ޑްރަގް ނެޓްވޯކެއްގެ އިސް ދެ މީހަކު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މަސްތުވާތަކެތި އެތެރެކުރުމާއި އެތަކެތި ޓްރެފިކް ކުރުން ހުއްޓުވުމަށްޓަކައި ޖުލައި މަހުން ފެށިގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އަޕާ ސައުތު ޕޮލޮސްގެ ގއ. އަތޮޅު ޕޮލިސް އާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އަދި ޑްރަގް އެންފޯސްމެންޓް ގުޅިގެން ސެޕްޓެމްބަރު 2 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދަކަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރާކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ގއ. މާމެންދޫ ދެ ގެއެއް ބަލައިފާސްކޮށް ދެ މީހަކު ވަނީ ހައްޔަރުކޮށްފައި ކަމަށެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ގއ. މާމެންދޫ / ފިޔާތޮށިވިލާ، އަޒުހަދު ނަސީމް (29އ) އާއި ގއ. މާމެންދޫ / ރޯޝަނީގެ، ރިޝްފާން ރާމިޒު (29އ) އެވެ. މި ދެ މީހުންނަކީވެސް މި ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭ ދެމީހުން ކަމަށް ފުލުހުން ބުންޏެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ފަސް ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ބުނި ގޮތުގައި ބަލައި ފާސްކުރި ދެ ގެއިން، ވަގުތީ ބަރުދަނުގައި 17.7 ކިލޯގެ މަސްތުވާތަކެތިކަމަށް ޝައްކުރެވޭ އެއްޗެހި ފެނިފައިވެއެވެ. މި އޮޕަރޭޝަނުގައި އިތުރު ތަންތަން ބަލައިފާސްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި މި މައްސަލަ އަޕާ ސައުތު ޕޮލޮސްއާއި ޑްރަގް އެންފޯސްމެންޓް ގުޅިގެން ދަނީ ތަހުގީގުކުރަމުން ކަމަަށް ވެސް ބުންޏެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists