ޔަމަނުގެ ޙޫޘީ ޖަމާޢަތުން ސަޢޫދީ ޢަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ގުޅިފައިވާ ދިފާޢީ އެއްބަސްވުމެއްގެ ދަށުން ސަޢޫދީއަށް އެހީތެރިވެވޭނެ ގޮތްތައް މަޝްވަރާކުރުމަށް ސަޢޫދީ ޢަރަބިއްޔާ އާއި ތުރުކީ އާއި ޕާކިސްތާނުގެ އިސް ވެރީން ކުއްލި ބައްދަލުވުމެއް ބާއްވައިފިއެވެ.
ސަޢޫދީ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައިވާ ގޮތުން މައްކާ ގުޅިފައިވާ ދިފާޢީ އެއްބަސްވުމުގެ އޮނިގަނޑުގައި ތިން ޤައުމުގެ ވަޒީރުން ބައްދަލުކޮށް މައްކާ އާއި އެހެނިހެން މަދަނީ ސަރަޙައްދުތަކަށް އަމާޒުކޮށް ދީފައިވާ ހަމަލާތައް ކުށްވެރިކޮށް ސަޢޫދީން އަމިއްލައަށް ދިފާޢުވުމުގެ ޙައްޤު ކަށަވަރުކޮށްދީފައިވެއެވެ.
"ތިން ޤައުމުގެ ޗީފް އޮފް ސްޓާފުންގެ ކުއްލި ބައްދަލުވުމެއް ބޭއްވުމާ ގުޅޭ އިންތިޒާމުތައް ވަޒީރުން މަޝްވަރާ ކުރެއްވީ މައްކާ ގުޅިފައިވާ ދިފާޢީ އެއްބަސްވުމުގެ ދަށުން ސަޢޫދީއަށް އެހީތެރިވެވޭނެ ގޮތްތައް ބެލުމަށްް. އެ އެއްބަސްވުމުގައި ބަޔާންކުރާ ގޮތުން އެއް ފަރާތަކަށް ދެވޭ ހަމަލާއަކީ ހުރިހާ ފަރާތްތަކަށް ދެވޭ ހަމަލާއެއް" ކަމަށް އެ ބަޔާނުގައިވެއެވެ.
ޙޫޘީން ބުރާސްފަތި ދުވަހު ސަޢޫދީ ސަރަހައްދުތަކަށް އެތަކެއް މިސައިލާއި ޑްރޯން ފޮނުވާލި ކަމަށް ބުނެފައިވާއިރު ސަޢޫދީ ކަމާ ބެހޭ ފަރާތްތަކުން ބުނީ ޙޫޘީން ފޮނުވާލި ހަ ބެލިސްޓިކް މިސައިލެއް ހުއްޓުވާފައިވާ ކަމަށެވެ. އެ ހަމަލާތަކާ ގުޅިގެން މައްކާ އާއި ޖިއްދާ އާއި ޔަންބޫ ހިމެނޭ ގޮތަށް ސަރަޙައްދުތަކަށް ސަޢޫދީން ކުރިން އެމެޖެންސީ އެލާޓު ނެރެފައިވެއެވެ. ޔަންބޫ އަކީ ރެޑް ސީ އައްސޭރީގައި އޮންނަ ސަޢޫދީގެ މައި ތެޔޮ ބަނދަރެވެ. ސަޢޫދީ ސަރުކާރުގެ މަތީ އިދާރާއިން ވަނީ ޙޫޘީން ބާރުން ދުރުކުރެވެންދެން ހަނގުރާމަ ކުރުމަށް ސިފައިން ތައްޔާރަށް ތިބުމަށް ގޮވައިލައިފައެވެ.
މި ހަމަނުޖެހުންތައް ހިނގަމުންދިޔައިރު އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއާން އެމެރިކާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޙޫޘީންނާ އީރާނާ ގުޅުމެއް ނެތް ކަމަށް ދެއްކުމަށް މަސައްކަތްކޮށް "ޙޫޘީންގެ ޢަމަލުތަކަށް ޒިންމާ ވާނީ ޚުދު ޙޫޘީން" ކަމަށް ބުނެފައިވެއެވެ. އެ ބައްދަލުވުން އޮތީ އދ.ގެ ޢާންމު މަޖިލީހުގައި ތަޤުރީރު ކުރިތާ އެއް ދުވަސް ފަހުންނެވެ.
ފެބްރުއަރީ މަހު އެމެރިކާ އާއި އިސްތިޢުމާރީ އިސްރާއީލު ގުޅިގެން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގައި އެތައް ހާސް ބަޔަކު މަރުވެ ދުނިޔޭގެ ހަކަތައިގެ ސަޕްލައިއަށް ބުރޫ އަރައި ތެލުގެ އަގު މައްޗަށް ގޮސްފައިވެއެވެ.
ސީދާ ކުރިމަތިލުން ކޮންމެވެސް ވަރަކަށް މައިތިރިވެފައިވީ ނަމަވެސް ލުބުނާނުގައި ހިޒްބުالله އިން އިސްރާއީލާ ކުރިމަތިލައި ޔަމަނުގައި ޙޫޘީން ކުރިއެރުން ހޯދަމުންދެއެވެ. ޙޫޘީންގެ ޙަރަކާތްތަކުން ރެޑް ސީ ކަނޑުދަތުރުފަތުރަށް ބުރޫ އަރާފައިވާއިރު ހޮރމޫޒް ކަނޑުއޮޅީގައި ޓޭންކަރު ދަތުރުތައް ވެސް ވަނީ ހުރަސް އެޅިފައެވެ. ހަނގުރާމައިގެ ކުރީން ދުނިޔޭގެ ތެޔޮ އެކްސްޕޯޓުގެ 20 އިންސައްތަ ދަތުރުކުރީ އެ ކަނޑުއޮޅީންނެވެ.
ޙޫޘީންނަކީ ޔަމަނުގެ ދާޚިލީ ހަމަނުޖެހުމަކުން އުފެދި ޔަމަނުގެ އުތުރުގެ ބޮޑު ސަރަޙައްދެއް ކޮންޓްރޯލް ކުރާ ޝީޢީ ޖަމާޢަތެއް ކަމަށް ވިޔަސް ޔަމަނު ސަރުކާރާއި އީރާނާއި ސަރަޙައްދީ މަސްދަރުތަކާ ހަވާލާދީ ރޮއިޓާސް އިން ބުނީ ރެޑް ސީ އައްސޭރީގައި ޙޫޘީން ކުރިއެރުން ހޯދީ އީރާނުގެ ރެވޮލިއުޝަނަރީ ގާޑުގެ ސީދާ އިރުޝާދުގެ ދަށުން ކަމަށެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists