ނޭޕާލްގެ ބޯޓޭ ކޯޝީ ސަރަހައްދަށް 26 އޮގަސްޓް 2026 ގައި އައި ނުރައްކާތެރި ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން، އިންޑިއާއިން އެ ގައުމަށް އެހީތެރިކަން ފޯރުކޮށްދީ މީހުން ސަލާމަތްކުރުމުގެ ބޮޑު އޮޕަރޭޝަނެއް ފަށައިފިއެވެ.
މި ކާރިސާގައި ގިނަ ބައެއްގެ ފުރާނަ ގެއްލި، ގެދޮރާއި މަގުތަކާއި ފާލަންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ނޭޕާލްގެ ބޮޑުވަޒީރަށް ގުޅުއްވައި ތައުޒިޔާ ފޮނުއްވައި، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާ އޮތީ ތައްޔާރަށްކަމަށް ވިދާޅުވެފައެވެ. މީގެއިތުރުން އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރުވެސް ވަނީ ނޭޕާލްގެ ހާރިޖީ ވަޒީރާ މަޝްވަރާ ކުރައްވާފައެވެ.
މި ކާރިސާގައި ގެއްލުންވި ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ އިންޑިއާ ރައްޔިތުންވެސް ތިބުމާއެކު، އިންޑިއާ ސަރުކާރުން އަންނަނީ ނޭޕާލް އަދި ޗައިނާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ނޭޕާލުން މިހާތަނަށް އިންޑިއާގެ 108 ރައްޔިތަކު ސަލާމަތްކޮށްފައިވާއިރު، ޗައިނާ މަގުން 598 އިންޑިއާ ރައްޔިތަކު ވަނީ ރައްކާތެރިކަމާއެކު ނޭޕާލަށް އެތެރެވެފައެވެ. އަދި ކަތަމަންޑޫ އަދި ބެއިޖިންގައި ހުންނަ އިންޑިއާ އެމްބަސީތަކުން ދަނީ ހާލުގައިޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދީ، އެމީހުން އެނބުރި ގައުމަށް ފޮނުވުމުގެ މަސައްކަތް ބަލަހައްޓަމުންނެވެ.
އިންޑިއާގެ އަސްކަރީ ވައިގެ އުޅަނދުތައް ބޭނުންކޮށްގެން މިހާތަނަށް 57.5 ޓަނުގެ އިމަޖެންސީ އެހީގެ ތަކެތި ނޭޕާލަށް ވަނީ ފޮނުވާފައެވެ. މި ތަކެތީގެ ތެރޭގައި ވަގުތީ ފުރާޅު، ކެންވަސް، ކަންބަލި، ސާފުތާހިރުވުމަށް ބޭނުންކުރާ ތަކެތި، ސޯލާ ބައްތި، ބޭސް، ކާބޯތަކެތި، ޖެނެރޭޓަރު އަދި ފެން ސާފުކުރާ ބޭސް ހިމެނެއެވެ. މީގެއިތުރުން ހޯދުމާއި ސަލާމަތްކުރުމުގެ މަސައްކަތްތަކަށް އެހީތެރިވުމަށް އިންޑިއާ އާމީގެ ޓަނަލް ރެސްކިއު ޓީމަކާއި، މެޑިކަލް ޓީމެއްގެ އިތުރުން ހަށިގަނޑުތައް ދެނެގަތުމަށް ފޮރެންސިކް ޑީ.އެން.އޭ އެނަލިސިސް ޓީމެއްވެސް ވަނީ ނޭޕާލަށް ފޮނުވާފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists