ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ފުރާވަޑައިގެންފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ ބޮޑުވަޒީރު އަންވަރު, ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު މިހާރު ފުރާވަޑައިގެންފައިވާ ކަމަށެވެ. ވީއައިއޭ އިން އެމަނިކުފާނަށް އަލްވަދާއު ވިދާޅުވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އެވެ.
ބޮޑުވަޒީރު އަންވަރު ފުރާވަޑައިގަތުން -- ފޮޓޯ: ރައީސް އޮފީސް
ބޮޑުވަޒީރު އަންވަރު, ރާއްޖެ ވަޑަައިގަތީ ރޭގެ ވަގުތެއްގަ އެވެ. ވީއައިއޭން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އެވެ. އެމަނިކުފާނަށް ރަސްމީކޮށް މަރުހަބާ ދެންނެވުން އޮތީ މިއަދު ހެނދުނު ޖުމްހޫރީ މައިދާނުގަ އެވެ.
ބޮޑުވަޒީރު އަންވަރު ފުރާވަޑައިގަތުން -- ފޮޓޯ: ރައީސް އޮފީސް
މި ދަތުރުފުޅުގައި ބޮޑުވަޒީރު އަންވަރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއެކު، ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ރަސްމީ މަޝްވަރާތައް ބާއްވަވާފަ އެވެ. އަދި ދެ ޤައުމުގެ އިސްވެރިންގެ ހާޒިރުގައި ބައެއް ފަހުމުނާމާ (އެމް.އޯ.ޔޫ) ތަކުގައި ސޮއިކުރައްވާ، މިކަމުގެ ލިޔެކިޔުންތައް ބަދަލުކޮށްފައިވެ އެވެ. އަދި ދެ ޤައުމުގެ ލީޑަރުންގެ މެދުގައި ކުރިއަށްގެންދެވި މަޝްވަރާތަކުގެ ނަތީޖާއާ ގުޅޭގޮތުން ދެބޭފުޅުން ވެސް ނޫސްވެރިންނަށް ބަޔާނެއް ދެއްވާފައިވެ އެވެ.
މިއީ ނޮވެމްބަރު 2022 ގައި މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު، މެލޭޝިޔާގެ ބޮޑުވަޒީރު ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists