ވޭތުވެދިޔަ ހަފްތާގެ ތެރޭގައި މާލެ ސަރަހައްދުން ހިމަބިހި (މީސަލްސް) ޖެހިފައިވާ ފަސް މީހަކު ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭ އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ރާއްޖެއިން މިހާތަނަށް ޖުމްލަ 269 މީހަކަށް ވަނީ ހިމަބިހި ޖެހިފަ އެވެ. މިހާރު ދަނީ މި ބަލި ޖެހޭ މީހުންގެ އަދަދު މަދުވަމުންނެވެ.
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،368 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފަ އެވެ.
އެޗްޕީއޭ އިން ބުނި ގޮތުގައި ހިމަބިއްސަކީ ވައިގެ ޒަރީއާއިން ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ އަދި އޭގެ ސަބަބުން ސިއްހީ ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ބައްޔެކެވެ. އެހެންކަމުން، މި ނުރައްކާތެރި ބަލިން ރައްކާތެރިވުމަށް އެޅެން އޮތް އެންމެ މުހިންމު ފިޔަވަޅަކީ ހިމަބިހި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުން ކަމަށް އެ އެޖެންސީން ވަނީ ހަނދާންކޮށްދީފަ އެވެ.
އެހެންކަމުން، އެއްވެސް ސަބަބަކާ ހުރެ ވެކްސިން ފުރިހަމަނުކުރެވި ތިބި ފަރާތްތަކުން ވީ އެންމެ އަވަހަކަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists