރިފައިނަރީތައް ހުއްޓުމަކަށް އައިސް އެ ޤައުމުގެ ޕެޓްރޯލް އުފެއްދުން ބޮޑުތަނުން ދަށްވުމާ ގުޅިގެން ވޭތުވެދިޔަ ދެ މަހު އިންޑިއާއިން ގާތްގަނޑަކަށް އެއް މިލިއަން ފީފާ ޕެޓްރޯލް ރަޝިޔާއަށް ބޭރުކޮށްފިއެވެ.
އެނަރޖީ އެނެލިޓިކްސް ކުންފުނި ވޯޓެކްސާއިން ހާމަކޮށްފައިވާ ގޮތުގައި އޮގަސްޓް މަހު ރަޝިޔާ ކަނޑު މަގުން އެތެރެކުރި ޕެޓްރޯލްގެ މިންވަރު ދުވާލަކު ގާތްގަނޑަކަށް 125,000 ފީފާއަށް އެރީ ރެކޯޑް މިންވަރެއްގައި ކަމަށެވެ. އެއީ ގާތްގަނޑަކަށް 470,000 ޓަނެވެ. އެ މުއްދަތުގައި ރަޝިޔާއަށް ޕެޓްރޯލް ފޮނުވީ އިންޑިއާ ތުރުކީ އަދި މޮރޮކޯ އިންނެވެ.
އިންޑިއާއިން ފޮނުވި ބޮޑުބައި ބޭރުކޮށްފައިވަނީ ގުޖަރާތުގެ ވަޑީނާރުގައި ހުންނަ ނަޔާރާ އެނަރޖީގެ ރިފައިނަރީންނެވެ. އެ ރިފައިނަރީގެ ދެބައިކުޅަ އެއްބައި ހިއްސާ އޮތް ރަޝިޔާގެ ރޮސްނެފްޓުގެ ތެޔޮ 2022 ވަނަ އަހަރުން ފެށިގެން އިންޑިއާއިން ގިނަ ޢަދަދަކަށް ގަންނަމުން ދެއެވެ. ޖޫން އަދި ޖުލައިގައި ދުވާލަކު 2.6 މިލިއަނަށް ވުރެ ގިނަ ފީފާ ރަޝިޔާގެ ސާފުނުކުރާ ތެޔޮ އިންޑިއާއިން ގަތް އިރު ފެބްރުއަރީ މަހު އެ ޢަދަދު އޮތީ ދުވާލަކު އެއް މިލިއަން ފީފާގައެވެ. އެ ދުވަސްވަރު އިންޑިއާ އެތެރެކުރި ސާފުނުކުރާ ތެލުގެ ދެބައިކުޅަ އެއްބައިން ބޮޑު މިންވަރަކީ ރަޝިޔާގެ ތެލެވެ. އެހެންވެ ރަޝިޔާއަށް އަނބުރާ ފޮނުވި ޕެޓްރޯލް ސާފުކޮށްފައިވަނީ ރަޝިޔާގެ ސާފުނުކުރާ ތެލުން ކަމަށް ބެލެވެއެވެ.
ވޯޓެކްސާއިން ބުނީ އޮގަސްޓް މަހު ރަޝިޔާ އެތެރެކުރި ޕެޓްރޯލްގެ 55 އިންސައްތައެއްހާ މިންވަރު، ގާތްގަނޑަކަށް 260,000 ޓަނު، އުފުލާފައިވަނީ ދަތިކުރުމުގެ ފިޔަވަޅު އެޅިފައިވާ ބޯޓުފަހަރުގައި ކަމަށެވެ. "އިންޑިއާއިން އައި ހުރިހާ ޕެޓްރޯލް ޝިޕްމެންޓެއް އުފުލީ ދަތިކުރުމުގެ ފިޔަވަޅު އެޅިފައިވާ ފްލީޓުތަކުން ކަމަށާއި މެޑިޓެރޭނިއަންގައި ސިއްރު ޝިޕް ޓު ޝިޕް ޓްރާންސްފާތައް ހިންގައިގެން" ކަމަށް އެ ކުންފުނިން ބުންޏެވެ. ޖުމުލަ އެތެރެކުރި ޕެޓްރޯލްގެ 40 އިންސައްތަ ބޯޓުން ބޯޓަށް ބަދަލުކޮށްގެން ގެންގޮސްފައިވާ އިރު ގިނަ އޮޕަރޭޝަންތައް ހިންގީ އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް (އޭއައިއެސް) ސިގްނަލް ނިއްވާލައިގެންނެވެ.
ރަޝިޔާއިން މިހާ ގިނަ ޢަދަދަކަށް ޕެޓްރޯލް އެތެރެކުރަން ޖެހުނީ ޔޫކްރެއިނުގެ ޑްރޯން ހަމަލާތަކުގައި އެ ޤައުމުގެ ރިފައިނަރީތަކަށް ބޮޑެތި ގެއްލުން ލިބި އެތެރޭގެ ޕެޓްރޯލް އުފެއްދުން 70 އިންސައްތައާ ހަމައަށް ދަށްވުމުންނެވެ. ޖުލައި އަދި އޮގަސްޓް މަހު ރަޝިޔާގެ ރިފައިނަރީތަކަށް 32 ހަމަލާ ދީފައިވާ ކަމަށް ވޯޓެކްސާއިން ބުނެފައިވެއެވެ. ދުނިޔޭގެ އެންމެ ގިނައިން ސާފުނުކުރާ ތެޔޮ ބޭރުކުރާ އެއް ޤައުމު ކަމުގައިވާ ރަޝިޔާ އެތެރޭގެ ޑިމާންޑް ފުއްދުމަށް ތެޔޮ އެތެރެކުރަން ޖެހުމާ އެކު ޖުލައި މަހު ޕެޓްރޯލް ބޭރުކުރުން މުޅީން މަނާކޮށް 2027 ވަނަ އަހަރުގެ ޖެނުއަރީ ނިޔަލަށް އެ މަނާކުރުން ދަމަހައްޓައިފައިވެއެވެ. ހަމަ އެގޮތަށް ޑީސަލް ބޭރުކުރުމުން 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު 1 ގެ ނިޔަލަށް މަނާކުރުމަށް ނިންމާފައިވެއެވެ.
ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރަޝިޔާއިން ވަކި މިންވަރަކަށް ޕެޓްރޯލް އެތެރެކުރާނެ ކަމަށް ވޯޓެކްސާއިން ލަފާކޮށްފައިވެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists