ތިން އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށްފަހު ޣައްޒާގެ އެތައް ހާސް ކުދިންގެ ކިޔެވުން ފަށައިފިއެވެ.
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.
ކިޔެވުމަށް އެނބުރި ދިޔަ ނަމަވެސް ސްކޫލް ޢިމާރާތްތައް ހަލާކުވެފައި ހުރުމުން ފޭލިގެތަކާއި ވަގުތީ މަރުކަޒުތަކުގެ ބިންމަތީ އިށީނދެ ތިބެ ކިޔަވަން ޖެހިއްޖެއެވެ.
2026/2027 ވަނަ އަހަރުގެ ދިރާސީ އަހަރު ފެށުމާ ގުޅިގެން އދ. ގެ ރެފިއުޖީ އެޖެންސީ (އުންރުވާ) އިން ދަނީ އެ ޖަމާޢަތަށް ލިބެން ހުރި މަދު ވަސީލަތްތައް ބޭނުންކޮށްގެން ތަޢުލީމީ ޙަރަކާތްތައް ހިންގުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ކްލާސްރޫމްތައް އަދި ހުރީ 50 އާއި 70 އާ ދެމެދުގެ ޢަދަދަކަށް ކަމުން ކްލާސްރޫމްތަކުގައި ކުދިން ކިޔަވަމުން ދަނީ ތޮއްޖެހިގެން ތިބެގެންނެވެ.
ބެލެނިވެރިން ބުނާ ގޮތުގައި ކުދިން ސްކޫލަށް ވަންނަތާ ކުޑައިރުކޮޅެއް ތެރޭ އެ ތަނުގެ ނިކަމެތި ޙާލަތު ތަޙައްމަލު ނުކުރެވިގެން ގެއަށް އެނބުރި އާދެއެވެ. ޣައްޒާގެ ތަޢުލީމީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ވަރަށް ބޮޑުވެފައިވާއިރު، ކިޔަވައިދިނުމުގައި ބޭނުންކުރާނޭ ވަސީލަތްތައް އެކަށީގެންވާ ވަރާ ގާތަށްވެސް ނެތެވެ.
ޣައްޒާގެ ގެދޮރު ގެއްލުނު އާއިލާތައް ސްކޫލް ޢިމާރާތްތަކުގެ ބައެއް ބައިތަކުގައި ދިރިއުޅެމުންދާތީ ކުދިންނަށް ހަމަހިމޭން މާޙައުލެއްގައި ކިޔެވުމުގެ ފުރުޞަތެއް ނެތެވެ. ބައިނަލްއަޤުވާމީ ރިޕޯޓުތައް ބުނާ ގޮތުގައި ޣައްޒާގައި ހުރި ސްކޫލްތަކުގެ 98 އިންސައްތަ ވަނީ އިސްރާއީލުން ދިން ހަމަލާތަކުގައި ހަލާކުވެފައެވެ. އެއާ ގުޅިގެން 660,000 އަށް ވުރެ ގިނަ ދަރިވަރުންނަށް ވަނީ ކްލާސްރޫމެއްގައި ކިޔެވުމުގެ ފުރުޞަތު ގެއްލިފައެވެ. ހަމަ އެހެންމެ މުދައްރިސުން ލިބުމުގެ ދަތިކަން އިންތިހާއަށް އޮތްއިރު، އެމީހުންނަށް މުސާރަ ދޭނެގޮތެއްވެސް ނެތެވެ. މީގެ އިތުރުން ކަރަންޓާއި އިންޓަނެޓާއި ފޮތްތަކާއި ސާފު ބޯފެނާއި ފާޚާނާގެ ޚިދުމަތް ވެސް ނެތި ކިޔަވައިދޭން ޖެހުމުން ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists