ޕީއެންސީ ނޫނީ ދެން ހުރީ ފަނާކުރާ ފިކުރުގެ ޕާޓީތައް ކަމަށާ ގައުމަށް އެންމެ ފައިދާ އޮތް ގޮތަކީ ޕީއެންސީއާއެކު ކުރިއަށް ދިއުން ކަމަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެންސީގެ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެހެން ޕާޓީތަކަށް ފާޑުވިދާޅުވަމުން ރައީސް ވިދާޅުވީ ޕީއެންސީ ނޫނީ ގައުމު އިސްކުރާ ޕާޓީއެއް ނެތް ކަމަށެވެ. އެހެން ޕާޓީތަކުން ފެންނަނީ ފަނާކުރުމުގެ ފިކުރު ކަމަށްވެސް ވިދާޅުވި އެވެ.
"އެންމެ ފުރަތަމަ ގައުމު ނޫން ގޮތެއް ނެތް. އެހެންވީމަ އޮތީ ޕީއެންސީއާއެކު ކުރިއަށް ދިއުމޭ. އެއީ ޤައުމަށް އެންމެ ފައިދާހުރި ގޮތް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ކޮންމެ ރައްޔިތަކީ ވެސް އަމިއްލަ ސިކުނޑިން ވިސްނާ މީހަކަށް ވުމަށް ގޮވާލައްވާފަ އެވެ. ވިދާޅުވީ އަމިއްލަ ސިކުނޑިން ވިސްނާލުމުން ގައުމަށް ހެޔޮ އެދެނީ ކޮން ބައެއް ކަމާއި އަމިއްލަ އެދުމުގައި މަސައްކަތް ކުރަނީ ކޮން ބައެއްކަން ސާފުވާނެ ކަމަށެވެ.
ޕީއެންސީގެ އޮތީ އަދުލްވެރިކަމާއެކު އިހްލާސްތެރި ވެރިކަމެއް ކުރުމުގެ ވިސްނުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މި ދައުރުގައި ވެސް އަދި ދެވަނަ ދައުރެއްގައިވެސް އަދި އޭގެ ފަހުން އިތުރު ދައުރެއް ލިބުނުނަމަވެސް ޕީއެންސީގެ ސިޔާސަތަކަށް ވާނީ އެގޮތް ކަމުގައި ވިދާޅުވި އެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists